އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު ހުށައެޅުމަށް މާދަމާގެ މަޖިލިސް ޖަލްސާއަށް އެޖެންޑާކޮށްފިއެވެ. މާދަމާގެ ޖަލްސާއަށް ވަނީ އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓާއި، ސަރުކާރުން މިއަހަރުގެ ޚަރަދުތައް ހަމަޖައްސަން ހުށައެޅި ސަޕްލިމަންޓްރީ ބަޖެޓު ހުށައެޅުމަށްވެސް އެޖެންޑާކޮށްފައެވެ.
ބަޖެޓު ހުށައެޅުމަށް އެޖެންޑާކޮށްފައި މިވަނީ، މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަވެސް ހުށައަޅާ މަޖިލީހުގެ ޖަލްސާއެއް ނުބޭއްވިގެން އުޅެނިކޮށެވެ. ޤާނޫނު ބުނާގޮތުން މިމަސް ނިމުމުގެ ކުރިން ބަޖެޓު ހުށައަޅަންޖެހެއެވެ.
ނަމަވެސް މަޖިލީހުގައި ރައީސް ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލައަށް ގޮތެއް ނުނިމެނީސް އެހެން ކަމެއް ކުރިއަށް ނުގެންދެވޭނެކަމަށް އެމްޑީޕީން ވަނީ ބުނެފައެވެ.
ފިނޭންސް މިނިސްޓްރީގެ ފިސްކަލް ސްޓްރެޓެޖީ ރިޕޯޓްގައިވާގޮތުން ބޭސްލައިން ޚަރަދާއ،ި ޚަރަދު ކުޑަކުރުމަށް އަޅާ ފިޔަވަޅުތަކުން ސަލާމަތްކުރެވޭނެ ޢަދަދުތަކާއ،ި ބަޖެޓުގައި ހިމަނާ އައު މަޝްރޫޢުތަކާއި ޕްރޮގްރާމްތަކަށް ބަލައި 2024 ވަނަ އަހަރުގެ ދައުލަތުގެ ޖުމުލަ ބަޖެޓުގެ އަންދާޒާއަކީ 50.6 ބިލިއަން ރުފިޔާއެވެ. މިއީ މިއަހަރު ބަޖެޓު ހުންނާނެ ކަމަށް ލަފާކުރެވޭ މިންވަރާއި އަޅާބަލާއިރު 5.3 އިންސައްތަ އިތުރު އަދަދެއްކަމަށްވެސް އެރިޕޯޓްގައި ވަނީ ބުނެފައެވެ.
އަންނަ އަހަރުގެ ބަޖެޓު އެކުލަވައިލުމުގެ މަސައްކަތް ކުރިއަށްދަނީ އިންތިޚާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު އައްޔަންކުރައްވާފައިވާ ކޮމިޓީއަކާއި ގުޅިގެން ކަމަށް ފިނޭންސް މިނިސްޓްރީން ބުންޏެވެ..