އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒާއި އިންތިހާބީ ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފް ހުވާ ކުރައްވާ ރައްޔިތުންގެ މަޖިލިހުގެ ޖަލްސާ އަށް ވަޑައިގަންނަވާ ބޭރުގެ އިއްޒަތްތެރީންގެ ލިސްޓު ފައިނަލު ކުރުމާ ގުޅޭ ގޮތުން ފޮރިން މިނިސްޓްރީ އާއި ރައްޔިތުންގެ މަޖިލިހުގެ އިދާރާއާ މަޝްވަރާކޮށްފިއެވެ.
މަޖިލީހުގެ އިދާރާ އިން ބުނި ގޮތުގައި އިންތިހާބީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްްޒުއާ އެމަނިކުފާނުގެ ނައިބު ހުސައިން މުހައްމަދު ލަތީފް ހުވާކުރެއްވުމުގެ ޖަލްސާއަށް ވަޑައިގަންނަވާ ބޭރުގެ އިއްޒަތްތެރީންގެ ލިސްޓު ފައިނަލު ކުރުމާ ގުޅޭގޮތުން މިނިސްޓްރީ އޮފް ފޮރިން އެފެއާޒްއާ އެކު މިއަދު ވަނީ މަޝްވަރާ ކުރައްވައިފައެވެ.
ނަމަވެސް އެ ބައްދަލްވުމުގެ އެއްވެސް ތަފްސީލެއް ނުދެއެވެ.
މުއިއްޒާއި ހުސެއިން ހުވާ ކުރާ ރަސްމިއްޔާތު ބޭއްވުމަށް ހަމަޖެހިފައި ވަނީ މި މަހުގެ 17 ވަނަ ދުވަހު ހަވީރު 4:45 ގައި ޖުމްހޫރީ މައިދާނުގައެވެ.
މި ޖަލްސާއަށް ރާއްޖެއާ އަވަށްޓެރި ހުރިހާ ގައުމުތަކަށާއި ރާއްޖެއާ ހާއްސަ ގާތް ގުޅުން ބާއްވާ ހުރިހާ ގަައުމުތަކާއި ބައިނަލްއަގްވާމީ ޖަމިއްޔާ ޖަމިއްޔާތަކަށް ދައުވަތު ދީފައިވާ ކަމަށް އިންތިހާބީ ރައީސްގެ އޮފީހުން ވަނީ ބުނެފައެވެ.
އިންތިހާބީ އޮފީހުގެ ފަރާތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މުއިއްޒުގެ ތަރުޖަމާނު މުހައްމަދު ފިރްޒުލް ވިދާޅުވީ މިހާތަނަށް އައިއިރު ގައުމުތަކަށާއި ޖަމިއްޔާތަކަށް ދައުވަތު ދީފައިވާ އިރު، ޕޮޒިޓިވް ޖަވާބުތަކެއް ލިބިފައިވާ ކަމަށެވެ. ގައުމުތަކުގެ އިސްވެރިންގެ ނުވަތަ ވަފްދުގެ ދަތުރުފަތުރުގެ ކަންކަން އާންމުކޮށް ކޮންފާމް ވެގެން އަންނަނީ ވަރަށް ފަހުގެ މަރުހަލާއެއްގައި ކަމަށެވެ. އެހެންވެ، ތަފްސީލްތައް ދަންނަވަން ދަތި ކަމަށް އޭނާ ވިދާޅުވިއެވެ.
"ތަފްސީލްތައް ދަންނަވަން ދަތި. އެކަމަކު، ޕޮޒިޓިވް ޖަވާބުތަކެއް ލިބިފައި ވަނީ. އުންމީދު ކުރަނީ ވަަރަށް ކައިރި މުސްތަގްބަލެއް ތެރޭގައި ހިއްސާ ކުރެވޭނެ ކަމަށް އެ މައުލޫމާތު،" ފިރްޒުލް ވިދާޅުވިއެވެ.