ބަޖެޓް ހުށަހަޅާ ޖަލްސާއަށް ވަޑައި ނުގެންނެވުމަށް އަމީރު ނިންމަވައިފި

ބަޖެޓް ހުށަހަޅާ ޖަލްސާއަށް ވަޑައި ނުގެންނެވުމަށް އަމީރު ނިންމަވައިފި

2024ވަނަ އަހަރަށް ދަޢުލަތުން ކަނޑައަޅާ ބަޖެޓު ހުށަހެޅުމަށް މިއަދު އޮންނަ މަޖިލީހުގެ ޖަލްސާއަށް ވަޑައި ނުގެންނެވުމަށް ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ނިންމަވައިފިއެވެ.

ޤާނޫނު ބުނާގޮތުން، ކުރިއަށް އޮންނަ އަހަރަށް ކަނޑައަޅާ ބަޖެޓު ކޮންމެ އަހަރެއްޖެވެސް އޮކްޓޯބަރު މަހުގެ ނިޔަލަށް ހުށައަޅަންޖެހެއެވެ. ބަޖެޓް ހުށަހެޅުއްވާނީ ޤާނޫނުގައި ބުނާގޮތުން ފިނޭންސް މިނިސްޓަރެވެ. ބަޖެޓްގެ މަސައްކަތް މިފެށޭ ނޮވެމްބަރު މަހުގެ ނިޔަލަށް ނިންމައި މަޖިލިސްގެ ގަވާއިދު ބުނާގޮތުން މަޖިލިސް ބޮޑު ޗުއްޓީއަށް ދާނެއެވެ.

ބަޖެޓް މަޖިލީހަށް ހުށަހަޅާއިރު މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ އޮތޮމުން ފިނޭންސް މިނިސްޓަރ އަމީރު ވަނީ ބަންޑާރަ ނައިބްގެ ޤާނޫނީ ލަފާ މިކަމުގައި ހޯއްދަވާފައެވެ. އަމީރު ނިންމަވާފައިވަނީ އެޓަރނީ ޖެނެރަލް (އޭޖީ) ގެ ލަފާފުޅާއެކު ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ހާޒިރުވެވަޑައިނުގަންނެވުމަށެވެ.

މިނިސްޓަރު އަމީރު އެގޮތަށް ނިންމެވީ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ އެޖެންޑާ ކުރުމަށްފަހު އެ މައްސަލަ ނުނިންމައި މަޖިލީހުގެ އެހެން މަސައްކަތެއް ކުރިއަށް ނުގެންދެވޭނެ ކަމަށް އޭޖީން ގާނޫނީ ލަފާ ދެއްވާތީއެވެ. ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހުގެ ނިމިދިޔަ ދެ ޖަލްސާއަށް އެޖެންޑާ ކުރި ނަމަވެސް މަޖިލީހުގެ ނައިބް ރައީސް އާލާސްކަން ފުޅާ އުޅުއްވާތީ ޖަލްސާ ވަނީ ކުރިއަށްދާ ގޮތެއް ނުވެފައެވެ.

އެމްޑީޕީން ވަނީ މިއަދުގެ ޖަލްސާއަށް ރައީސް ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ އެޖެންޑާ ކޮށް ދިނުމަށްވެސް އެދިފައެވެ. އަދި މަޖިލީހުގެ އެހެން އެއްވެސް މަސައްކަތަކަށް ޖާގަ ދޭނީ އެމައްސަލައާއިމެދު ގޮތެއް ނިންމުމަށް ފަހުގައި ކަމަށް އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕުން ވަނީ ބުނެފައެވެ.

ފިނޭންސް މިނިސްޓްރީގެ ފިސްކަލް ސްޓްރެޓެޖީ ރިޕޯޓްގައިވާގޮތުން، ބޭސްލައިން ޚަރަދާއ،ި ޚަރަދު ކުޑަކުރުމަށް އަޅާ ފިޔަވަޅުތަކުން ސަލާމަތްކުރެވޭނެ ޢަދަދުތަކާއ،ި ބަޖެޓުގައި ހިމަނާ އައު މަޝްރޫޢުތަކާއި ޕްރޮގްރާމްތަކަށް ބަލައި 2024 ވަނަ އަހަރުގެ ދައުލަތުގެ ޖުމުލަ ބަޖެޓުގެ އަންދާޒާއަކީ 50.6 ބިލިއަން ރުފިޔާއެވެ.

މިއީ 2023 ވަނަ އަހަރަށް ހުށައެޅި ބަޖެޓަށްވުރެ 5.3 އިންސައްތަ އިތުރު އަދަދެއްކަމަށް މި ރިޕޯޓްގައި ބުނެއެވެ. މިއަހަރު ދަޢުލަތުގެ ބަޖެޓުގެ ގޮތުގައި ކަނޑައަޅާފައިވަނީ 42.8 ބިލިއަން ރުފިޔާއެވެ.

މިއަހަރުގެ ބަޖެޓު ހުށައަޅާއިރު، ވެރިކަން ބަދަލުވުމުގެ މަތުޚަލާގެ ކަންކަންވެސް ސަރުކާރާއި އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ދަނީ ކުރިއަށްގެންދަމުންނެވެ. އެގޮތުން އަންނަ އަހަރަށް އެކުލަވާލާ ބަޖެޓުގައި، އިންތިޚާބީ ސަރުކާރުން ހުށައަޅާ ކަންތައްތައްވެސް ހިމަނުއްވާނެކަން ފިނޭންސް މިނިސްޓްރީއިން މީގެކުރިން ވިދާޅުވެފައިވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *