ޣައްޒާގައި، ހޭ ނެއްތުމަކާ ނުލައި ބައެއް ޑޮކްޓަރުން އޮޕަރޭޝަންތައް ކުރަމުން ދޭ: ދުނިޔޭގެ ސިއްހަތު ޖަމިއްޔާ

ޣައްޒާގައި، ހޭ ނެއްތުމަކާ ނުލައި ބައެއް ޑޮކްޓަރުން އޮޕަރޭޝަންތައް ކުރަމުން ދޭ: ދުނިޔޭގެ ސިއްހަތު ޖަމިއްޔާ

Author
ހުސެއިން
08 ނޮވެމްބަރ 2023 08:20
0

ޣައްޒާގެ ހޮސްޕިޓަލްތަކުގައި ހޭ ނުނައްތާ ޑޮކްޓަރުން އޮޕަރޭޝަންތައް ކުރަން ފަށާފައިވާ ކަމުގައި ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ބުނެފިއެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ ތަރުޖަމާނު އަންގާރަ ދުވަހު ވިދާޅުވީ ޣައްޒާގެ ބައެއް ޑޮކްޓަރުން އެނެސްތީސިއާ (ހޭ ނެއްތުމަކާ ނުލާ) ނުލައި އަތްފައި ބުރިކޮށްލުން ފަދަ އޮޕަރޭޝަންތައް ކުރަމުން އަންނަ ކަމަށެވެ.

ޑަބްލިއުއެޗްއޯގެ ތަރުޖަމާނު ކްރިސްޓިއަން ލިންޑްމަޔަރ ސްވިޒަލޭންޑްގެ ޖެނީވާގައި އަންގާރަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވެފައިވަނީ ޣައްޒާގައި އާންމުން ތަހައްމަލުކުރަމުންދާ ބިރުވެރިކަމަށް އެއްވެސް ހުއްޖަތެއް ނެތް ކަމަށެވެ. ލިންޑްމަޔަރ ވަނީ ދުވާލެއްގެ މައްޗަށް ގާތްގަނޑަކަށް 500 ޓްރަކްގެ އެހީ އަށް ހުއްޓުމެއް ނެތި، ރައްކާތެރިކަމާއެކު ވަނުމަށް ފުރުސަތު ދިނުމަަށް އދއިން ގޮވާލާ ގޮވާލުން ތަކުރާރުކުރައްވާފައެވެ.

އަދި މަރުވާ މިންވަރާއި އަނިޔާލިބެމުންދާ މިންވަރަކީ "ދެނެގަންނަން އުނދަގޫ" މިންވަރެއް ކަމަށް އޭނާ ވިދާޅުވި އެވެ. ލިންޑްމަޔަރ އިތުރަށް ވިދާޅުވީ ޑިއުޓީގައި އުޅެނިކޮށް މަދުވެގެން 16 ޞިއްޙީ ޚިދުމަތްތެރިން މަރުވެފައިވާކަމަށާއި، ޞިއްޙީ ޚިދުމަތަށް އެއްވެސް ޙަމަލާއެއް ދިނުމަކީ ބައިނަލްއަޤްވާމީ އިންސާނީ ޤާނޫނުން މަނާކަމެއްކަމަށެވެ.

ޑޮކްޓާސް ވިތައުޓް ބޯޑާސް ނުވަތަ މެޑެސިންސް ސަންސް ފްރޮންޓިއާސް (އެމްއެސްއެފް) އިން އަންގާރަ ދުވަހު ބުނީ އަލް ޝާޓީ ރެފިއުޖީ ކޭމްޕްގައި އެއްޗެއް ގޮއްވާލައިގެން މަރުވެފައިވަނީ އެ ޖަމިއްޔާގެ އެކުވެރިޔަކާއި އޭނާގެ އާއިލާގެ ބައެއް މީހުން ކަމަށެވެ. އެމްއެސްއެފްގެ ލެބޯޓްރީ ޓެކްނީޝަނެއް ކަމަށްވާ މުހައްމަދު އަލް އަހެލް އާއި އޭނާގެ އާއިލާގެ ބައެއް މީހުން ހޯމަ ދުވަހު ބޮން ގޮއްވާލި ހާދިސާގައި މަރުވެފައިވާ ކަމަށް އެ ޖަމިއްޔާއިން ބުންޏެވެ.

އެމްއެސްއެފް އިން ނެރުނު ބަޔާނެއްގައި ބުނީ ޣައްޒާގައި ތިބި ހުރިހާ އެކުވެރިންނާ މެދު ކަންބޮޑުވާ ކަމަށާއި އޭގެ ތެރެއިން ގިނަ ބަޔަކު އަދިވެސް ފުރާނަ ސަލާމަތް ކުރުމަށް ފަރުވާ ދެމުން ދަނީ ސްޓްރިޕްގެ ހޮސްޕިޓަލްތަކުގައި ކަމަށެވެ.

އިންޓަނޭޝަނަލް ކޮމިޓީ އޮފް ދަ ރެޑް ކްރޮސް (އައިސީއާރްސީ) އިން ވެސް އަންގާރަ ދުވަހު ބުނީ އެ ޖަމިއްޔާގެ އިންސާނީ ގާފިލާއަށް ހަމަލާ އަމާޒުވެފައިވާ ކަމަށާއި، އެ ހަމަލާ އަމާޒުވީ ޣައްޒާ ސިޓީގެ ސިއްހީ މަރުކަޒުތަކަށް ބޭނުންވާ ސިއްހީ ސާމާނު ފޯރުކޮށްދެމުން ދަނިކޮށް ކަމަށެވެ. އައިސީއާރުސީން ބުނީ މި ހަމަލާގައި ދެ ޓްރަކަކަށް އެކިވަރުގެ ގެއްލުން ލިބިފައިވާ ކަމަށާއި ޑްރައިވަރަކަށް ކުދި ކުދި އަނިޔާތަކެއް ލިބިފައިވާ ކަމަށެވެ.

ޣައްޒާގައި ހުންނަ އައިސީއާރުސީގެ ވަފުދުގެ ވެރިޔާ ވިލިއަމް ޝޮމްބާގް ވިދާޅުވެފައިވަނީ މިއީ އިންސާނީ އެހީތެރިކަން ފޯރުކޮށްދޭ ފަރާތްތަކަށް މަސައްކަތް ކުރެވޭނެ ހާލަތެއް ނޫން ކަމަށެވެ. "އަޅުގަނޑުމެން މިތިބީ ހާލުގައި ޖެހިފައި ތިބި އާންމުންނަށް އަވަސް އެހީތެރިކަން ފޯރުކޮށްދޭން. މުހިންމު އެހީތައް މެޑިކަލް ފެސިލިޓީތަކަށް ފޯރާނެ ކަން ކަށަވަރު ކުރުމަކީ ބައިނަލްއަގްވާމީ އިންސާނީ ގާނޫނުގެ ދަށުން ގާނޫނީ ގޮތުން ލާޒިމް ކުރާ ކަމެއް." އޭނާ ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.