އެމްއެމްޕީއާރްސީގެ ބޮޑު ޚިޔާނާތް ފަޅާއެރުވާލައި، އިޚުލާސްތެރިކަމާއިއެކު އެކަން ބަލަން ފަށައި އިންސާފު ޤާއިމް ކުރުމަށް ރައީސް ޔާމީން ކުރެއްވި މަސައްކަތް ހުއްޓުވައި، އެމައްސަލާގައި ޝާމިލުވާ މީހުން ފޮރުވަން މަސައްކަތް ކުރައްވަނީ ރައީސް ޞާލިހު ކަމުގައި އިދިކޮޅު ކޯލިޝަން ހިންގުމާއި ހަވާލުވެ ހުންނެވި އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.
އެމްއެމްޕީއާރްސީގެ ބޮޑު ޚިޔާނާތް ފަޅާއެރީ ރައީސް ޔާމީންގެ ވެރިކަން ފުރޮޅައިލާން އުޅޭކަމަށް ޝައްކުކުރެވުނު ބަޔަކު ހިފައި ހައްޔަރުކުރަން، އޭރުގެ ސަރުކާރުން ޖެހި މަޅިއެއްގެ ތެރެއިންކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހު ވިދާޅު ދެއްކެވި ވާހަކަތަކަށް ރައްދު ދެއްވަމުން އަބްދުއްރަހީމް ވިދާޅުވީ، އެމްއެމްޕީއާރުސީ މައްސަލާގައި ޚިޔާނާތްވުމުން އޭރުގައި ރައީސް ޔާމީންއާއި އެންމެ އަރިސްކޮށް މަސައްކަތް ކުރެއްވި ބޭފުޅާއާއިމެދު ފިޔަވަޅު އަޅައި އެކަމުގައި ޝާމިލުވިމީހުން އިންސާފުގެ ކުރިމައްޗަށް ގެނައުމަށް މަސައްކަތް ފެއްޓިވިކަމަށެވެ.
ނަމަވެސް އެކަން ނުނިމެނީސް ނުހައްގުން ވެރިކަމަށް އައިބަޔަކު މުޅި މައްސަލަ އޮއްބާލައި، ސިޔާސީ ހަތިޔާރަކަށް މިމައްސަލަ ހަދާފައިވާކަމަށެވެ. އެމްއެމްޕީއާރުސީގެ ޚިޔާނާތުގައި ހިމެނޭ މީހުންނަކީ މިއަދު ކޮބައިކަންވެސް ނޭގި އެކަމުގައި އެންމެ އިސްކޮށް އުޅުންވި މީހުންނާއިމެދު ރައީސް ޞާލިހު ބަހައްޓަވާ އޯގާތެރިކަން ފެނުމުން މިސަރުކާރުން މިމައްސަލާގައި އޮތް އިޚުލާސްތެރިކަން ހާމަވާކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.
އެމްއެމްޕީއާރުސީގެ މައްސަލަ ރައީސް ޔާމީން ހާމަކުރީ، ފާޅުގައި އެންމެ ކައިރިން ތިބި މީހުން ވައްކަން ކުރުމުންވެސް ފިޔަވަޅު އަޅައި ވައްކަމަށް ނޫނެކޭ ބުނާތީ. މިސަރުކާރުގައި ވައްކަން އިތުރުވެގެން މިއުޅެނީ ވައްކަން ރިޕޯޓް ކުރާތީކީނޫން. ވައްކަން އިތުރުވެ ވައްކަން ކުރަން ޖާގަދޭތީ ވައްކަން އިތުރުވަނީ. ވައްކަން ކުރަން ދެއްވާ ހިއްވަރު އެމްއެމްޕީއާރުސީ މައްސަލައަށް ބަލައިލުމުން އެބަފެނޭ. މިކަންކަން ކުރުވަން ފުރުސަތު ދެއްވަނީ ރައީސް ޞާލިހު އިސްކޮށް ހުންވައިގެން.
– އަބްދުއްރަހީމް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ މިމައްސަލަ އިންސާފުވެރިކަމާއިއެކު ބެލުމަކީ މިސަރުކާރަށް ކުޅަދާނަވާނެ ކަމެއް ނޫންކަމަށެވެ. މިމައްސަލަޔަކީ އެތައް ސަރޭކަބަޔަކު ބައިވެރިވާ މައްސަލައެއްކަމަށް ބުނެ "ޒީރޯ ޓޮލަރެންސް" ގެ ނަންބޯޑުގައި ވެރިކަމަށް އައިމީހުންނަށް އަދާއިހަމަޔަށްވެސް މިމައްސަލައިގެ ފުނަށް ނުދެވުމަކީ މިކަމުގެ އިހުލާސްތެރިކަން ނިކަން ރަނގަޅަށް ހާމަވާކަމެއްކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.
އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާ 267 ފަރާތަކަށް ލިބުނުކަމަށް އެމައްސަލަ ތަޙްޤީޤުކުރާ އިދާރާތަކުންވަނީ ވިދާޅުވެފައެވެ. ޚިޔާނާތުގެ ފައިސާ ލިބިފައިވާ ފަރާތްތަކުގެ ތެރޭގައި 18ވަނަ ރައްޔިތުންގެ މަޖިލީހުގެ 44 މެމްބަރަކާއި، ރައްޔިތުންގެ މަޖިލީހުގެ މިހާރުގެ 16 މެމްބަރަކާއި، މިނިވަން މުއައްސަސާތަކުގައި އިސްކޮށް ތިއްބެވި 5 ބޭފުޅަކުވެސް ހިމެނިވަޑައިގަންނަވައެވެ. މީގެ އިތުރުން މިހާރު ސަރުކާރުގެ އެކި މަޤާމުތަކުގައި ތިބި 7 މީހަކާއި 7 ފަނޑިޔާރެއްގެ އިތުރުން ސަލާމަތީ ބާރުތަކުގައި ހިމެނޭ 23 އޮފިސަރުން ވެސް ހިމެނޭކަމަށް ކަމާބެހޭ ފަރާތްތަކުން ތުހުމަތުކުރެއެވެ.
ކޮމެންޓު ފޮނުވާ