ޓީވީ ހޯސްޓް އަދި ލަވަކިއުންތެރިޔާ އަދިތިޔާ ނާރަޔަން 10 އަހަރު ދުވަހު އެކުގައި އުޅުނު ލޯބިވެރިޔާ ޝްވެތާ އަގަރްވާލާ ކައިވެނިކޮށްފައިވަނީ މި މަހު އެއް ވަނަ ދުވަހުއެވެ. ކައިވެނީގެ ހަފްލާ އާއިލާއާއި ރަހުމަތްތެރިންނާއެކު ވަރަށް ފޯރިގަދަކޮށް ވަނީ ކުރިއަށްގެންގޮސްފަ އެވެ. އަދިތިޔާއާއި ޝްވެތާވަނީ ކައިވެންޏަށްފަހު، 5 ކޮޓަރީގެ އަގުބޮޑު ގެއެއްވެސް މިހާރު ގަނެފައެވެ.
ދާދިފަހުން ސްޕޮޓް ބޯއީއަށް ދިން އިންޓަވިއުއެއްގައި އަދިތިޔާ ވަނީ ޝްވެތާއަކީ މޮޅު އަދި ވިސްނުންތޫނު މީހެއް ނަމަވެސް، އޭނާއަކީ އެހާ އާ ކަންތައްތަށް ކުރަން ޝައުގުހުންނަ މީހެއް ނޫންކަމަށް ބުނެފައެވެ. އަދި ޝްވެތާ އަކީ އެހާ އަޒުމް ވަރުގަދަ މީހެއް ނޫންކަމަށާއި އާ ކަންކަން ކުރަން ބޭނުން ނުވާ ކަންނެތް މީހެއް ކަމަށްވެސް އަދިއްތިޔާ ވަނީ ބުނެފައެވެ. މުޅި ދުވަސްއެއްކޮށް ކަމެއްނުކޮށް ވެސް ހޭދަކޮށްލަދާނެ ކަމަށް އަދިތިޔާ ބުންޏެވެ.
އެހެންނަމަވެސް އަދިތިޔާ ބުނީ ޝްވޭތާގެ ވިސްނުންތޫނު ކަމުން، އޭނާ ކުރަން ބޭނުންވާ ކޮންމެ ކަމެއްވެސް ވަރަށް ރަނގަޅަށްކުރާނެ ކަމަށެވެ.
އަދިތިޔާ ބުނީ ކެރިއަރ އެއްގެ ގޮތުގައި ޝްވެތާ ކުރަން ބޭނުން ކޮންމެ ކަމެއް ކުރުމުގެ މިނިވަންކަންވެސް އޭނާއަށް އޮންނާނެ ކަމަށެވެ. ނަމަވެސް އަދި ވަކި ކަމެއްކުރަން ނިންމާފައި އޮތްކަން ޔަގީން ނޫންކަމަށް އަދިތިޔާ ބުންޏެވެ. އަދި ވަރަށްގިނަ ވަގުތު އެކުގައި ހޭދަކުރެވޭ ކަމަށާއި 24 ގަޑީރު އެކުގައި އުޅުން ކޮންމެހެން ދިރިއުޅުމުގައި މުހިންމު ނޫން ކަމަށްވެސް އަދިތިޔާ ވަނީ ބުނެފައެވެ. އެކުގައި ހޭދަކުރެވޭ ވަގުތުގެ މަދު މިނަކުން ނޫނީ ގިނަ މިނަކުން އޭނާގެ ހިތުގައި ޝްވެތާއަށް ވާ އިހުސާސްތައް ބަދަލުނުވާނެކަމަށް ލަވަކިޔުންތެރިޔާ އަދިތިޔާ ނާރަޔަން ވަނީ ބުނެފައެވެ.
މި ދެތަރިން ފުރަތަމަ ބައްދަލުވެފައި ވަނީ 2010 ވަނަ އަހަރު ފިލްމް "ޝާޕިތު"ގެ ސެޓުންނެވެ. އޭރު ޝްވެތާ އަކީވެސް އެކްޓަރެކެވެ. ނަމަވެސް މިހަރު އޭނާ ވަނީ އެކްޓްކުރުން ދޫކޮށްލާފައެވެ.
"އޭނާ އަކީ ފުރަތަމަ ކެމިކަލް އިންޖީނިއަރެއް، ދެން އެކްޓަރެއް، މިހާރު ފެޝަން ޑިޒައިނަރެއް، މަގޭ ގިނަ ސޫޓްތައްވެސް އޭނާ ޑިޒައިންކުރަނީ. އިތުރު މީހުނަށްވެސް ޑިޒައިން ކޮށްދޭ ހާއްސަކޮށް ފިރިހެނުންގެ ހެދުން. އަދި އޭނާ އޯގަނިކް ފާމިންގ އަށްވެސް ޝައުގުވެރިކަން ހުންނަކަން އެނގޭ"
މަޝްހޫރު ލަވަކިއުންތެރިޔާ އުދިތު ނާރަޔަންގެ ދަރިފުޅު އަދިތިޔާ އޭނަގެ އަންހެނުން ޝްވެތާއާ ގުޅޭގޮތުން ބުންޏެވެ.