ސަރުކާރުން ބޭނުންވާހާ ގޮތަކަށް މަޖިލީހުން ބިލު ފާސްކުރާކަށް ނުޖެހޭ: އާޒިމް

ސަރުކާރުން ބޭނުންވާހާ ގޮތަކަށް މަޖިލީހުން ބިލު ފާސްކުރާކަށް ނުޖެހޭ: އާޒިމް

Author
މުޙައްމަދު ޝަޒައިމް
12 ޑިސެމްބަރ 2020 08:59
0

މިއަދު އޮތް ރައްޔިތުންގެ މަޖިލީހަކީ އެމްޑީޕީގެ ސުޕަ މެޖޯރިޓީ އޮތް މަޖިލީހެއް ކަމުގައި ވީނަމަވެސް މަޖިލީހުން ސަރުކާރުން ފޮނުވާހާ ބިލެއް، ބޭނުންވާހާ ގޮތަކަށް ފާސްކުރަން ނުޖެހޭ ކަމުގައި ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަދި އެމްޑީޕީ ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރު އަލީ އާޒިމް ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑިޔާއިން ގެނެސްދިން ޕްރޮގުރާމެއްގައި ވާހަކަ ދައްކަވަމުން އަލީ އާޒިމް ވިދާޅުވީ ރައްޔިތުންގެ މަޖިލިސް މިއަދު ހިނގަމުންދަނީ މިއިން ޒަމާނަކުވެސް މަޖިލިސް ނުހިނގާހާ ޑިމޮކްރަޓިކޮށް، ހަރުދަނާ އުސޫލުތަކުގެ މަތީންކަމަށެވެ. ރައްޔިތުން އެމްޑީޕީއަށް މަޖިލީހުގެ ސުޕަ މެޖޯރިޓީ ދީފައިވަނީ ވަރަށް ބޮޑު އުންމީދު ތަކެއްގައި ކަމަށާއި، އެއުންމީދުތައް ހާސިލް ކުރުމަށް މަޖިލިސް ތެރެއިން ގިނަ މަސައްކަތްތަކެއް ކުރަމުންދާކަމަށެވެ.

ނަމަވެސް މިމަޖިލީހަކީ ފާއިތުވެދިޔަ 18 ވަނަ މަޖިލީހުގައި އޭރުގެ ސަރުކާރުން ފޮނުވާހާ ބިލަކަށް ރަބަރު ސްޓޭމްޕް ޖަހާ ތަނަކަށް ވެފައި ވީނަމަވެސް މިއަދު އެކަން އެހެން ނުވާނެކަމަށެވެ. ސަރުކާރުން މަޖިލީހަށް ބިލެއް ހުށަހެޅުމުން އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕުން ބިލުގައި އޮތީ ކޯއްޗެއްތޯއާއި، އަދި ބިލެއް ފާސް ކުރުމުގެ ކުރިން ފުރިހަމަ ކުރަންޖެހޭ ވަރަށް ބޮޑު ޕްރޮސަސްއެއް މިހާރުގެ މަޖިލީހުން ކަނޑައަޅާފައިވާކަމަށެވެ. ސަރުކާރުން ބިލެއް ފޮނުވުމުން އެ ފޮނުވާގޮތަށް ކިޔާވެސް ނުލައި ފާސްކުރުމަކީ މި މަޖިލީހުން ކުރާނެ ކަމެއް ނޫންކަމަށް އާޒިމް ވިދާޅުވިއެވެ.

އަޅުގަނޑުމެންނަށް އެހާ އަވަހަށް ބިލުތައް ނުނިމެނީ ޑިމޮކްރަޓިކް އުސޫލުން ކަންކަން ކުރަން. އަޅުގަނޑުމެންނަކީ ސަރުކާރުން ފޮނުވާހާ ބިލެއް ނޫނީ ކަންކަން އެބުނާހާ ގޮތަކަށް ކަންކަން ކުރަން ތިބޭ ބައެއްނޫން. އަޅުގަނޑުމެން މިތިބެވީ ބިލެއް ފޮނުވުމުން އޭގައި ހުރީ ކޯއްޗެއްތޯއާއި އޭގައި ވާނެ ފައިދާއައި ގެއްލުން ބަލާފައި އެކަންކުރަން. އެއީ ދެއްތޯ ރައްޔިތުންވެސް ބޭނުންވާނެ ގޮތަކީ. އަޅުގަނޑު އަަބަދުވެސް ދަންނަވާ ވާހަކައެއް މިއީ އެމްޑީޕީ ސަރުކާރެއްނޫނޭ. އެމްޑީޕީގެވެސް ހިއްސާ އޮތް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓަކު ލީޑް ކުރަމުންދާ ސަރުކާރެއް މިސަރުކާރަކީ.

– އަލީ އާޒިމް ވިދާޅުވިއެވެ.

އާޒިމް ވަނީ މަޖިލިސް ތެރެއިން ކަންކަން ކުރުމުގައި ސަރުކާރުކާރަށް ދޭންޖެހޭ އެއްބާރުލުން ދޭނެކަމަށެވެ. ނަމަވެސް ނިމިދިޔަ ވެރިކަމުގައި ކަންކަން ހިނގި ގޮތަށް މިސަރުކާރުން ބޭނުންހާ ކަމެއް ބޭނުން ގޮތަކަށް މަޖިލިސް ތެރެއިން ކުރުމަށް ޖާގަ ނުދޭނެކަމަށެވެ. އަދި މިއަދު އޮތް ވެރިކަމުގެ ނިޒާމުގެ ތެރެއިން ރައްޔިތުންނަށް އެކަށިގެންވާ ގޮތަށް ކަންކަން ނުކުރެވޭއިރު، އަދި މިހާރު އޮތް ކޯލިޝަންގެ ތެރެއިން ބޮޑެތި ހުރަސްތަކެއް އޮތް އިރު، ވެރިކަމުގެ ނިޒާމު ބަދަލު ކުރުމުގެ ވިސްނުމަކީ ގެންގުޅެންޖެހޭ ވިސްނުމެއް ކަމަށް އާޒިމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މިސަރުކާރު އޮތީ ކޯލިޝަނެއްގެ ތެރެއިން އޮތް މަސްހުނި ސަރުކާރެއް ކަމަށާއި، އެމްޑީޕީގެ ސިޔާސަތު ތަންފީޒު ކުރުމަށް އެންމެ ބޭނުންވާ ވަރަށް ޖާގަ ނުލިބޭކަމަށެވެ. ނަމަވެސް މަޖިލިސް އޮތީ ކޯލިޝަންގެ ތެރެއިން ނޫންކަމަށާއި، މަޖިލީހުގެ ފުލް މެޖޯރިޓީ އޮތީ އެމްޑީޕީގެ އަތުގައިކަމަށެވެ. އެހެންވުމުން މަޖިލީހުން ކަންކަން ނިންމުގައި އެމްޑީޕީގެ ސިޔާސަތާއި، އެމްޑީޕީގެ ފިކުރަށް ވަރަށް ބޮޑަށް ޖާގަ ދެވިގެންދާނެކަމަށް އާޒިމް ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.