އިސްރާއީލާ ދެކޮޅަށް ދައުވާ ކުރުމުގެ ބާރު ރާއްޖެ އަށް ލިބޭ: މައުމޫން ހަމީދު

އިސްރާއީލާ ދެކޮޅަށް ދައުވާ ކުރުމުގެ ބާރު ރާއްޖެ އަށް ލިބޭ: މައުމޫން ހަމީދު

Author
އަހުމަދު
05 ނޮވެމްބަރ 2023 01:22
0

އިސްރާއީލުން ފަލަސްތީނާ ދެކޮޅަށް ހިންގަމުންދާ ޖަރީމާތަކާ ގުޅިގެން އިސްރާއީލްއާ ދެކޮޅަށް ރާއްޖެއަށް ދައުވާ ކުރެވޭނެ ކަމަށް، ގާނޫނީ ވަކީލް މައުމޫން ހަމީދު މިއަދު ވިދާޅުވެއްޖެއެވެ.

މައުމޫން ހަމީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ބައިނަލްއަގުވާމީ ގާނޫނުތަކާ ހިލާފުވާ ކަންކަމުގެ މައްޗަށް ރާއްޖޭގެ ގާނޫނުލް އުގޫބާތުގައި، ރާއްޖޭގެ އިހުތިސާސް ކަނޑައަޅާފައިވާ ކަމަށެވެ. އެހެންވެ، ފަލިސްތީނަށް އެހީވުމުގެ ފުރުސަތު ރާއްޖެއަށް އޮތް ކަމަށް އޭނާ ވިދާޅުވިއެވެ.

"ބައިނަލްއަގުވާމީ މުޖުތަމައުގެ އިސްނަގަންދެން މަޑުކުރުމުގެ ބަދަލުގައި ފަލަސްތީނަށް ދެމުންދާ ބޮޑެތި ގެއްލުންތަކާއި ގަތުލުއާންމާ ދެކޮޅަށް ފަލަސްތީނަށް އެހީވުމަށް ފިޔަވަޅު އެޅުމުގެ ފުރުސަތު ރާއްޖެއަށް އެބައޮތް." މައުމޫން ވިދާޅުވިއެވެ.

ގާނޫނުލް އުގޫބާތުގެ 13 ވަނަ މާއްދާގައި ބުނީ ކުށްކުރީ ކޮންމެ ތަނެއްގައި ކަމުގައިވީ ނަމަވެސްް އަދި އެ ކުށްކުރި މީހުންގެ ދިރިއުޅުން ބިނާވެފައިވަނީ ކޮންމެ ގައުމެއްގައި ކަމުގައިވީ ނަމަވެސް، ބައިނަލްއަގްވާމީ ގާނޫނާ ކަނޑައެޅިގެން ހިލާފަށް ކުރެވޭ ކޮންމެ ކުށެއް އަދި ރާއްޖެއިން ބައިވެރިވެފައިވާ ބައިނަލްއަގްވާމީ މުއާހަދާއެއްގެ ސަބަބުން އެ ކުށުގެ އަމަލުގެ މައްޗަށް ގާނޫނު ހިންގުމުގެ ބާރު ދައުލަތަށް ލިބިދޭ ބާވަތުގެ ކުށްތަކުގެ މައްޗަށް ދަައުވާ އުފުލުމުގެ ބާރު ދިވެހި ދައުލަތަަށް ލިބިގެންވާ ކަމަށެވެ.

ފަލަސްތީނުގެ ރައްޔިތުންނާ އެކުގައި ތިބި ކަން ހާމަކުރުމުގެ ގޮތުން ރާއްޖޭގައި އަންނަނީ ތަފާތު އެކިއެކި ހަރަކާތްތައް ބާއްވަމުންނެވެ. އެގޮތުން ހިނގާލުންތަކާއި އެއްވުންތަކުގެ އިތުރުން ފަލަސްތީނުގައި ހާލުގައި ޖެހިފައިވާ މީހުންނަށް އެހީވުމަށް ފަންޑް ރައިޒިން އިވެންޓުތައް ވެސް އަންނަނީ ބާއްވަމުންނެވެ.

ޣައްޒާގެ ހެލްތު މިނިސްޓްރީން ބުނި ގޮތުގައި އިސްރާއީލުން ބޮން އަޅައި ޣައްޒާ އަށް ހަމަލާ ދިނުމުގެ ސަބަބުން މިހާތަނަށް އައިއިރު، 9،485 މީހުން ވަނީ ޝަހީދުވެފައެވެ. އޭގެ ތެރޭގައި އެންމެ ގިނައީ ކުޑަކުދިންނެވެ. އެގޮތުން 3،900 ކުޑަކުދިންނާއި 2،430 އަންހެނުން ޝަހީދުވެފައިވެއެވެ. މި ހަމަލާތަކުގައި 3،155 ފިރިހެނުން ޝަހީދުވެފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.