ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު

ބިން ވިއްކައިގެން އާބަންކޯއަށް ލިބޭނެ ކަމަށް ލަފާކުރި އާމްދަނީ ނުލިބޭ: އަމީރު

ބިން ވިއްކައިގެން އާބަންކޯއަށް ލިބޭނެ ކަމަށް ލަފާކުރި އާމްދަނީ ނުލިބޭ: އަމީރު

އާބަންކޯ އިން ބިން ވިއްކައިގެން ލިބޭނެ ކަމަށް ލަފާ ކުރި އާމްދަނީ ނުލިބޭ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

މި އަހަރުގެ ބާކީ ހަރަދުތައް ހަމަޖެއްސުމަށްޓަކައި ސަރުކާރުން މިއަދު ވަނީ 6.5 ބިލިއަން ރުފިޔާގެ ބަޖެޓެއް ހުށަހަޅައިފައެވެ.

ސަޕްލިމެންޓްރީ ބަޖެޓު މަޖިލިހަށް ހުށަހަޅުއްވައި ދެއްވަމުން އަމީރު ވިދާޅުވީ ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ގިނަ އަދަދެއްގެ ފައިސާ ބަޖެޓުން ދޭން ޖެހެނީ މި އަހަރު ކްރޮސް ސަބްސިޑީގެ އުސޫލުގެ ތެރެއިން ދައުލަތަށް ފައިސާ ލިބިފައިވުމާއެކު ކްރޮސް ސަބްސިޑީގެ އުސޫލުން ހިންގާ ފައިސާ ދޫކުރުމަށް ކަމަށެވެ.

އަދި މި އަހަރުގެ ތެރޭގައި ބިން ވިއްކައިގެން ލިބޭނެ ކަމަށް އަންދާޒާ ކުރި އާމްދަނީ ނުލިބުމާއި ހިޔާ ފްލެޓުތަކުގެ ކުލި ކުޑަކުރުމުންނާއި އާބަންކޯގެ ކޭޝްފްލޯ ހަމަޖެއްސުމަށް ދައުލަތުން އެ ކުންފުންޏަށް ކެޕިޓަލް ދޭން ޖެހިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

"ކެޕިޓަލް ދޫކުރުމަށް ސަޕްލިމެންޓަރީ ބަޖެޓުގައި 611.7 މިލިއަން ރުފިޔާ ހިމަނާފައިވާނެ،" އަމީރު ވިދާޅުވިއެވެ.

މީގެއިތުރުން ކުންފުނިތަކުގެ ވޯކިން ކެޕިޓަލަށް ބޭނުންވާ ފައިސާ ދޫކުރުމަށް ބަޖެޓުން ޓްރެޝަރީ ލޯން ދޫކޮށްފައިވާނެ ކަމަށާއި އެގޮތުން އާރުޑީސީ އާއި ފެނަކައިގެ ޓްރެޝަރީ ލޯނަށް 291.3 މިލިއަން ރުފިޔާ ދޭން ކަނޑައަޅާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އަމީރު ވިދާޅުވި ގޮތުގައި މިއަހަރު ތެޔޮ ސަބްސިޑީއަށް 1.8 ބިލިއަން ރުފިޔާ އަރައެވެ. ތެލުގެ ސަބްސިޑީ އެހާ ބޮޑުވީ ބޭރުގެ ބާޒާރުގައި ތެލުގެ އަގު ބޮޑުވުމުގެ ސަބަބުން ކަމަށް އޭނާ ވިދާޅުވިއެވެ.

ހަމައެއާއެކު، ސްޓޫޑަންޓް ލޯން ސްކީމަށް މި އަހަރު ބަޖެޓު ތައްޔާރު ކުރިއިރު، އަންދާޒާ ކުރި ވަރަށް ވުރެ އިތުރު ދަރިވަރުންނަށް ލޯން ދޭން ނިންމާފައިވާ ކަމަށާއި މިއީ ދަރިވަރުންގެ މުސްތަގްބަލަށް މުހިންމު ނިންމުމެއް ކަމަށް ވެސް އަމީރު ވިދާޅުވިއެވެ.

މީގެއިތުރުން ޕީއެސްއައިޕީ މަޝްރޫއުތަކަށް ބަޖެޓުގައި 1.8 ބިލިއަން ރުފިޔާ ހިމަނާފައިވާނެ ކަމަށް ވެސް އަމީރު ވިދާޅުވިއެވެ. އޭގެ ތެރެއިން 1.1 ބިލިއަން ރުފިޔާއަކީ ލޯނުން ހިންގާ މަޝްރޫއުތައް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އަމީރު ވިދާޅުވީ އިންތިހާބީ ރައީސްގެ އޮފީހުގެ އެދުމަށް އާ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ހަރަކާތްތަކަށް ސަޕްލިމެންޓްރީ ބަޖެޓުގައި 200 މިލިއަން ރުފިޔާ ހިމަނާފައި ވާނެ ކަމަށެވެ.

އަމީރު ވިދާޅުވި ގޮތުގައި ސަޕްލިމެންޓްރީ ބަޖެޓު ފައިނޭންސް ކުރުމަށް ރާވާފައި ވަނީ އާމްދަނީގެ ގޮތުގައި ލިބޭ ފައިސާއިންނާއި ދަރަނިންނެވެ. ކްރޮސް ސަބްސިޑީގެ ގޮތުގައި 399 މިލިއަން ރުފިޔާ އާމްދަނީގެ ގޮތުގައި ހިމަނާފައިވާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ފައިނޭންސިން ގޮތުގައި 1.6 ބިލިއަން ރުފިޔާ ހޯދަން ޖެހޭ ކަމަށް ވިދާޅުވިއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *