ނަމާދަކީ ވަގުތުގައި ނުކޮށް، ހުއްޖަތް ދެއްކޭނެ އަޅުކަމެއް ނޫން: ޚުޠުބާ

ނަމާދަކީ ވަގުތުގައި ނުކޮށް، ހުއްޖަތް ދެއްކޭނެ އަޅުކަމެއް ނޫން: ޚުޠުބާ

Author
މުޙައްމަދު ޖިމީ
11 ޑިސެމްބަރ 2020 01:04
0

ޝަހާދަތުގެ ދެ ކަލިމައަށް ފަހު އަދާކުރަން ޖެހޭ އެންމެ މުހިއްމު ވާޖިބަކީ، ފަރުޟު ފަސް ނަމާދު، އެ ނަމާދުތަކުގެ ވަގުތުތަކުގައި އަދާ ކުރުންކަމަށް ރާއްޖޭގެ މިސްކިތްތަކުގައި މިއަދު ދެއްވި ހުކުރު ޚުޠުބާގައި ގޮވާލައްވައިފިއެވެ.

ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގެ މިސްކިތްތަކުގައި މިއަދު ދެއްވި ހުކުރު ޚުޠުބާގައި ވިދާޅުވެފައިވަނީ ނަމާދުތަކަށް ރައްކައުތެރިވެވިއްޖެ ނަމަ އަމާންކަމުގެ ބައްރަށް ވާޞިލު ވެވުނީކަމަށެވެ. އަދި ދެ ދުނިޔޭގެ ފަލާޙާއި ކާމިޔާބު ލިބުނީކަމަށެވެ. އެއީ އިސްލާމް ދީނުގެ ތަނބުކަމަށާއި، އެއީ ޤިޔާމަތް ދުވަހު އެންމެ ފުރަތަމަ ޙިސާބު ބައްލަވާނެ ޢަމަލުކަމަށެވެ.

ނަމާދަކީ ރަށުގައި ޤާއިމުވެ ހުންނަ މީހާގެ މައްޗަށާއި، ދަތުރުވެރިޔާގެ މައްޗަށާއި، ބަލިމަޑުކަމުގައިވާ މީހާގެ މައްޗަށްވެސް ފަރްޟު ކުރައްވާފައިވާ އަޅުކަމެއްކަން ހަނދާންކޮށްދެއްވަމުން ޚުޠުބާގައި ވިދާޅުވީ، ހަނގުރާމައިގެ ޙާލަތުގައްޔާއި ބިރުވެރިކަމުގެ ޙާލަތްތަކުގައި ވެސް ނަމާދު ކުރުމަށް ވަނީ އަންގަވާފައިވާކަމަށެވެ.

ޢިމްރާނު ބުނު ޙުސައިނުގެ އަރިހުން ވާރިދުވެފައިވާ ގޮތުގައި އެކަލޭގެފާނަށް ޖެހިވަޑައިގެންފައިވާ އާލާސްކަންފުޅެއްގެ ވާހަކަ ރަސޫލުﷲ ޞޢވ އަށް ދެންނެވުމުން އެކަލޭގެފާނު ޙަދީޘް ކުރެއްވިއެވެ. (ކޮއްޅަށް ހުންނަވައިގެން ނަމާދު ކުރައްވާށެވެ! އެކަމަށް ކުޅަދާނަފުޅުވެގެން ނުވާނަމަ އިށީނދެވަޑައިގެން ނަމާދު ކުރައްވާށެވެ! އެކަމަށް ކުޅަދާނަފުޅުވެގެން ނުވާނަމަ ޑައިގެން ނަމާދު ކުރައްވާށެވެ!) ޢިލްމުވެރިން ވިދާޅުވާ ގޮތުގައި، އޮށޯވެގެން ނަމާދު ކުރުމަށް ކުޅަދާނަވެގެން ނުވާނަމަ ނަމާދު ކުރާނީ އިޝާރާތުންނެވެ. އިޝާރާތުން ނަމާދު ކުރުމަށް ނުކުޅެދިގެންވާ ނަމަ ނަމާދު ކުރާނީ ހިތުންނެވެ. އިމާމު ޝާފިޢީ ފަދަ ޢިލްމުވެރިން ވިދާޅުވާ ގޮތުގައި، ބުއްދި ސަލާމަތުން ހުރިނަމަ ނަމާދު ކުރަން ޖެހޭނެއެވެ. ނަމާދުގެ ފަރްޟުކަން އެމީހާގެ ކިބައިން ކެނޑިގެންނެއް ނަދުންތެވެ.

ޚުޠުބާގައި ވިދާޅުވީ، ކިތަންމެ ބަލި ބޮޑުވިޔަސް ނަމާދު އެޅުމެއް ނޯންނަކަމަށާއި، ނަމަވެސް މިއަދު ފެންނަނީ މިއާ ޚިލާފު މަންޒަރުތަކެއްކަމަށެވެ. މީހަކު ހަމަ ބައްޔެއް ވެލާއިރަށް ނަމާދު ދޫކޮށްލާކަމަށާއި، ބައެއް މީހުންނަށް ނަމާދު ކުރުން ވެފައި ވަނީ އުފުލަން ޖެހިފައިވާ ބުރައަކަށްކަމަށެވެ. ބައެއް މީހުން ނަމާދު ދޫކޮށްލަނީ ބަލި ފަސޭހަވުމުން އެ ނަމާދުތައް ޤަޟާ ކުރުމުގެ ނިޔަތުގައިކަމަށާއި، އެ ބަލީގައި މަރުވެއްޖެ ނަމަ އެއީ އޭނާއަށް ލިބުނު ޢުޛުރެއް ކަމަށް ދެކިގެންކަމަށްވެސް ޚުޠުބާގައި ވިދާޅުވިއެވެ.

މިއީ ވަރަށް ބޮޑު އޮޅުމެއްކަމަށާއި، ނަމާދަކީ ވަރަށް ބޮޑު ޒިންމާއެއްކަން ހަނދާންކޮށްދެއްވާފައިވެއެވެ. ނަމާދަކީ އެއީ ﷲ ގެ ޙަޟްރަތުގައި މަތިވެރި ޤަދަރެއް ލިބިގެންވާ ކަމެއްކަމަށާއި، އިސްލާމް ދީނުގެ މަތިވެރި ބިނާ ޤާއިމުވެފައި ވަނީ ނަމާދުގެ މައްޗަށްކަމަށްވެސް ހުކުރު ޚުޠުބާގައި ވިދާޅުވިއެވެ. އަދި އެއީ ﷲ އާ އެކަލާނގެ އަޅާ ގުޅުވައިދޭ ވަރުގަދަ ވާފަށެއްކަމަށާއި، އެއީ ކީރިތި ރަސޫލާ ޙަދީޘް ކުރައްވާފައިވާ ފަދައިން މުއުމިނުންގެ ލޮލުގެ ފިނިކަންކަމަށްވެސް ވިދާޅުވިއެވެ.

މުސްލިމް އަޚުންނޭވެ! ޝައިޠާނާ މުސްލިމުން ނަމާދާ ދުރުކުރުމަށްޓަކައި ވަރަށް ގިނަ ޙީލަތްތަކާއި، މަކަރުތައް ހަދައި، ދުނިޔެ ރަންކޮށް ދައްކަތެވެ. ޝައިޠާނާ އަށް ވެގެންވާ ނަމަ މުސްލިމުން ނަމާދާ މުޅިން ދުރުހެލިކުރެވޭތޯ ބަލާނެއެވެ. އާދަކޮށް ނަމާދު ކުރާމީހެއް ނަމަ އޭނާ ބައެއް ނަމާދުތަކާ ދުރުހެލި ކުރެވޭތޯ ބަލާނެއެވެ. މުސްލިމުންގެ ޙާލަތަށް ބަލާއިރު ގިނަ ބަޔެއްގެ ނަމާދުގެ ތިލަފަތް ވަނީ ލުއިވެފައެވެ. އެމީހުންގެ ގާތުގައި ނަމާދަށް ވުރެ އިސްކަން ދެވެނީ އެހެނިހެން ޢަމަލުތަކަށެވެ. ނަމާދުގެ ވަގުތުތަކާ ދިމާކޮށް ދުންޔަވީ ޢަމަލުތައް ރާވައި ހިންގާތަން ފެނެއެވެ. ބަންގި ގޮވުމުން ފިހާރަތަކާއި، ސައިހޮޓާތައް ލެއްގިނަމަވެސް އެ ތަންތާނގައި ގިނަބަޔަކު ނަމާދަށް ނުގޮސް ތިބޭކަން ފާހަގަކުރެވެއެވެ.

