ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު މަޖިލީހަށް މަޢުލޫމާތުދެއްވަނީ

ސަޕްލިމެންޓްރީ ބަޖެޓުން އާސަންދައަށް ކުރާ ހޭދަ ބޮޑު، ނިޒާމު ރީފޯމްކުރަން ޖެހޭ: އަމީރު

ސަޕްލިމެންޓްރީ ބަޖެޓުން އާސަންދައަށް ކުރާ ހޭދަ ބޮޑު، ނިޒާމު ރީފޯމްކުރަން ޖެހޭ: އަމީރު

މި އަހަރުގެ ބާކީ ބައިގެ ތެރޭގައި ސަޕްލިމެންޓްރީ ބަޖެޓުން އާސަންދަ އަށް ބޮޑު ހޭދައެއް ކުރަން ޖެހޭ ކަމަށާއި އާސަންދައިގެ ނިޒާމު ރީފޯމް ކުރަން ޖެހޭ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މިއަދު ވިދާޅުވެއްޖެއެވެ.

ސަޕްލިމެންޓްރީ ބަޖެޓު މިއަދު މަޖިލީހަށް ހުށަހަޅައިދެއްވަމުން އަމީރު ވިދާޅުވީ، މި އަހަރަށް ލަފާކޮށް ހުށަހެޅި 42.8 ބަޖެޓުގައި މައިގަނޑު ގޮތެއްގައި ހަރަދުތައް އިތުރުވެފައި ވަނީ އާސަންދަ އާއި ސަބްސިޑީ އާއި ލޯން ދޫކުރުމާއި ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ކެޕިޓަލް ކޮންޓްރިބިއުޝަން ދިނުމާއި ޕީއެސްއައިޕީން ކަމަށެވެ.

އާސަންދަ އަށް ބަޖެޓުގައި ހިމެނި ހަރަދު އިތުރުވެފައި ވަނީ ކޮވިޑް-19 ގެ ބަލިމަޑުކަމަށް ފަހު ބޭސްފަރުވާގެ ހިދުމަތް ހޯދުން މަޑުޖެހިފައިވުމަށް ފަހު، މި އަހަރު ރައްޔިތުން ބޭސްފަރުވާގެ އެކިއެކި ހިދުމަތް ހޯދާ މިންވަރު އިތުރުވެފައިވާތީ ކަމަށެވެ.

އަދި ދެމެހެއްޓެނިވި ގޮތެއްގައި އާސަންދައިގެ ނިޒާމު ހިންގުމަށްޓަކައި ބޮޑެތި ރީފޯމްތަކެއް ހިންގަން ޖެހޭ ކަމަށް ވެސް އަމީރު ވިދާޅުވިއެވެ.

"ނަމަވެސް، ބޭސްފަރުވާގެ ޔަގީންކަން ރައްޔިތުންނަށް ހޯދައިދިނުމަށް މިއީ މުހިއްމު ދައުރެއް އަދާކުރާ ނިޒާމެއް. މި ނިޒާމުގައި ހިމެނޭ ލީކޭޖްތައް ރަނގަޅުކުރުމަށްޓަކައި މި އަހަރުގެ ތެރޭގައި ބަލްކް ޕްރޮކިއުމަންޓްގެ ދަށުން ބޭސް ހޯދުމުގެ ސިޔާސަތު ފެށުމަށް ރޭވި، ޔޫއެންޑީޕީ އާއެކު ވަނީ ގަނޑުކޮށް ބޭސް ގަތުމުގެ އިންތިޒާމް ހިމެނޭ އެއްބަސްވުމެއް ހަދާފައި،" އަމީރު ވިދާޅުވިއެވެ.

އަމީރު ވިދާޅުވީ މިހާ ހިސާބަށް އައުން ލަސްވުމާއި އޯޑަރު ޖެހުން ލަސްވެފައިވާތީ އާސަންދައިގެ ހަރަދުން ލިބޭނެ ކަމަށް އަންދާޒާ ކުރި ސޭވިން ކުރިން އަންދާޒާ ކުރި ވަރަށް ރިއަލައިޒްވެފައި ނުވާ ކަމަށެވެ. އެހެންކަމުން އާސަންދަ ސްކީމަށް ބޭނުންވާ ހަރަދުތަކަށް މި އަހަރު ފާސް ކުރި ބަޖެޓަށް ވުރެ އިތުރަށް ހަރަދުދާ ކަމަށް އޭނާ ވިދާޅުވިއެވެ.

ސަޕްލިމެންޓްރީ ބަޖެޓުން އާސަންދައަށް 1.2 ބިލިއަން ރުފިޔާ ވަނީ ކަނޑައަޅައިފައެވެ. ސަޕްލިމެންޓަރީ ބަޖެޓުގެ ގޮތުގައި ޖުމްލަ މަޖިލިހަށް ހުށަހަޅާފައި ވަނީ 6.5 ބިލިއަން ރުފިޔާއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *