ޕީޕީއެމްގެ ވަކީލް އާޒިމާ އެދުނީ އީވާ ވަޑައިނުގަތަސް އިތުބާރުނެތްކަމުގެ މައްސަލަ ކުރިއަށް ގެންދަން

ޕީޕީއެމްގެ ވަކީލް އާޒިމާ އެދުނީ އީވާ ވަޑައިނުގަތަސް އިތުބާރުނެތްކަމުގެ މައްސަލަ ކުރިއަށް ގެންދަން

ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުބާރުނެތްކަމުގެ މައްސަލަ ހުށައެޅިފައިވަނިކޮށް މަޖިލީހުގެ ނާއިބު ރައީސް ޖަލްސާއަށް ވަޑައިނުގަތަސް އެ މައްސަލަ ކުރިއަށް ގެންދެވޭނެކަމަށް، ޕީޕީއެމް/ޕީއެންސީން ސުޕްރީމް ކޯޓުގައި ބުނެފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލައިގެ ގަރާރު މަޖިލީހުގައ ކުރިއަށް ގެންދެވިފައިނުވަނީ މަޖިލީހުގެ ނާއިބު ރައީސް އިވާ ޢަބްދުﷲ މަޖިލީހަށް ވަޑައި ނުގެންނެވުމުންނެވެ. މަޖިލީހުގެ ގަވާއިދު ބަޔާންކުރަނީ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ ގަރާރުގެމަސައްކަތް ކުރިއަށް ގެންދަވާއިރު ރިޔާސަތުޔ ބަލަހައްޓަވާނީ މަޖިލީހުގެ ނާއިބު ރައީސްކަމަށެވެ. ނާއިބު ރައީސް ނެތް ހާލަތެއްގައި އަމަލުކުރާނެ ގޮތެއް ޤަވާއިދުގައި ނެތެވެ.

ނަމަވެސް މަޖިލީހުގެ ގަވާއިތުގައި މަޖިލީހުގެ ރިޔާސަތު ބެލެހެއްޓެވޭނެ ފަސް މެންބަރުން މަޖިލީހުގެ ރައީސް ކަނޑައަޅަންވާނެކަމަށް ބުނެފައިވެއެވެ. އެގޮތުން މަޖިލީހުގެ ރައީސސާއި ނާއިބު ރައީސް ނެތް ހާލަތުގައި ރިޔާސަތު ބަލަހައްޓަވަމުންގެންދަވަނީ ވިލުފުށީ ދާއިރާގެ މެންބަރު ޙަސަން އަފީފެވެ.

މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށައޅާފައިވަނިކޮށް ނާއިބު ރައީސް ވަޑައި ނުގެން ޖަލްސާތައް ހުއްޓިފައި އޮތްމައްސަލަ އެމްޑީޕީން ވަނީ ސުޕްރީމް ކޯޓަށް ހުށައަޅާފައެވެ. މި މައްސަލައަށް ޕީޕީއެމް ޕީއެންސީންވަނީ ތަދައްޚުލްވެފައެވެ.

މި މައްސަލާގައި މިއަދު ބޭއްވި ފުރަތަމަ އަޑުއެހުމުގައި ޕީޕީއެމް ޕީއެންސީގެ ޤާނޫނީ ވަކީލް އާޒިމާ ޝަކޫރު ވަނީ މި މައްސަލާގައި އުޅެނީ ޤާނޫނު އަސާސީ ތަރުޖަމާ ކުރުމުގެ މައްސަލައެއްކަމަށެވެ. އަދި މަޖިލީހުގެ ގަވާިދު މާނަކުރުމުގައިވެސް މައްސަލަ އުޅޭކަން އާޒިމާ ފާހަގަކުރެއްވިއެވެ.

އާޒިމާ ވިދާޅުވީ ޖޫން މަހުން ފެށިގެން ރައްޔިތުންގެ މަޖިލިސް އޮތީ ހުއްޓިފައި ކަމަށާއި، ރިއާސީ އިންތިހާބެއް ވެސް ނިމިގެން ދިޔައީ މަޖިލިސް ހުއްޓިފައި އޮވެގެން ކަމަށެވެ. އެއީ މަޖިލީހުން ގާނޫނުއަސާސީއާ ހިލާފަށް ނެރޭ މާނަކުރުންތަކެއްގެ ސަބަބުން ކަމަށް ބަންޑާރަ ނައިބު ވެސް ގަބޫލުކުރައްވާ ކަމަށާއި އެކަމުގައި އެއްވެސް ފިޔަވަޅެއް ނާޅައި އޮވެ، މިހާރު ކޯޓަށް ވަޑައިގެން އެ ވާހަކަ ދެއްކުމުން ކޯޓުން އެކަމަށް ރިއާޔަތްކުރަން ޖެހޭނެކަމަށްވެސް އާޒިމާ ވިދާޅުވިއެވެ.