މިއަދު މިސްކިތްތައް ވަރަށް ގިނަކަމަށާއި، ބާޒާރުމަތީގައްޔާއި ކުޅިވަރު ދަނޑުތައް ކައިރީގައްޔާއި އަތިރިމައްޗާ ކައިރި ހިސާބުހިސާބުގައި މިސްކިތްތައް ހުރިކަން ފާހަގަކުރައްވާ ހުޠުބާގައި ވިދާޅުވީ، މަގުތައް ވަނީ އަލިވެ ހިނގާބިނގާ އުޅޭ މީހުންނަށް މިސްކިތަށް ދިޔުމަށް އަމާންވެފައިކަމަށެވެ. ނަމާދު ވަގުތުތަކުގައި ރޭޑިއޯ އާއި ޓީވީތަކުން ބަންގި ގޮވައި، ނަމާދު ކުރުމަށް ހަނދާންކޮށްދޭކަމަށާއި. ނަމަވެސް އެކި ކަންކަމުގައި މަޝްޣޫލުވެ، ނަމާދު އަޅާ މީހުން މަދު ނޫންކަމަށް ވިދާޅުވިއެވެ.

މުސްލިމް އަޚުންނޭވެ! ބައެއް މީހުން ފަތިސް ނަމާދަށް ކަންނެތްވާ ތަންފެނެއެވެ. ރޭގަނޑުގެ ގިނަ ވަގުތުތައް ފައިދާއެއް ނެތް، ބޭކާރު ގޮތުގައި ހޭދަކުރުމަށްފަހު ފަތިސްވާން ކައިރިވެފައި ވަނިކޮށް ނިދަން ދާތަން ފެނެއެވެ. ފަތިސް ނަމާދަކީ ރޭގަނޑާއި ދުވާލުގެ މަލާއިކަތުން ބައިވެރިވެ ވަޑައިގަންނަވާ ނަމާދެކެވެ. މިއީ މުއުމިނާގެ އީމާންކަން މިނެކިރާދޭ ނަމާދެކެވެ. ފަތިސް ނަމާދުގެ ބަންގީ ގައި ގޮވައިލެވެނީ "ނިދުމަށް ވުރެ ނަމާދުކުރުން ބޮޑެވެ." އެކަމަކު އަޅުގަނޑުމެންގެ ޙާލުގެ ދުލުން ގޮވަނީ (ނަމާދަށް ދިޔުމަށް ވުރެ ނިދާފައި އޮތުން މާ ހެޔޮކަން ބޮޑެވެ.)

ޚުޠުބާގައި ވަނީ ޖަމާޢަތުގައި ނަމާދު އަދާކުރުމަށް ފަރުވާތެރިވުމަށްވެސް ގޮވާލައްވާފައެވެ. އެކަހެރިކޮށް ހުރެ ކުރާ ނަމާދުން ލިބޭ ޖަވާބަށް ވުރެ، ޖަމާޢަތު ގައި ކުރާ ނަމާދުގެޘަވާބު 27 ދަރަޖައަށް އިތުރުވެގެންވާކަން ވެސް ހުޠުބާގައި ހަނދާންކޮށްދެއްވިއެވެ. ރަސޫލާ ގެ ޙަދީޘް ކުރައްވާ ގޮތުގައި، ޖަމާޢަތު ގައި ޢިޝާ ނަމާދު ކުރުމަކީ ރޭގަނޑުގެ ދެބައިކުޅަ އެއްބައި ގައި އަޅުކަން ކުރުން ފަދަ ކަމެއްކަންވެސް ފާހަގަކުރައްވާ ފަތިސްނަމާދު ޖަމާޢަތުގައި ކުރުމަކީ މުޅި ރޭގަނޑު އަޅުކަންކުރުމާ އެއްފަދަ ކަމެއްކަމަށްވެސް ހަނދާންކޮށްދެއްވިއެވެ.

ނަމާދަކީ އަޅުގަނޑުމެންނަށް އަދާކުރަން ޙަވާލު ކުރައްވާފައިވާ އަމާނަތެއްކަމަށާއި، ﷲ ގެ އަޅާގެ ތެދުވެރިކަމާއި، ވަފާތެރިކަމާއި، އިޚްލާޞްތެރިކަން ފާޅުވެގެންދާ އަޅުކަމުގައި ވިދާޅުވިއެވެ. އަދި ނަމާދަކީ އޭނާގެ ހިތުގައިވާ އީމާންކަމުގެ ސާފުކަމާއި އޭނާ ﷲ ދެކެ، ލޯބިވާ މިންވަރު، މިނެދޭ ތަރާދުކަމަށް ހާމަކުރައްވާ ނަމާދަށް ފަރުވާތެރިވެ ވަގުތުގައި ނަމާދުކުރުމަށް ނަސޭހަތްތެރިވެވަޑައިގެންނެވިއެވެ.

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.