އަލްހާންގެ އިތުރުން އޭނާގެ ދެ ކޮއްކޮއަށްވެސް ޕޮންޒީ ސްކީމުގެ މައްސަލާގައި ދައުވާކުރަން ފޮނުވައިފި

އަލްހާންގެ އިތުރުން އޭނާގެ ދެ ކޮއްކޮއަށްވެސް ޕޮންޒީ ސްކީމުގެ މައްސަލާގައި ދައުވާކުރަން ފޮނުވައިފި

Author
ހުސެއިން
14 ނޮވެމްބަރ 2023 05:53
0

އޮޅުވާލައިގެން ގިނަ ބައެއްގެ އަތުން ފައިސާ އަތުލައި "އޮންލައިން ޓްރޭޑިން"ގެ ނަމުގައި ޕޮންޒީ ސްކީމެއް ހިންގިކަމުގެ ތުހުމަތު ކުރެވިފައިވާ، އަލްހާން ފަހުމީގެ އިތުރުން އޭނާގެ ދެ ކޮއްކޮގެ މައްޗަށްވެސް ދައުވާކުރަން ފޮނުވައިފިއެވެ.

މި މައްސަލާގައި އަލްހާންގެ އިތުރުން ފުލުހުން  ދައުވާކުރަން ހުށަހަޅާފައި ވަނީ އަލްހާންގެ އިތުރުން ޝަހުބާން ފަހުމީ އާއި ޝަޒުބާން ފަހުމީގެ މައްޗަށެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި މިމައްސަލާގައި ދައުވާ ކުރުމާއިގުޅޭގޮތުން ޕީޖީން ވަރަށް އަވަހަށް ގޮތެއް ނިންމާނެއެވެ.

ރާއްޖޭގައި ބޮޑު ފްރޯޑެއް ހިންގާކަމުގެ ތުހުމަތުގައި އަލްހާން ފަހުމީގެ މައްސަލަ ތަހުގީގުކޮށް އަދި ކުންފުނީގެ އެކައުންޓް ފްރީޒްކޮށްފައިވަނީ މިދިޔަ އަހަރުގެ މާޗް މަހުގައެވެ. އޭރު ފްރީޒްކޮށްފައިވަނީ އަލްހާން ފަހުމީގެ "ކިންގްސް ފޮރެކްސް ޓްރޭޑިން"ގެ އެކައުންޓެވެ. ރާއްޖޭގައި ޕޮންޒީ ސްކީމެއް ހިންގާ ކަމަށް ބުނެ އެމްއެމްއޭއިން ވަނީ އާންމުގެ ސަމާލުކަމަށްވެސް އޭރު އެ މައްސަލަ ގެނެސްފައެވެ. މިއީ ގިނަ ބައެއްގެ އަތުން ފައިސާ ހޯދައި، އިން އިންވެސްޓުކޮށް، ވަކި މުއްދަތެއްގެ ތެރޭގައި އެ ފައިސާ ދޭނެ ކަމަށް ބުނެ ހިންގި ސްކީމެކެވެ.

އަލްހާންގެ މައްޗަށް ދައުވާކުރުމަށް މިމައްސަލަ މިހާރު ޕީޖީ އޮފީހަށް ފޮނުވާފައިވާކަން ފުލުންވަނީ ބައެއް މީޑިއާތަކަށް ޔަގީން ކޮށްދީފައެވެ.

އަލްހާންގެ ކުންފުނީގެ އެކައުންޓް ފްރިޒްކުރުމާއި ގުޅިގެން އެކުންފުނިން އޭރު ބުނީ، މޯލްޑިވްސް މަނިޓަރީ އޮތޯރިޓިން ނުސީދާކޮށް އެކުންފުންޏަށް އަމާޒުކޮށް އެކުންފުނިން ފްރޯޑެއް ހަދަމުންދާ ކަމަށް ދޭހަވާގޮތަށް، އެކުންފުނި ބަދުނާމުވާގޮތަށް ބަޔާންނެރެ  ގުޑްވިލް ހަލަކުކޮށްލާ، އަގުވައްޓާލާ އިތުބާރު ގެއްލޭ ގޮތަށް ނެރުނު އަންޕްރޮފެޝަނަލް ބަޔާނެއްކަމަށާއި، އެކަން ކުށްވެރިކުރާކަމަށެވެ.

ކިންގްސް ކެޕިޓަލުން ސިވިުލްކޯޓުގައި ދައުވާކުރީ އެކުންފުނީގެ އެކައުންޓްތައް ޑީއެކްޓިވޭޓްކުރީ ގާނޫނާ ޚިލާފަށް ކަމަށް ކަނޑައަޅައިދިނުމަށާއި އަދި އެކަމުގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލު ހޯދުމުގެ ހައްގު އެ ކުންފުންޏަށް އޮންނާނެ ކަމަށް ކަނޑައަޅައިދިނުމަށެވެ. މި ދެކަން މިގޮތަށް ކަނޑައަޅައި މިއަހަރުގެ ޖެނުއަރީމަހުގެ 24 ވަނަދުވަހު ސިވިލްކޯޓުން ޙުކުމް ކުރިއެވެ. އެހެންކަމުން ގެއްލުމުގެ ބަދަލު ހޯދަން ދަޢުވާކުރުމުގެ ހައްޤު އެކުންފުންޏަށް އޮންނާނެކަމަށްވެސް ސިވިލްކޯޓުގެ ޙުކުމުގައި ވެއެވެ.

އަލްހާނުގެ ކުންފުނީގެ އެކައުންޓް ޑީއެކްޓްވޭޓްކުރީ ގިނަޢަދަދެއްގެ ފައިސާ އެކުންފުނީގެ އެކައުންޓުތަކަށް ޖަމާވަމުންދާ ސަބަބު ބުނެދިނުމަށް އެދި ބޭންކް އޮފް މޯލްޑިވްސްއިން އެކުންފުންޏަށް އެންގިތާ އެއް ދުވަސް ފަހުންކަން ފާހަގަކޮށްފައިވެއެވެ. އަދި މަނީ ލޯންޑްރިންއަށް ޝައްކު ކުރެވޭ ފައިސާއެއް ހިފެހެއްޓޭނީ ކޯޓު އަމުރެއްގެ ދަށުން ކަމަށް ޤާނޫނުގައި ބުނެފައިވާއިރު ބޭންކުން އެކަން ކުރީ ލިބިފައި ނުވާ ބާރެއްގެ ދަށުންކަމަށްވެސް ޙުކުމުގައި ވެއެވެ.

އަލްހަނުގެ ކުންފުނީގެ އެކައުންޓްތައް ހިފެހެއްޓުމާ އެކު، އިންވެސްޓުކުރަން ފައިސާ ދިން ގިނަ ބަޔަކަށް އެމީހުން ދިން ފައިސާވެސް ނުލިބި، ބޮޑެތި މާލީ ގެއްލުންތަކާ ކުރިމަތިލާން ޖެހިފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.