ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު އަންނަ އަހަރު ފުރަތަމަ ފަހަރަށް 2 މިލިއަނަށް އަރާނެކަމަށް އަންނަ އަހަރަށް ލަފާކޮށްފައިވާ ދައުލަތުގެ ބަޖެޓުގައި އަންދާޒާ ކޮށްފިއެވެ.
މިހާރު ރައްޔިތުންގެ މަޖިލިހަށް ހުށަހެޅިފައިވާ، މަޖިލިސް ރައީސްގެ ނޯކޮންފިޑެންސް މޯޝަނާއި ގުޅިގެން އުފެދިފައިވާ ކޯޅުންތަކާއެކު، އަންނަ އަހަރަށް ލަފާކުރާ 49.5 ބިލިއަން ރުފިޔާގެ ބަޖެޓް މަޖިލީހަށް އަދި ހުށަހެޅިފައި ނުވިނަމަވެސް، ފިނޭންސް މިނިސްޓްރީން މިހާރުވަނީ ބަޖެޓް އާންމުކޮށްފައެވެ.
މި ބަޖެޓުގައި ފަތުރުވެރިކަމުގެ ސިނާއަތަށް ކޮށްފައިވާ އަންދާޒާތައް ބުނާގޮތުން، 2023 ވަނަ އަހަރާއި އަޅާ ބަލާއިރު، ބެޑްނައިޓްސް 7.0 އިންސައްތައިން އަންނަ އަހަރު ކުރިއަރަނެއެވެ.
އަދި އެއާއެކު، އަންނަ އަހަރު ފަތުރުވެރިކަމުގެ ދާއިރާގެ އުފެއްދުންތެރިކަން 6.6 އިންސައްތައިން ކުރިއަރާނެކަމަށްވެސް ވަނީ ލަފާކޮށްފައެވެ.
މިއީ 2016ގެ ފަހުން (2020 ވަނަ އަހަރު ފިޔަވާ) ފަތުރުވެރިކަމުގެ ދައިރާގެ ކުރިއެރުން އެންމެ ދަށްވާނެ ކަމަށް ލަފާކުރެވޭނެ އަހަރުކަމަށްވެސް 2024 ވަނަ އަހަރަށް އަންދާޒާކޮށް ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ ބަޖެޓްގައި ބުނެފައި ވެއެވެ.
2024 އަށް ލަފާކުރާ ބަޖެޓްގައި ބުނެފައިވަނީ ކޯވިޑް 19ގެ ބަލިމަޑުކަމާއެކު، ފަތުރުވެރިކަމުގެ ދާއިރާއަށް ކުރިމަތިވި އަޑިގަޑުން އަރައިގަތުމަށް 2021 ވަނަ އަހަރުން ފެށިގެން ބާރުމިނެއްގައި އެދާއިރާގެ އުފެއްދުންތެރިކަން ކުރިއަރަމުން އައިނަމަވެސް، މިއަހަރަށްފަހު ފަތުރުވެރިކަމިގެ ސިނާއަތު އާންމު ހާލަތަށް ރުޖޫއަވެފައިވާ ކަމުގައެވެ.
އެހެންނަވެސް، އަންނަ އަހަރު ފަތުރުވެރިކަމުގެ ދާއިރާގެ ކުރިއެރުން ދަށްވާނެ ސަބަބެއްގެ ގޮތުގައި ފާހަގަ ކުރަމުން ބެޖެޓް ފޮތުގައި ބުނެފައިވަނީ، 2023 ވަނަ އަހަރުގެ 2 ވަނަ ކުއާޓަރުން ފެށިގެން ޔޫރަޕްގެ މާކެޓްތަކުން ފަތުރުވެރިން ޒިޔާރަތްކުރާ މިންވަރު، ކުރިން އަންދާޒާ ކުރި މިންވަރަށްވުރެ ދަށްވެފައިވާކަން ފާހަގަ ކުރެވިފައިވާ ކަމުގައެވެ. އެގޮތުން އަންނަ އަހަރު ތެރޭގައިވެސް ޔޫރަޕް މާކެޓްތަކުން އިތުރު ކުރިއެރުންތަކެއް ފެނިދާނެކަމަށް ލަފާ ނުކުރެވޭނެކަމަވެސް ބުނެފައި ވެއެވެ.
އެހެންނަމަވެސް 2024 ވަނަ އަހަރުގެ ފެބްރުއަރީމަހު ޗައިނާގެ އިތުރު 3 އެއަރލައިނަކުން ރާއްޖެއަށް ދަތުރުތައް ފެށުމަށް ހަމަޖެހިފައިވާތީ، ޗައިނާއިން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު ކުރިޔަށް އޮތް އަހަރު ތެރޭގައި އިތުރުވާނެކަމަށްވެސް 2024 މި ސަރުކާރުން ލަފާކޮށްފައިވާ ބަޖެޓުގައި ބުނެފައި ވެއެވެ.
ބަޖެޓުގައި ބުނެފައިވަނީ 2023 ވަނަ އަހަރު ރާއްޖެއަށް ޒިޔާރަތްޖުރާ ފަތުރުވެރިންގެ އަދަދު ރިކޯޑު މިންވަރަކަށް އިތުރުވެ، މިއަހަރުގެ ނިޔަލަށް ރާއްޖެއަށް 1.87 މިލިއަން ފަތުރުވެރިން ޒިޔާރަތް ކުރާނެކަމަށް ބެލެވޭ ކަމަށެވެ.