އަންނަ އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލިހަށް ފޮނުވާފައިވާ 49.5 ބިލިއަން ރުފިޔާގެ ބަޖެޓަށް ވުރެ ހައްސާސް މައްސަލައެއް މަޖިލިހުގައި އޮތް ކަމަކަށް ފެނިވަޑައިނުގަންނަވާ ކަމަށް ރައްޔިތުންގެ މަޖިލިހުގެ ނައިބު ރައީސް، ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ މިއަދު ވިދާޅުވެއްޖެއެވެ.
މަޖިލިހުގެ އިދާރާ އިން މިއަދު ބާއްވަން އޮތް ދެ ޖަލްސާގެ ތެރެއިން 9:00 ގައި ބާއްވަން އޮތް ޖަލްސާއަކީ އަންނަ އަހަރަށް ލަފާ ކުރާ ބަޖެޓު ހުށަހެޅުމަށާއި ސަޕްލިމެންޓްރީ ބަޖެޓު ހުށަހެޅުމަށް ބާއްވާ ޖަލްސާއެކެވެ. އެކަމަކު، ކޯރަމް ހަމަނުވެގެން ޖަލްސާ ފެށޭ ގޮތް އަދިވެސް ނުވެއެވެ. މިހާތަނަށް އައިއިރު ތިން ފަހަރެއްގެ މަތިން ޖަލްސާ ބާއްވަން އީވާ ވަނީ މަސައްކަތް ކުރައްވައިފައެވެ. އެގޮތުން ހެނދުނު 10:00 އާއި 10:45 ގައި ޖަލްސާ ބޭއްވޭތޯ މަސައްކަތް ކުރި ނަމަވެސް އެކަން ކާމިޔާބު ނުވިއެވެ.
އެހެންވެ، ތިން ވަނަ ފަހަރަށް މަޖިލިހުގެ ޖަލްސާ މެދުކަނޑާލުމުގެ ކުރިން ރިޔާސަތުގައި އިންނެވި އީވާ ވިދާޅުވީ ދައުލަތުގެ ބަޖެޓާއި ސަޕްލިމެންޓްރީ ބަޖެޓް ހުށަހެޅުމަށް ތިން ފަހަރެއްގެ މަތިން ޖަލްސާ ބާއްވަން މަސައްކަތް ކުރި ނަމަވެސް ކޯރަމް ހަމަނުވެގެން ޖަލްސާ ބޭއްވޭ ގޮތެއް ނުވި ކަމަށެވެ.
"އެއަށް ވުރެ (ދައުލަތުގެ ބަޖެޓު) ހައްސާސް މައްސަލައެއް އަޅުގަނޑަކަށް ނުވިސްނޭ އަހަރު ނިމެން ދާއިރު ދައުލަތުގެ ބަޖެޓު ފާސް ކުރުމަށް ވުރެ ވަކި އިތުރު ހައްސާސް މައްސަލައެއް އަޅުގަނޑަކަށް ނުވިސްނޭ މަޖިލިހުގައި،" އީވާ ވިދާޅުވިއެވެ.
އީވާ ވިދާޅުވީ އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލިހަށް ފޮނުވާފައި އޮތް ކަމުގައި ވިޔަސް، މިދިޔަ ހަފްތާގައި ސުޕްރީމް ކޯޓުން ކުރި ހުކުމްގައި މަޖިލިހުގައި ކޮންމެހެން ކުރަން ޖެހޭ ކަންކަން ވަރަށް ސާފުކޮށް އެނގޭނެ ކަމަށެވެ. އެގޮތުން އެއް ކަމަކަށް ދައުލަތުގެ ބަޖެޓުގެ މަސައްކަތް ކުރިއަށް ގެންދަން ޖެހޭނެ ކަމަށް ކޯޓުގެ ހުކުމުން ލާޒިމް ކުރާ ކަމަށް އީވާ ވިދާޅުވިއެވެ.
އަދި މަޖިލިހަށް ހުށަހަޅާ އިތުބާރު ނެތް ކަމުގެ މައްސަލަތަކަކީ ވެސް މުހިންމު މައްސަލަތަކެއްގެ ގޮތުގައި އީވާ ފާހަގަ ކުރެއްވިއެވެ. ސުޕްރީމް ކޯޓުގައި ހުކުމުގައި ދައުލަތު ބަޖެޓު މަޖިލިހަށް ހުށަހެޅުމަކީ އެއްވެސް ހާލަތެއްގައި ކުޑަ ކަމެއް ނޫން ކަން ސުޕްރީމް ކޯޓުގެ ހުކުމްގައި ނެތް ކަމަށް އީވާ ވިދާޅުވިއެވެ.
"ދެން ވެސް ކޯރަމް މަސައްކަތްކޮށްގެން ކޯރަމް ހަމައެއް ނުކުރެވުނު. ސުޕްރީމް ކޯޓުގެ ހުކުމްގައި ދައުލަތް ހުއްޓުމަކަށް ނައިސް، ދައުލަތުން ކުރަން ޖެހޭ މިކަހަލަ ހައްސާސް މައްސަލަތައް އަދި ގާނޫނުއަސާސީން ކުރަން ޖެހޭ ކަން ހުއްޓުމަކަށް ނައިސް ކުރިއަށް ގެންދިއުމަށް ވަރަށް ބާރު އަޅާފައިވޭ." އީވާ ވިދާޅުވިއެވެ.
އީވާ ވިދާޅުވި ގޮތުގައި ބަޖެޓުގެ މަސައްކަތް ކުރުމަކީ އޭނާގެ މައްޗަށް މިވަގުތު އޮތް ޒިންމާއެކެވެ. އެ މަސައްކަތް ކުރިއަށް ގެންދެވޭތޯ ބައްލަވާނެ ކަމަށް އީވާ ވިދާޅުވިއެވެ.