ރައީސް ސާލިހުގެ ސަރުކާރުން ރައްޔިތުންގެ މަޖިލިހަށް ހުށަހަޅާ ދައުލަތުގެ ބަޖެޓްގައި، ޑރ. މުއިއްޒުގެ ސަރުކާރުން އިސްކަންދެއްވާ މުހިންމު ބޮޑެތި ބައެއް މަޝްރޫއުތަކަށް ފުރުސަތު ދީ، އާ ސަރުކާރުން އަލަށް ފަށަން ބޭނުންވާ 314 މަޝްރޫއެއް ފިނޭންސް މިނިސްޓްރީން ބަޖެޓުގައި ހިމަނައިފިއެވެ.
މިގޮތުން ފިނޭންސް މިނިސްޓްރީން އާންމުކުރި ބަޖެޓްގައި ސަރުކާރުން ކުރިޔަށް ގެންދާނެ ޕްރޮޖެކްޓްތަކަށް ބަޖެޓްގައިވަނީ 1.5 ބިލިއަން ރުފިޔާ ވަނީ ހިމަނާފައެވެ.
ރައްޔިތުންގެ މަޖިލިހަށް އަދި ހުށަހަޅާފައި ނުވިނަމަވެސް، ފިނޭންސް މިނިސްޓްރީން މިހާރު އާންމުކޮށްފައިވާ، 2024 އަށް ލަފާކުރާ ދައުލަތުގެ ބަޖެޓްގައިވާ ގޮތުން އާ ސަރުކާރުން އަންނަ އަހަރު ޖުމްލަ 458 މަޝްރޫއެއް ކުރިޔަށް ގެންދާނެއެވެ.
އޭގެ ތެރޭގައި ހިމެނޭ 144 މަޝްރޫއަކީ މި ސަރުކާރުން ފަށާފައިވާ މަޝްރޫއުތަކެވެ. އޭގެ ތެރޭގައި ހިމެނެނީ އެއަރޕޯޓުތައް އެޅުމާއި، ރަށްރަށުގެ މަގުތައް ހެދުމާއި، ބިން ހިއްކުމާއި ސިއްޙީ މަރުކަޒުތަކާއި ރަށްރަށުގެ ސްކޫލްތައް އެޅުމާއި މަރާމާތު ކުރުންފަދަ މަޝްރޫޢުތަކެވެ.
އިންތިޚާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ތަރައްގީގެ ސިޔާސަތުތަކަށް ތަންދިނުމުގެ ގޮތުން، ފިނޭންސް މިނިސްޓްރީން ތައްޔާރުކޮށްފައިވާ ބަޖެޓުން ފާހަގަވާން އޮތް އެންމެ މުހިންމު މަޝްރޫއެއްގެ ގޮތުގައި ފެންނާން އޮތީ 400 މިލިއަން ރުފިޔާ ބަޖެޓް ކޮށްފައި އޮތް ފުށިދިއްގަރުފަޅު ހިއްކުމުގެ މަޝްރޫއެވެ.
މި މަޝްރޫޢު ހިންގުމަށް ބަޖެޓްގައި މިއަދަދަށް ފައިސާ ހިމަނާފައިވި ނަމަވެސް، މިފައިސާ ހޯދާނެގޮތެއް ބަޖެޓުގައި ފާހަގަކޮށްފައެއް ނުވެއެވެ. ބެލެވޭ ގޮތުގައި ޑރ. މުއިއްޒުގެ ސަރުކާރުން މި ފައިސާ ހޯދާނީ ލޯން އެހީގައެވެ.
މާލެ ސަރަހައްދުގެ ބިންތައް ހިއްކައިގެން، ރައްޔިތުންނަށް ކުރިމަތިވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ހޯއްދެވުމަކީ ޑރ. މުއިއްޒުގެ އެންމެ މުހިންމު ރިޔާސީ އެއް ވައުދެވެ. މި ވައުދު ފުއްދުމަށްޓަކާ، ފުށިދިއްގަރުފަޅުގެ 1،200 ހެކްޓަރުގެ ބޮޑު ސަރަހައްދެއް ހިއްކުމަށް ވަނީ ހަމަޖެހިފައެވެ. އެއަށްފަހު މި ބިމުގައި 11،900 އަށް ވުރެ ގިނަ ގޯއްޗާއި 26،000 ފްލެޓް އިމާރާތް ކުރާނެ ކަމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފަ އެވެ.
އޭގެ އިތުރުންވެސް ރާއްޖޭގެ އެކިރަށްތަަކަށް ޑރ. މުއިއްޒު ކުރެއްވި ކެމްޕޭން ދަތުރުފުޅުތަކުގައި ވެވަޑައިގެންފައިވާ، ތަރައްގީއާއި ގުޅުންހުރި މުހިންމު ބައެއް ވައުދުތަކަށް، އަންނަ އަހަރަށް ލަފާކޮށްފައިވާ ދައުލަތުގެ ބަޖެޓުން ވަނީ ފުރުސަތު ދީފައެވެ.
އޭގެ ތެެރެއިން އެންމެ ޚާއްސަ ގޮތެއްގައި ފާހަގަ ކޮށްލެވެނީ، އިންތިޚާބީ ރައީސް ރައީސް ޑރ.މުޙައްމަދު މުޢިއްޒު ވަޢުދުވެވަޑައިގެންފައިވާ އައްޑޫ ސިޓީގެ ހިތަދޫއާއި ހުޅުމީދޫ ގުޅުވާލާ ބްރިޖު މަޝްރޫޢުވެ. ފިނޭންސް މިނިސްޓްރީން އާންމު ކޮށްފައިވާ ބަޖެޓްގައި މިމަޝްރޫޢުގެ ސާރވޭއަށް ބޭނުންވާ 30 މިލިއަން ރުފިޔާ ވަނީ ހިމަނާފައެވެ.
މިއީ މާލޭ ސަރަހައްދު ފިޔަވާ ރާއްޖޭގެ އެހެން އެއްވެސް ސަހަރައްދެއްގައި ކުރިޔަށް ގެންދަވާނެކަމަށް މުއިއްޒު ވައުދުވެވަޑައިގެންނެވި އެންމެ ބޮޑު މަޝްރޫޢެވެ. އެއާއެކު މި ބުރިޖު ވެގެންދާނީ އެހާތަނާއި ހަމައަށް ރާއްޖޭގައި ހަދާނެ އެންމެ ދިގު ބުރިޖު ކަމުގައެވެ. މިގޮތުން އެ މަޝްރޫއު ނިމޭއިރު އެ ބުރިޖުގެ ދިގުމުގައި 13.-15 ކިލޯ މީޓަރު ހުންނާނެއެވެ.
އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގައި ޕީއެސްއައިޕީ މަޝްރޫއުތަކަށް 8.6 ބިލިއަން ރުފިޔާ ކަނޑައަޅާފައި ވާއިރު، އޭގެ ތެރެއިން އެންމެ ބޮޑު އަދަދެއް ކަނޑައެޅީ އެއާޕޯޓު އެޅުމަށާއި ދަތުރުފަތުރުގެ ނިޒާމަށްކަން ފާހަކަ ކޮށްލެވެއެވެ. އެއާޕޯޓު ފަދަ ޕްރޮޖެކްޓްތަކަށް 3.2 ބިލިއަން ރުފިޔާ ކަނޑައަޅާފައި ވާއިރު، ބިން ހިއްކުމުގެ މަޝްރޫއުތަކަށް ބަޖެޓުގައި ވަނީ 1.6 ބިލިއަން ރުފިޔާ ހިމަނާފައެވެ.