ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ތަރައްގީ ކުރުމަށް ފަށާފައިވާ މަޝްރޫއު ނިންމަން ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އިން 1.2 ބިލިއަން ރުފިޔާ ދިނުމަށް ނިންމި އިރު، އެ ފައިސާ ހޯދީ މި ސަރުކާރަކުން ނޫން ކަމަށާއި އެއީ އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދަތުރުފުޅުން ރާއްޖެ އަށް ލިބުނު އެހީއެއް ކަމަށް ޕީއެންސީގެ ޗެއާޕާސަން އަދި ޑިރެކްޓަރު ޖެނެރަލް އޮފް ޓްރާންސިޝަން އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.
ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ބައެއް މީޑިއާތަކަށް މިއަދު ވިދާޅުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް އިތުރަށް ބޭނުންވި 79.8 މިލިއަން ޑޮލަރު (1.2 ބިލިއަން ރުފިޔާ) ހޯދުމުގެ މަސައްކަތްތައް ކުރީ މި ސަރުކާރުން ކަމަށެވެ.
އަމީރުގެ އެ ވާހަކަތަކާ ގުޅިގެން އަބްދުއްރަހީމް ފޭސްބުކްގައި ލިޔުއްވި ޕޯސްޓެއްގައި ވިދާޅުވީ ނިމިގެންދިޔަ ރިޔާސީ އިންތިހާބުގެ ނަތީޖާ އިން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ސަރުކާރުގެ އޮޅުވާލުމާއި މަކަރާއި ހީލާތް ރައްޔިތުން ބަލައިނުގަންނަ ކަން ރީތިކޮށް ފެންނާނެ ކަމަށެވެ.
"ރޯމާ ދުވާލު މިވަރުގެ ބޮޑެތި ދޮގުތައް ހަދާއިރު، ރައްޔިތުންނަށް އޮޅުވާލުމުގެ ނަތީޖާ އަދިވެސް ނުފެންނަނީތޯ؟" އަބްދުއްރަހީމް ވިދާޅުވިއެވެ.
އަބްދުއްރަހީމް ވިދާޅުވީ އެއާޕޯޓު މަޝްރޫއަށް ބޭނުންވާ 80 މިލިއަން ޑޮލަރަކީ ރައީސް ސޯލިހްގެ ސަރުކާރުން ހޯދި އެއްޗެއް ނޫން ކަމަށެވެ. އެއީ އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ދާދި ފަހުން ޔޫއޭއީ އަށް ކުރެއްވި ނުރަސްމީ ދަތުރުފުޅުގައި ހަމަޖައްސަވައި ދެއްވި އެހީއެއް ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.
އިންތިޚާބީ ރައީސް އޮފީހުގެ ފަރާތުން އިންތިގާލީ ކޮމިޓީގެ، ތަރުޖަމާން މުހައްމަދު ފިރުޒުލް ވިދާޅުވީ މިދަތުރުފުޅަކީ އެމަނިކުފާނުގެ ނުރަސްމީ ދަތުރުފުޅަކަށް ވީނަމަވެސް، އެމަނިކުފާނުގެ ދަތުރުފުޅުގެ އެންމެހާ ކަންކަން ޔޫއޭއީ ސަރުކާރުން ހަމަޖައްސަވާ ދެއްވާފައިވާކަމަށެވެ.
އަދި ދި އެމަނިކުފާނުގެ މިދަތުރުފުޅުގައި ޔޫއޭއީގެ ސަރުކާރާއިއެކު ބައްދަލުވުމެއް ބޭއްވި ކަމަށާއި، މިބައްދަލުވުމުގައި އެއާޕޯޓް މަޝްރޫޢު ނިންމުމަށް ބޭނުންވާ ފަންޑު ހަމަޖައްސަވައި ދެއްވުމަށް އެދިވަޑައިގެންނެވި ކަމަށް ފިރުޒުލް ވިދާޅުވިއެވެ. މި ފައިސާ އަބޫދާބީ ފަންޑުން ހަމަޖައްސަވާ ދެއްވާފައިވާ ކަމަށް ފިރުޒުލް ވިދާޅުވިއެވެ.
ފިރުޒުލް ވިދާޅުވީ މިމަސައްކަތުގައި ނުނިމި ދިގުލައިގެން ދިއުމުގެ ސަބަބުން އަދި ޑިޒައިންތަކަށް ގެނައި ބަދަލުގެ ސަބަބުން މަސައްކަތުގެ އަގު ވަނީ ވަރަށް ބޮޑަށް އިތުރު ވެފައިކަމަށެވެ. އެގޮތުން މިމަސައްކަތަށް 79.80 މިލިޔަން ޑޮލަރު އިތުރަށް ބޭނުންވާކަމަށެވެ. މިފައިސާ 80 މިލިޔަން ރުފިޔާ، (1.2 ބިލިޔަން ރުފިޔާ) ހަމަޖައްސަވާ ދެއްވާނެ ކަމުގެ ޔަގީންކަން ޑރ. މުއިއްޒަށް ދެއްވާފައިވާކަމަށް ފިރުޒުލް ވިދާޅުވިއެވެ.