އުސޫލާ ޚިލާފަށް 9 މީހަކަށް ދިން 93،000ރ ހޯދަން އަންގައިފި

އުސޫލާ ޚިލާފަށް 9 މީހަކަށް ދިން 93،000ރ ހޯދަން އަންގައިފި

Author
އައިޝަތު އަޙްމަދު
07 ނޮވެމްބަރ 2023 05:29
0

އެކަނިވެރި މައިންނާއިި ބަފައިންނަށް ދޭ އިނާޔަތް އުސޫލާ ޚިލާފަށް 93000 ރުފިޔާ ދީފައިވާ އެ ފައިސާ ދައުލަތަށް ހޯދުމަށް އޮޑިޓަރ ޖެނެރަލް ލަފާދެއްވައިފިއެވެ. އެލަފާ އޮޑިޓަރ ޖެނެރަލް ޙުސައިން ނިޔާޒީ ދެއްވާފައިވަނީ، ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ)ގެ 2020 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓްގައެވެ.

އޮޑިޓް ރިޕޯޓްގައިވާގޮތުން އެކަނިވެރިން މައިންގެ އެލަވެންސް ލިބެންނުޖެހޭ 9 މީހަކަށް 93،000 ރުފިޔާ ދޫކޮށްފައިވާކަމަށެވެ.

އެކަނިވެރި މައިންނާއި ބަފައިންގެ އެލަވެންސަކީ ކައިވެނި ރޫޅުމުގެ ސަބަބުން ނުވަތަ މަންމަ ނުވަތަ ބައްޕަ ނިޔާވުމުގެ ސަބަބުން 18 އަހަރު ނުފުރޭ ކުދިން ތިބިނަމަ ދައުލަތުން ދެމުން އަންނަ އެލަވެންސެކެވެ. ނަމަވެސް އޮޑިޓް ރިޕޯޓްގައިވާގޮތުން ކައިވެނިކޮށްގެން އުޅޭ މީހުންނަށް އެ އެލަވަންސް ނުލިބޭ ގޮތަށް ގަވާއިދުގައި އޮތަސް ކައިވެނިކޮށްގެން ތިބި ބައެއް މީހުންނަށްވެސް އެ ފައިސާ ދީފައިވާކަން ފެމިލީ ކޯޓު މެދުވެރިކޮށް ހޯދި މައުލޫމާތުން ކަށަވަރުވާކަމަށް ބުނެފައިވެއެވެ.

އެހެންކަމުން އޮޑިޓަރ ޖެނެރަލް ލަފާދެއްވާފައިވަނީ އުސޫލާ ޚިލާފަށް ދީފައިވާ އެ އެލަވެންސް ހޯދުމަށެވެ. އަދި އެކަމުގައި އިހުމާލުވެފައިވާ މުވައްޒަފުން ހޯދައި، ފިޔަވަޅު އެޅުމަށްވެސްވަނީ ލަފާދީފައެވެ. މީގެ އިތުރުން  ކައިވެންޏާއި ވަރީގެ މައުލޫމާތު އެނގޭ ފުރިހަމަ ނިޒާމެއް ގާއިމް ކުރަންވެސް ވަނީ ލަފާދީފައެވެ.

ދައުލަތުގެ މުވައްޒަފުންގެ އިހުމާލުން ލިބޭ މާލީ ގެއްލުމުގެ ޒިންމާ މުވައްޒަފު އުފުލަންވާނެކަމަށްވެސް އޮޑިޓް ރިޕޯޓްގައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.