އިދިކޮޅު ޕީޕީއެމް ޕީއެންސީއަށް ވެރިކަމާ ހަމައަށް އާދެވުނު ގޮތް ހަނދާން ނުނެތޭ ކަމަށާއި، ވެރިކަމާއި ހަމައަށް އާދެވުނީ ކިހިނެއްކަމެއް ހަނދާނަކުން ނުދާނެ ކަމުގައި، ޕީއެންސީގެ ޗެއަރޕަމަން އަބުދުއްރަހީމް ވިދާޅުވެއްޖެއެވެ.
ޕީޕީއެމް/ޕީއެންސީގެ ލީޑަރޝިޕުން އައްޑޫ ސިޓީއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އައްޑޫ ހުޅުމީދޫގައި ރޭއް ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން އަބުދުއްރަހީމް ވިދާޅުވީ އެމްޑީޕީގެ ސަރުކާރެއް ގެނެސްގެން ގައުމު ސުންނާފަތި ކުރީ ކޮންބައެއްކަން ހަނދާނުގައ އެބަހުރި ކަމުގައެވެ.
އަޅުގަޑުމެން ހަނދާން އެބަހުރި އަޅުގަޑުމެންނަށް ވެރިކަން ލިބުނު ގޮތް. އަޅުގަޑުމެންގެ ހަނދާނަކުން ނުދާނެ އަޅުގަޑުމެންނަށް ވެރިކަމާ ދިމާލަށް މި އާދެވުނީ ކިހިނެއް ކަމެއް. ވެރިކަން އަޅުގަޑުމެންނަށް ލިބުނީ ކިހިނެއް ކަމެއް. ވެރިކަން ހޯދަން އަޅުގަޑުމެން ކުރި މަސައްކަތެއް. އެކަމުގަ އެއްބާރުލުން ދިން ފަރާތްތަކެއް. އަދި އެކަމާ ދެކޮޅަށް ތެދުވި ފަރާތްތަކެއް. މިގައުމަށް އަނިޔާވެރިވި ފަރާތްތަކެއް. އެމްޑީޕީގެ ސަރުކާރެއް ގެނެސްގެން މުޅި މިގައުމު ސުންނާފަތިކުރީ ކޮންބައެއްކަން އަޅުގަޑުމެންގެ ހަނދާނުގައި އެބަހުރި. އެމަންޒަރު އަޅުގަޑުމެންގެ ލޮލަށް އެބަ ފެނޭ. އެއަޑުތައް މިހާރުވެސް އަަޅުގަޑުމެންގެ ކަންފަތަށް އެބަ އިވޭ.
ރޭ އައްޑޫ ހުޅުމީދޫގައި ބޭއްވި ޕީޕީއެމް/ޕީއެންސީގެ ޖަލްސާގައި ވާހަކަ ދައްކަވަމުން އަބުދުއްރަހީމް ވިދާޅުވިއެވެ.
މިޖަލްސާގައި އިތުރަށް ވާހަކަ ދައްކަވަމުން އަބުދުއްރަހީމް ވިދާޅުވީ އެމްޑީޕީގެ ސަރުކާރެއް ގެނައީ ރައީސް ޔާމިންއާއި ގުޅުވައިގެން ދޮގު ވާހަކަ ދައްކައިގެން ކަމަށާއި، އެމަނިކުފާނުގެ ބޮލުގައި ނާޅުވާ އިލްޒާމެއް ނެތް ކަމުގައެވެ. އަދި ވެރިކަމަށް އާދެވުނުގޮތް ހަނދާން ނެތިގެން އުޅެނީ އަފަރާތްތަކުން ކަމަށްވެސް އަބުދުއްރަހީމް ވިދާޅުވިއެވެ.