އާޒިމާ ވިދާޅުވީ ބަންޑާރަ ނާއިބުގެ އޮފީހުން ޝަރީއަތަށް ދެއްވާފައިވާ ޖަވާބާއި ރައްޔިތުންގެ މަޖިލީހުގެ ސްޓޭންޑްގައި ހިލާފުތަކެއް ހުރިއިރު، ބަންޑާރަ ނާއިބުގެ އޮފީހުން ރައްޔިތުންގެ މަޖިލިސް ތަމްސީލްކުރާނެ ގޮތް ނުވިސްނޭ ކަމަށެވެ.

"ރައްޔިތުންގެ މަޖިލީހަކީ ދައުލަތުގެ އެއް ބާރު. ބަންޑާރަ ނައިބަކީ މުއައްސަސާއެއް. ދައުލަތުގެ މުއައްސަސާއަކުން ގާނޫނު އަސާސީއާއި ގާނޫނަކާ ހިލާފުވާ ގޮތަށް ގާނޫނެއް ގަވާއިދެއް މާނަކުރާނަމަ ކުރިއާލާ ވެސް ފިޔަވަޅު އަޅަން ޖެހޭނެ،.

– އާޒިމާ ޝަކޫރު ވިދާޅުވިއެވެ.

އާޒިމާ ވިދާޅުވީ، މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް މައްސަލައެއްގައި ރިޔާސަތުގައި ހުންނަވަން ވާނީ ނައިބު ރައީސް ކަމަށް މަޖިލީހުގެ ގަވާއިދުގެ 205 ވަނަ މާއްދާގައި އޮތް ނަމަވެސް، ނައިބު ރައީސަށް ރިޔާސަތު ނުބެލެހެއްޓެވޭ ނަމަ އަމަލު ކުރާނެ ގޮތް 44 ވަނަ މާއްދާގައި ބަޔާންކޮށްފައިވާކަމަށެވެ.

މި މައްސަލަ ކުރިއަށް ގެންދަނީ ފަސް ފަނޑިޔާރުންގެ ބެންޗަކުންނެވެ. ރިޔާސަތުގައި އިންނެވީ ފަނޑިޔާރު މަހާޒު އަލީ ޒާހިރެވެ. ދެން ބެންޗުގައި ތިއްބަވަނީ ފަނޑިޔާރު ހުސްނުއްސުއޫދާއި، ފަނޑިޔާރު އަޒްމިރަލްދާ ޒާހިރާއި، ފަނޑިޔާރު އަލީ ރަޝީދާއި، ފަނޑިޔާރު ޑރ. އިބްރާހިމް މުހައްމަދެވެ.

ރައީސް ނަޝީދުގެ އިތުބާރު ނެތްކަމަށް ރައްޔިތުންގެ މަޖިލީހަށް ހުށައަޅަފައިވާ މައްސަލަ ކުރިއަށް ގެންދެވޭނެ ގޮތެއް ހޯދުމަށް އެމްޑީޕީން ސުޕްރީމް ކޯޓަށް ހުށައެޅި ދުސްތޫރީ މައްސަލާގައި ބުނެފައިވަނީ، މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ ތާވަލުކުރާ ޖަލްސާއަށް ނައިބު ރައީސަށް ވަޑައިނުގެންނެވޭ ހާލަތުގައި، މަޖިލީހުގެ ގަވައިދުގެ 44 ވަނަ މާއްދާއަށް އަމަލު ކުރަންޖެހޭ ގޮތަށް މާނަކޮށްދިނުމަށެވެ. މަޖިލީހުގެ ޤަވާއިދުގެ 44 ވަނަ މާއްދާގައި މަޖިލީހުގެ ރައީސާއި ނައިބު ރައީސަށް ޖަލްސާގެ ރިޔާސަތު ނުބެލެހެއްޓޭނަމަ މަޖިލީހުގެ ރައީސް ކަނޑައަޅުއްވާ މެންބަރަކު ރިޔާސަތު ބަލަހަންޓަން ވާނެކަމަށެވެ. އަދި އެ މެމްބަރަކީ މަޖިލީހުގައި މެދުނުކެނޑި އެންމެ ގިނަ ދުވަސްވީ މެމްބަރަށް ވާންޖެހޭނެކަމަށްވެސް އެ މާއްދާގައިވެއެވެ.

އެމްޑީޕީން ބުނަމުންދަނީ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލާގައި ގޮތެއް ނިންމުމަށް ފަހު ނޫނީ މަޖިލީހުގެ އެހެން އެއްވެސް މަސައްކަތެއް ކުރިއަށް ނުގެންދެވޭނެ ކަމަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *