ރައްޔިތުންނަށް ވެފައިވާ ވައުދުތައް ފުއްދަން ލަސްވަނީ ޑިމޮކްރަޓިކް އުސޫލުން ކަންކަން ކުރާކަމަށްބުނެ ދައްކާ ބަހާނަކީ ރައްޔިތުން ޤަބޫލުކުރާ ބަހަނާއެއް ނޫންކަމަށާއި، އެފަދަ ޑިމޮކްރަސީއަކީ ރައްޔިތުން ބޭނުންވާ ޑިމޮކްރަސީއެއް ނޫންކަމަށް ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ދައުލަތުގެ މީޑިޔާއިން ގެނެސްދިން ޕްރޮގުރާމެއްގައި ވާހަކަ ދައްކަވަމުން ޕީޕީއެމްގެ ނައިބް ރައީސް އަހުމަދު ޝިޔާމް ވިދާޅުވީ މިސަރުކާރުން ރައްޔިތުންނަށް ވެފައިވާ ވައުދުތައް ފުއްދުމުގައި ތަފާތު އެކި ބަހަނާތައް ދައްކަމުން ދާކަމަށެވެ. މަޖިލިސް ތެރެއިން ވަރަށް ގިނަ މަސައްކަތްތަކެއް ކޮށްފައިވާކަމަށް ބުނާއިރު، ވެފައިވާ ވައުދުތައް ފުއްދަން ހާސިލް ކުރެވުނީ ކޮން މިންވަރެއްތޯ ޝިޔާމް ވަނީ ސުވާލު އުފައްދަވާފައެވެ.
މިސަރުކާރުން ވެރިކަމަށް އައުމަށް ވެފައިވާ އެންމެ ބޮޑު ވައުދަކީ އަދުލު އިންސާފު ގާއިމް ކުރުންކަމަށްވާއިރު، ވެރިކަމުގެ ތިން ވަނަ އަހަރު ގުނަމުންދާއިރުވެސް މިވައުދު ފުއްދުމަށް ޤާނޫނީ ގޮތުން ކުރަންޖެހޭ ކަންކަން ކުރުމަށް ފަސްޖެހޭކަމީ މިއަދު ފެންނަމުންދާ ހަގީގަތް އޭނާ ވިދާޅުވިއެވެ. ޖޭއެސްސީގެ ކޮންޕޮޒިޝަން ބަދަލު ކުރުމަކީ މިސަރުކާރުގެ ވައުދަކަށްވާއިރު، އެކަންނުކޮށް އެކި ބަހަނާ ދައްކަމުންދާކަމަށް ޝިޔާމް ވިދާޅުވިއެވެ. ހަމައެފަދައިން ގެއްލިފައިވާ މީހުންނާއި، މަރާލެވިފައިވާ މީހުންގެ މައްސަލަތައް އިންސާފުވެރިކަމާއިއެކު ބަލާނެކަމަށް ވީވައުދުވެސް އަދާއިހަމަޔަށްވެސް ނުފުއްދިފައިވާކަމަށެވެ.
މިސަރުކާރުން ވެރިކަމަށް މިވީ 2 އަހަރުގެ ތެރޭގައި ރައްޔިތުންނަށް ވެފައިވާ ވައުދުތައް ފުއްދުމުގައި މިއަދު ބަހަނާއަކަށް ދައްކަނީ ޑިމޮކްރަސީކަމަށް ޝިޔާމް ވިދާޅުވިއެވެ. އެގޮތުން ކަންކަން ނުވުމުން ނުވެ ލަސްވަނީ ޑިމޮކްރަޓިކް އުސޫލުން ކަންކަން ކުރަންޖެހޭ ކަމަށްބުނެ، ދައްކާ ބަހަނާތަކަކީ ރައްޔިތުން ގަބޫލުކުރާނެ ބަހަނާތަކެއް ނޫނަކަމަށެވެ.
މިސަރުކާރުން މިއަދު ކޮންމެ ކަމެއް މިއަޅުވަނީ ޑިމޮކްރަސީގެ ބޮލުގައި. ކަމެއް ނުވާ ކޮންމެ ފަހަރަކު ވިދާޅުވަމުންދަނީ ޑިމޮކްރަޓިކް ހަމަތަކުން ކުރަންވެގެންނޭ. ޑިމޮކްރަސީއަކީ ރައްޔިތުންގެ ބާރު، ރައްޔިތުން އެދޭގޮތަށް ރައްޔިތުންގެ ތަރައްޤީ ނުގެނެވޭނަމަ މިސަރުކާރުން ގެންގުޅޭ ޑިމޮކްރަސީއެއް ރައްޔިތުން ބޭނުން ނުވާނެ.
– ޝިޔާމް ވިދާޅުވިއެވެ.
ޝިޔާމް ވަނީ މިސަރުކާރުކާރަށް ރައްޔިތުންގެ ހައްގުތަކާއި، އިންސާފު ގާއިމް ނުކޮށްދެވޭނެކަމަށް ތަކުރާރުކޮށް ވިދާޅުވެފައެވެ. އަދި ސަރުކާރުން ކުރާ ކޮންމެ ކަމެއް ކުރަމުންދަނީ އަމިއްލަ ފައިދާއާއި، ކޮރަޕްޝަނަށް މަގުފަހިވާފަދަ ކަންކަން އެކުލެވޭ ގޮތަކަށް ކަމަށެވެ. މަސްވެރިންނާއި، ދަނޑުވެރިންނާއި، އެތަކެއް މަސައްކަތްތެރި މިއަދު މަގުމަތިވެ ސަރުކާރަށް އާދޭސް ދަންނަވަމުންދާއިރުވެސް މިސަރުކާރަށް އެއިން އެއްވެސް ކަމެއް އަޑު ނީވޭކަމީ ފެންނަމުންދާ ހަގީގަތް ކަމަށް ޝިޔާމް ވިދާޅުވިއެވެ.
ކޮމެންޓު ފޮނުވާ