އެމްޑީޕީގެ ސަރުކާރު ގެނައީ ރައީސް ޔާމިންގެ ސަރުކާރު ނިންމަން ނިކުތް ބަޔަކު ފެތުރި ދޮގު ވާހަކަތަކަކާ އެކީގަ. ހަގީގަތެއް ނެތް ބުހުތާނެ ވާހަކަތަކެެއް ދެއްކީ. ރައީސް ޔާމިނުގެ އިސްތަށިފުޅުގަ ނާޅުވާ އިލްޒާމެއް ނެތް. ނުކުރާ ތުހުމަތެއް ނެތް. އެވާހަކަ އެދެއްކެވި ބޭފުޅުން މިއަދު އަޅުގަޑުމެން ވެރިކަމާއި ހަމައަށް އައިމާ، ވެރިކަމާއި ހަމައަށް އާދެވުނު ގޮތް ހަނދާން ނެތުނަސް މިވެރިކަން ގެންނަން މަސައްކަތް ކުރި އަޅުގަޑުމެންގެ ޓީމަކުން އެ ހަނދާން ނެތިގެނެއް ނުދާނެ.
އަބުދުއްރަހީމް ވިދާޅުވިއެވެ.
އަބުދުއްރަހީމް ވިދާޅުވީ ފާއިތުވި ރިޔާސީ އިންތިޚާބު ކާމިޔާބު ކޮށްދިނުމަށް ދިވެހި ރައްޔިތުން ކޮށްދެއްވި މަސައްކަތްތައް ވަރަށް ރަގަޅަށް ހަދާނުގައި އެބަހުރިކަމަށާއި، މިއީ ރައްޔިތުން ހޯއްދަވާދެއްވި ވެރިކަމެއް ކަމުގައެވެ.
ވެރިކަމަށް އާދެވުނު ގޮތް ހަނދާން ނުނެތޭކަމަށް އަބުދުއްރަހީމް ވިދާޅުވެފައިވާއިރު، ދާދިފަހުން ރައީސް ޔާމިން އިސްވެ ހުންނަވާ ޕީއެމްގެ އޮފީހުގައި ބޭއްވި ޕާޓީގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން ކުރީގެ ނާއިބު ރައީސް ޑރ. ޖަމީލް ވިދާޅުވެފައިވަނީ ޕީޕީއެމް/ޕީއެންސީއަށް ހެދޭނެ އެންމެ ބޮޑު ގޯހަކަށް ވެގެންދާނީ ޕީޕީއެމް/ޕީއެންސީއަށް ވެރިކަމަށް އާދެވުނު ގޮތް ހަނދާން ނެތިގެން ދިއުން ކަމުގައެވެ.
އަދި ޑރ. ޖަމީން ވިދާޅުވީ ޕީޕީއެމް ޕީއެންސީ ވެރިކަމަށް އައުމުގައި އެންމެ ބޮޑު ގުރުބާނީއެއް ވެވަޑައިގެންނެވީ ރައީސް ޔާމިން ކަމުގައެވެ.
ޑރ. ޖަމީލް ފާހަގަވެގެން ގޮސްފައިވަނީ 2018ވަނަ އަހަރު ރައީސް ޔާމިންގެ ވެރިކަން ބަދަލު ކުރުމުގައި އެންމެ އިސްކޮށް މަސައްކަތް ކުރެއްވި އެއްބޭފުޅެެއްގެ ގޮތުގައެވެ. އަދި ޖަމީލްވަނީ ރައީސް ޔާމިން ދައުލަތުގެ މުދަލުން ވައްކަން ކޮށްފައިވާކަމަށް ވިދާޅުވެ، ރައީސް ޔާމިނަށް ނިސްބަތްކޮށް އެމޭރުމުން ގިނަ ވާހަކަތަކެއް ދައްކަވާފައެވެ. އެހެންނަމަވެސް ފަހުން ޑރ. ޖަމީލް މަސައްކަތް ކުރައްވާފައިވަނީ ރައީސް ޔާމިންގެ ދިފާއީ ވަކީލެއްގެ ގޮތުގައެވެ.
ކޮމެންޓު ފޮނުވާ