އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ މެންޗެސްޓާ ޔުނައިޓެޑާއި ފުލްހަމް ބައްދަލު ކުރި މެޗު، މެންޗެސްޓާ ޔުނައިޓެޑުން ކާމިޔާބުކޮށްފިއެވެ.
ފުލަމްގެ އަމިއްލަ ދަނޑުގައި ކުޅުނު މިމެޗު ޔުނައިޓެޑުން ކާމިޔާބުކޮށްފައި ވަނީ 0-1 ގެ ނަތީޖާއަކުން ހަނި ގޮތަކަށެވެ. އެންމެ ފަހުން ކުޅުނު ދެ މެޗުގައި މެންޗެސްޓާ ޔުނައިޓެޑު ވަނީ 0-3ގެ ނަތީޖާއަކުން ބަލިވެފައެވެ.
މެޗު ފަށައިގެން މެންޗެސްޓަރ ޔުނައިޓެޑުން ވަނީ ގޯލު ޖެހުމަށް ގިނަ މަސައްކަތްތަކެއް ކޮށް މެޗުގެ އަށް ވަނަ މިނެޓުގައި ގޯލެއް ވެސް ކާމިޔާބުކޮށްފައެވެ. ނަމަވެސް ވީއޭއާރުން ވަނީ ގޯލު ޖެހި ކުޅުންތެރިޔާ މެކްޓޮމިނީ އޮފްސައިޑް ކަމުގައި ނިންމާފައެވެ. މިގޯލަށް ފަހު ވެސް މެންޗެސްޓާ ޔުނައިޓެޑުން ވަނީ ގިނަ ވަގުތު ބޯޅަ ކޮންޓްރޯލުކޮށްގެން މެޗުގައި ގޯލު ޖެހުމަށް މަސައްކަތް ކޮށްފައެވެ. ނަމަވެސް ފުރަތަަމަ ހާފުގައި ގޯލެއް ކާމިޔާބު ނުކުރެވުނެވެ.
ދެވަނަ ހާފު ފަށައިގެން ފުލްހަމް އިން ކުޅުން ރަނގަޅުކޮށް ޔުނައިޓެޑުގެ ގޯލަށް ނުރައްކާ ކުރުމަށް ދެ ހަމަލާ އެއް ވަނީ އަމާޒުކޮށްފައެވެ. ނަމަވެސް ފުރަތަމަ ހާފެކޭ އެއްގޮތަށް މެޗުގެ ކޮންޓްރޯލު އޮތީ ޔުނައިޓެޑު އަތުގައެވެ. ޔުނައިޓެޑުން ގޯލެއް ޖެހުމަށް ދެވަނަ ހާފުގައި ހަތަރު ހަމަލާ ވަނީ އަމާޒުކޮށް އޭގެން އެއް ހަމަލާ ވަނީ ކާމިޔާބުކޮށްފައެވެ.
މެންޗެސްޓާ ޔުނައިޓެޑުން ފަހަކަށް އައިސް ދައްކަމުންދާ ދަށް ކުޅުމާ ގުޅިގެން ކޯޗު ޓެން ހާގް ބަދަލު ކުރަން ޓީމުން ވިސްނަމުން ދާ ކަމުގައި މީޑިއާ ރިޕޯޓުތައް ބުނަމުންދާ މި ދަނޑިވަޅުގައި މިއީ ވަރަށްވެސް މުހިންމު މޮޅަކަށް ވެގެންދާނެއެވެ. މެންޗެސްޓާ ޔުނައިޓެޑުން މެޗުގައި ކާމިޔާބު ކުރި ހަމައެކަނި ލަނޑު ފެނިގެން ދިޔައީ މެޗުގެ 90 މިނެޓު ހަމަ ވެގެން އިތުރަށް ދެއްކި ފަސް މިނެޓުގެ ތެރޭގައެވެ. މިގޯލު ކާމިޔާބު ކޮށްދިނީ ޓީމުގެ ކެޕްޓަން ބްރޫނޯ ފެނާންޑޭޒްއެވެ.