ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަޖިލިސް ރިޔާސަތުން ވަކިކުރުމަށް މިހާރު މަޖިލިހަށް ހުށަހެޅިފައިވާ ގަރާރު ކުރިޔަށް ނުގެންދެވި މަޖިލުހުން މަސައްކަތްތައް ހުއްޓިފައި ވަނިކޮށް، މާދަމާ ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލިހުގެ މާދަމާގެ ޖަލްސާއަށް އަންނަ އަހަރަށް ލަފާކުރާ ބަޖެޓް ހުށަހެޅުމަށް ނަޝީދު އެދިވަޑައިގެންފިއެވެ.
މާދަމާގެ ޖަލްސާއަށް ބަޖެޓް ހުށަހެޅުމަށް އެދި ނަޝީދު ފޮނުސިޓީގައި ވިދާޅުވެފައިވަނީ، ދައުލަތުގެ ބަޖެޓް ހުށަހަޅައި ފާސްކުރުމަކީ ޤާނޫނު އަސާސީއާއި ޤާނޫނުން ލާޒިމު ކުރާ ކަމަކަށްވުމާއި އަދި ވަކި ތާރީހެއްގެ ކުރިން ބަޖެޓް ހުށަހަޅަން އޮންނައިރު، މިނިސްޓަރަށް ވަޑައިނުގަތުމުގެ ސަބަބުން ޤާނޫނާ އެއްގޮތަށް އެކަން ކުރުން ލަސްވެފައިވާކަމުގައެވެ.
އަދި ވިދާޅުވެފައިވަނީ، ގާނޫނުގައި ބުނާ ތާރީޚަށްވުރެ ބަޖެޓް ހުށަހެޅުން މިހާރުވެސް ލަސްވެފައި ވުމާއެކު، ސުޕްރިމް ކޯޓުގެ ހުކުމުގައިވެސް ބަޖެޓް ލަސްކުރެވެން ނޯންނާނެކަމަށް ބަޔާން ކޮށްފައިވާތީއާއެކު، ނަޝީދު އެދިވަޑައިގެންފައިވަނީ ދެން އެންމެ އަވަހަށް އޮންނަ މަޖިލިސް ޖަލްސާއަކަށް ބަޖެޓް ހުށަހެޅޭނެ ގޮތް ހައްދަވާ ދެއްވުމަށެވެ.
މާދަމާގެ ޖަލްސާއަށް ބަޖެޓް ހުށަހެޅުމަށް ނަޝީދު އެދިވަޑައިގެންފައިވާއިރު، އެމަނިކުފާނު ރިޔާސަތުން ދުރުކުރުމަށް މިއަދު ދެފަހަަރަސް ޖަލްސާ ބާއްވައިގެންވެސް މަޖިލިހުގެ ރިޔާސަތުން އެމައްސަލަ ކުރިޔަށް ނުގެންދިއުމުން، ޖަލްސާއަށް ބަންޑާރަނައިބުގެ ލަފައަކަށް ރައްޔިތުންގެ މަޖިލިހުގެ އާންމު ކޮމިޓީން މިހާރުވަނީ އެދިފައެވެ.
ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިޔަށް ގެންދިއުމަށް އޭޖީގެ ލަފާ ހޯދުމަށް އާންމު ކޮމިޓީން މިއަދު ނިންމާފައިވާއިރު، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަޖިލިސް ރިޔާސަތުން ވަކިކުރުމަށް މިހާރު މަޖިލިހަށް ހުށަހެޅިފައިވާ ގަރާރު ކުރިއަށް ގެންދާ ޖަލްސާގެ ރިޔާސަތު، މަސްލަހަތު ފުށުއަރާތީ، މަޖިލީހުގެ ނައިބު ރައީސް އީވާއާއި ވިލުފުށި ދާއިރާގެ މެންބަރު ހަސަން އަފީފަށް ނުބެލެހެއްޓޭނެކަމަށް މަޖިލީހުގެ އާއްމު ކޮމިޓީއަށް ލަފާދިނުމަށް މަޖިލީހުގެ އިމްތިޔާޒު ކޮމިޓީން މިއަދު ވަނީ ނިންމާފައެވެ.
ޤާނޫނު ބުނާގޮތުން، ކުރިއަށް އޮންނަ އަހަރަށް ކަނޑައަޅާ ބަޖެޓު ކޮންމެ އަހަރެއްޖެވެސް އޮކްޓޯބަރު މަހުގެ ނިޔަލަށް ހުށައަޅަންޖެހެއެވެ. ބަޖެޓް ހުށަހެޅުއްވާނީ ޤާނޫނުގައި ބުނާގޮތުން ފިނޭންސް މިނިސްޓަރެވެ. ބަޖެޓްގެ މަސައްކަތް މިފެށޭ ނޮވެމްބަރު މަހުގެ ނިޔަލަށް ނިންމައި މަޖިލިސްގެ ގަވާއިދު ބުނާގޮތުން މަޖިލިސް ބޮޑު ޗުއްޓީއަށް ދާނެއެވެ.
ބަޖެޓް މަޖިލީހަށް ހުށަހަޅާއިރު މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ އޮތޮމުން ފިނޭންސް މިނިސްޓަރ އަމީރު ވަނީ ބަންޑާރަ ނައިބްގެ ޤާނޫނީ ލަފާ މިކަމުގައި ހޯއްދަވާފައެވެ. އަމީރު ނިންމަވާފައިވަނީ އެޓަރނީ ޖެނެރަލް (އޭޖީ) ގެ ލަފާފުޅާއެކު، ފާއިތުވި އޮކްޓޯބަރުމަހުގެ 31ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހުނު ޖަލްސާއަށް ހާޒިރުވެވަޑައިނުގަންނެވުމަށެވެ.
މިނިސްޓަރު އަމީރު އެގޮތަށް ނިންމެވީ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ އެޖެންޑާ ކުރުމަށްފަހު އެ މައްސަލަ ނުނިންމައި މަޖިލީހުގެ އެހެން މަސައްކަތެއް ކުރިއަށް ނުގެންދެވޭނެ ކަމަށް އޭޖީން ގާނޫނީ ލަފާ ދެއްވުމުންނެވެ.