2024 ވަނަ އަހަރުގެ ފެބްރުއަރީމަހު ޗައިނާގެ އިތުރު 3 އެއަރލައިނަކުން ރާއްޖެއަށް ދަތުރުތައް ފެށުމަށް ހަމަޖެހިފައިވާ ކަމަށް، ފިނޭންސް މިނިސްޓްރީން 2024 ވަނަ އަހަރަށް ލަފާކޮށްފައިވާ ދައުލަތުގެ ބަޖެޓްގައި ބުނެފިއެވެ.
މިހާރު ރައްޔިތުންގެ މަޖިލިހަށް ހުށަހެޅިފައިވާ، މަޖިލިސް ރައީސްގެ ނޯކޮންފިޑެންސް މޯޝަނާއި ގުޅިގެން އުފެދިފައިވާ ކޯޅުންތަކާއެކު، އަންނަ އަހަރަށް ލަފާކުރާ 49.5 ބިލިއަން ރުފިޔާގެ ބަޖެޓް މަޖިލީހަށް އަދި ހުށަހެޅިފައި ނުވިނަމަވެސް، ފިނޭންސް މިނިސްޓްރީން މިހާރުވަނީ ބަޖެޓް އާންމުކޮށްފައެވެ.
މި ބަޖެޓްގައި ލަފާކޮށްފައިވާގޮތުން އަންނަ އަހަރު ވެގެންދާނީ 2016ގެ ފަހުން (2020 ވަނަ އަހަރު ފިޔަވާ) ފަތުރުވެރިކަމުގެ ދައިރާގެ ކުރިއެރުން އެންމެ ދަށްވާނެ ކަމަށް ލަފާކުރެވޭނެ އަހަރު ކަމުގައެވެ.
އެހެންނަމަވެސް 2024 ވަނަ އަހަރުގެ ފެބްރުއަރީމަހު ޗައިނާގެ އިތުރު 3 އެއަރލައިނަކުން ރާއްޖެއަށް ދަތުރުތައް ފެށުމުން، ޗައިނާއިން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު ކުރިޔަށް އޮތް އަހަރު ތެރޭގައި އިތުރުވާނެކަމަށްވެސް ބަޖެޓުގައި ބުނެފައި ވެއެވެ.
ބަޖެޓުގައި ބުނެފައިވަނީ 2023 ވަނަ އަހަރު ރާއްޖެއަށް ޒިޔާރަތްޖުރާ ފަތުރުވެރިންގެ އަދަދު ރިކޯޑު މިންވަރަކަށް އިތުރުވެ، މިއަހަރުގެ ނިޔަލަށް ރާއްޖެއަށް 1.87 މިލިއަން ފަތުރުވެރިން ޒިޔާރަތް ކުރާނެކަމަށް ބެލެވޭ ކަމަށެވެ.
2024 އަށް ލަފާކުރާ ބަޖެޓްގައި ބުނެފައިވަނީ ކޯވިޑް 19ގެ ބަލިމަޑުކަމާއެކު، ފަތުރުވެރިކަމުގެ ދާއިރާއަށް ކުރިމަތިވި އަޑިގަޑުން އަރައިގަތުމަށް 2021 ވަނަ އަހަރުން ފެށިގެން ބާރުމިނެއްގައި އެދާއިރާގެ އުފެއްދުންތެރިކަން ކުރިއަރަމުން އައިނަމަވެސް، މިއަހަރަށްފަހު ފަތުރުވެރިކަމިގެ ސިނާއަތުވަނީ އާންމު ހާލަތަށް ރޫޖޫއަވެފައިވާ ކަމުގައެވެ.
އެހެންނަވެސް، އަންނަ އަހަރު ފަތުރުވެރިކަމުގެ ދާއިރާގެ ކުރިއެރުން ދަށްވާނެ ސަބަބެއްގެ ގޮތުގައި ފާހަގަ ކުރަމުން ބެޖެޓް ފޮތުގައި ބުނެފައިވަނީ، 2023 ވަނަ އަހަރުގެ 2 ވަނަ ކުއާޓަރުން ފެށިގެން ޔޫރަޕްގެ މާކެޓްތަކުން ފަތުރުވެރިން ޒިޔާރަތްކުރާ މިންވަރު، ކުރިން އަންދާޒާ ކުރި މިންވަރަށްވުރެ ދަށްވެފައިވާކަން ފާހަގަ ކުރެވިފައިވާ ކަމުގައެވެ. އެގޮތުން އަންނަ އަހަރު ތެރޭގައިވެސް ޔޫރަޕް މާކެޓްތަކުން އިތުރު ކުރިއެރުންތަކެއް ފެނިދާނެކަމަށް ލަފާ ނުކުރެވޭނެކަމަވެސް ބުނެފައި ވެއެވެ.
ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު އަންނަ އަހަރު ފުރަތަމަ ފަހަރަށް 2 މިލިއަނަށް އަރާނެކަމަށްވެސް އަންނަ އަހަރަށް ލަފާކޮށްފައިވާ ދައުލަތުގެ ބަޖެޓުގައި އަންދާޒާ ކޮށްފިއެވެ.