މިފްކޯއަށް ގަންނަމުންދާ މަހުގެ އަގު ދަށްކުރުމަށް ނިންމާފައި ނުވާކަމުގައި އެކުންފުނިން ބުނެފިއެވެ.
މިފްކޯއިން މިހެން ބުނެފައުވަނީ
ރިޔާސީ އިންތިޚާބުގެ، ފާއިތުވި ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރު ކައިރިވެފައިވަނިކޮށް ބޮޑުކުރި މަހުގެ އަގުން، މިފްކޯއަށް ދެކޮޅު ނުޖެހޭތީ ރިވިއުކުރަން ނިންމާފައިވާކަމަށް އެކުންފުނީގެ ސީއިއޯއާއި ހަވާލާދީ ބައެއް މީޑިއާތަކުގައި ރިޕޯޓު ކުރުމާއު ގުޅިގެންނެވެ. މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގައި މިފްކޯއިން ވަނީ 17 ރުފިޔާއަށް ގަންނަމުންދިޔަ މަސް ކިލޯއެއްގެ އަގު 25 ރުފިޔާއަށް ބޮޑުކޮށްފައެވެ.
މިފްކޮއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ޔޫރަޕްގެ މާކެޓަށް ވިއްކާ މަހުން ނަގާ 22 ޕަސެންޓް ޑިއުޓީ ކަނޑާލަން ސަރުކާރާއި ޔޫރަޕިއަން ޔޫނިއަން އާއެކު ކުރެވުނު ގިނަ މަޝްވަރާތައް ޕޮޒިޓިވްކޮށް ކުރިޔަށް ގެންދެވިފައިވާތީ މިދިޔަ ސެޕްޓެމްބަރުމަހުގައި މަސްކިލޯއެއްގެ އަގު 17 ރުފިޔާއިން 25 ރުފިޔާއަށް ބޮޑު ކުރެވިފައިވާކަމަށެވެ.
އެގޮތުން މަހުގެ އަގު ބޮޑުކުރި ދުވަހުން ފެށިގެން މިފްކޯއިން ދަނީ މަސްވެރިން އަތުން ސަރުކާރުން ނިންމެވި އަގުކަމަށްވާ ކިލޯއެއް 25 ރުފިޔާއަށް ގަންނަމުންކަމުގައިވެސް މިފްކޯގެ ބަޔާނުގައި ބުނެފައި ވެއެވެ. އަދި މިއަގަށް އެއްވެސް ބަދަލެއް ގެނައުމުގެ އެއްވެސް ވިސްނުމެއް އެކުންފުނިން ނުގެންގުޅޭކަމަށްވެސް މިފްކޯއިން ހާމަކޮށްފައި ވެއެވެ.
މިފްކޯއިން ބުނެފައިވަނީ، މަހުގެ އަގު ރިވިއު ކުުރުމަށް ފިނޭންސް މިނިސްޓްރީއާއި ސަރުކާރުގެ އިދާރާތަކާއެކު މިފްކޯއިން ސީދާ މަޝްވަރާ ކުރަމުން ނުގެންދާ ކަމުގައެވެ. ހަމައެއާއެކު މަސްކިރާ، އަގު ނުދެވި ހުރި ހުރިހާ ފައިސާއެއް މަސްވެރިންނަށް ދައްކާ ޚަލާސްކުރަން ކުރަންޖެހޭ މަސައްކަތްވެސް އެކުންފުނިން ކުރަމުންދާކަމަށްވެސް ބުނެފައި ވެއެވެ. އަދި މަސްވެރިންނަށް މަސްވެރިން އަތުން ގަނެފައިވާ މަހަށް މިފްކޯއިން ބަރާބަރަށް ފައިސާ ދައްކަމުންދާނެކަމުގެ ޔަގީންކަންވެސް އެކުންފުނިން މަސްވެރިންނަށް ދީފައި ވެއެވެ.
މިފްކޯގެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ މުޅި ރާއްޖެއަށް ވިއްސާރަކުރަމުން ދިޔަނަމަވެސް، ރާއްޖޭގެ އުތުރާއި ދެކުނުގައި މަސްވެރިކަން ރަގަޅު ކަމަށާއި، ދުވާލަކަށް އެވްރެޖްކޮށް 450 ޓަނަށްވުރެ ގިނަމަސް ކޮންމެ ދުވަހަކުވެސް މިފްކޯގެ ސެންޓަރުތަކާއި ބޯޓުތަކަށް ގަންނަމުން ދާކަމުގައެވެ.
ކޮމެންޓު ފޮނުވާ