ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝިދު މަޤާމުން ވަކިކުރުމަށް ހުށައަޅާފައިވާ މައްސަލަ ކުރިއަށް ނުގެންދެވި މަޖިލިސް ހުއްޓިފައިވާ މައްސަލައަށް މަޖިލީހުގެ ނިޒާމުގެ ތެރެއިން ހަތަރު ހައްލެއް އެބަ އޮތްކަމަށް މަޖިލީހުގެ އަމީން ޢާންމު ފާތިމަތު ނިއުޝާ މިއަދު ސުޕްރީމް ކޯޓުގައި ވިދާޅުވެއްޖެއެވެ.
ނަޝިދު ވަކިކުރުމުގެ މައްސަލަ، މަޖިލީހުގެ ނާއިބު ރައީސް އީވާ މަޖިލީހަށް ހާޒިރުވެވަޑައިނުގަންނަވާތީ ކުރިއަށް ނުގެންދެވިފައިވާތީ އެމްޑީޕީން ވަނީ ސުޕްރީމް ކޯޓަށް ދުސްތޫރީ މައްސަލައެއް ހުށައަޅަފައެވެ. އެ މައްސަލައިގެ ދެވަނަ އަޑުއެހުން މިއަދު ވަނީ ކުރިއަށް ގެންގޮސްފައެވެ.
އެގޮތުން މިއަދުގެ އަޑުއެހުމުގައި އަމީން ޢާންމު ވިދާޅުވީ މަޖިލިސް ރައީސް ވަކިކުރުމުގެ މައްސަލަ ކުރިއަށް ގެންދަން ރިޔާސަތުގައި ވަކި ބޭފުޅަކު އިންނަވަން ޤަވާއިދުގައި ވަރަށް ސާފުކޮށް ބަޔާންކޮށްފައިވާއިރު ންމު އިޖުރާއަތުގެ މާނައެއް ނަގައިގެން މަޖިލީހުގެ އިދާރާއަށް އެހެން ގޮތަކަށް އަމަލު ކުރުމުގެ ބާރު ނޯންނާނެކަމަށެވެ. ނަމަވެސް މިހާރު ދިމާވެފައިވާ މައްސަލައަށް މަޖިލީހުގެ ނިޒާމުގެ ތެރެއިން 4 ޙައްލެއް ގެނެވިދާނެކަަމށް ޤަބުލުކުރައްވާކަމށް ވިދާޅުވެ ނިއުޝާ ވަނީ އެ 4 ހައްލު ސާފުކޮށްދެއްވާފައެވެ.
އެގޮތުން ފުރަތަމަ ޙައްލެއްކަމަށް ނިއުޝާ ބަޔާންކުރެއްވީ މަޖިލީހުގެ ގަވާއިދުގެ 108 ވަނަ މާއްދާގެ ދަށުން މަޖިލީހުގެ އާންމު ކޮމިޓީގެ އިސް ނެގުމުގެ ދަށުން، ގަވާއިދު އިސްލާހުކޮށް އެކަމުގައި ގޮތެއް ނިންމުމަށްޓަކައި މަޖިލީހުގެ ތަޅުމަށް ހުށަހެޅުމެވެ.
ދެވަނަ ޙައްލުކަމަށް ނިއުޝާ ފާހަގަކުރެއްވީ މަޖިލީހުގެ ގަވާއިދު އިސްލާހު ކުރުމަށް ގަރާރެއްގެ ސިފައިގައި މެމްބަރަކު ހުށަހެޅުއްވުމެވެ. ނަމަވެސް މިއީ ތަންކޮޅެއް ދިގު މުއްދަތެއް ހޭދަވެދާނެ ކަމެއްގެ ގޮތުގައި ނިއުޝާ ވަނީ ފާހަގަކުރައްވާފައެވެ.
ތިންވަނަ ހައްލަކީ، މައްސަލައެއް ގޮތަށް ގަވާއިދު އިސްލާހު ކުރަން މެމްބަރަކު ހުށަހެޅުމެވެ. ނިއުޝާ ވަނީ އެމްޑީޕީގެ ޕީޖީ ލީޑަރު މުހައްމަދު އަސްލަމް ހުށަހަޅުއްވާފައިވާ އެފަދަ މައްސަލައެއް މިހާރުވެސް މަޖިލީހުގެ ނިޒާމުގެ ތެރޭގައި އެބަ އޮތް ކަން ފާހަގަކުރައްވާފައެވެ. މައްސަލަ އެޖެންޑާކޮށްދޭން އެދިވަޑައިގެންފައިވާނެކަމަށް ނިއުޝާ ވިދާޅުވިއެވެ.
ހަތަރުވަނަ ހައްލެއްގެ ގޮތުގައި ނިއުޝާ ދެއްކެވީ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކަމުގެ ގަރާރެއްގެ ރިޔާސަތުގެ މަޖިލީހުގެ ނައިބު ރައީސަށް ނުބެލެހެއްޓޭ ހާލަތެއްގައި އަމަލުކުރާނެ ގޮތެއް ކަނޑައަޅާފައި ނުވާތީ، މިއީ ގަވާއިދުގެ 250 ވަނަ މާއްދާގެ ދަށުން ގަވާއިދުގައި ބަޔާންކޮށްފައިނުވާ ކަމެއް ދިމާވެއްޖެ ކަމަށް ބަލައި، މަޖިލީހުން ގޮތެއް ނިންމުމެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލައިގެ ގަރާރު މަޖިލީހަށް ހުށައަޅަފައިވަނިކޮށް އިތުރު މަސައްކަތެއް މަޖިލީހުން ކުރިއަށް ނުގެންދެވޭނެކަމަށް ޤަވާއިދުގައިވެއެވެ. ނިއުޝާ ވަނީ އެމްޑީޕީން ހުށައެޅި މަޖިލިސް ރައީސް ވަކިކުރާ ގަރާރު މަޖިލީހުގެ ޖަލްސާއަށް ހުށައަޅާފައި ނުވާތީ، މަޖިލީހުގެ މަސައްކަތްތައް ކުރިއަށް ގެންދަން ހުރަހެއް ނެތްކަމަށް ވިދާޅުވެފައެވެ.
ނިއުޝާގެ އެ ވާހަކަތަކަށް ބާރުދެނީ ދަ ޑިމޮކްރެޓްސްއިންނެވެ. ޑިމޮކްރެޓްސްއިން މި މައްސަލައަށް ތަދައްހުލްވެ ސުޕްރީމް ކޯޓުގައި ވިދާޅުވީ، ދުސްތޫރީ ހުސްކަމެއް އައިސްފައިނުވާތީ، މި މައްސަލަ ސުޕްރީމް ކޯޓަށް ނުބެލޭނެކަމަށެވެ.
އެމްޑީޕީން ސުޕްރީމް ކޯޓަށް ހުށައެޅި ދުސްތޫރީ މައްސަލައިގެ އަޑުއެހުން މިހާރު ވަނީ ނިންމާލާފައެވެ.