މި މަހުގެ ހަތް ވަނަ ދުވަހު އިސްރާއީލް ސިފައިން ފަލަސްތނަށް ދެމުން އަންނަ ވަރުގަދަ ހަމަލާތަކުގެ ސަބަބުން މިހާތަނަށް އައިއިރު ފަލަސްތީނުގެ 3،324 ކުޑަކުދިން ޝަހީދުވެފައިވާ ކަމަށް ސޭވް ދަ ޗިލްޑްރަން ނަމަކަށް ކިޔާ ޖަމިއްޔާއަކުން ހާމަކޮށްފިއެވެ.
ސޭވް ދަ ޗިލްޑްރަން އިން އާންމުކޮށްފައިވާ މައުލޫމާތަށް ބަލާއިރު، މި އަދަދަކީ ހަމައެކަނި ޣައްޒާ އިން ޝަހީދުވި ކުޑަކުދިންނެވެ. ފަލަސްތީނުގެ ހުޅަނގު އައްސޭރީގައި ހިނގަމުން އަންނަ ހަމަލާތަކުގައި އސްރާއީލުން 36 ކުޑަކުދިން ޝަހީދުކޮށްލާފައިވާ ކަމަށް ވެސް ސޭވް ދަ ޗިލްޑްރަން އިން ބުނެފައިވެއެވެ.
މިއީ 2019 ވަނަ އަހަރުގެ ފަހުން އެކި ގައުމުތަކުން މަރާލި ކުޑަކުދިންނަށް ވުރެ އިތުރު އަދަދެއް ކަމަށް ސޭވް ދަ ޗިލްޑްރަން އިން ބުނެފައިވެއެވެ. އެގޮތުން ދުނިޔޭގެ އެކި ގައުމުތަކުގައި މިދިޔަ އަހަރު 2،985 ކުޑަކުދިން މަރާލި އިރު، 2021 ގައި 2،515 ކުޑަކުދިން އަދި 2020 ވަނަ އަހަރު 2،674 ކުޑަކުދިން މަރާލާފައިވެއެވެ.
ސޭވް ދަ ޗިލްޑްރަން އިން ބުނި ގޮތުގައި ފަލަސްތީނުގައި މިހާރު ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ކުޑަކުދިންނަށް ރައްކާތެރިކަން ހޯދައި ދެވޭނެ ހަމައެކަނި މަގަކީ ހަނގުރާމަ ހުއްޓާލަން ދެ ފަރާތުން އެއްބަސްވުން ކަމަށެވެ. އަދި ބައިނަލްއަގުވާމީ މުޖުތަމައު އިން މިކަމުގައި މުހިންމު ރޯލެއް ކުޅެން ޖެހޭ ކަމަށް ސޭވް ދަ ޗިލްޑްރަން އިން ބުނެފައިވެއެވެ.
"ކޮންމެ ދުވަހަކު ބަހުސް ކުރުމުގެ ނަތީޖާއަކަށް ވަނީ އެތައް ކުޑަކުދިންނެއް މަރާލެވުން. އަދި އެތައް ކުޑަކުދިންނަށް އަނިޔާ ލިބުން. ކުޑަކުދިންނަށް ރައްކާތެރިކަން ބޭނުންވޭ. ހާއްސަކޮށް އެ ކުދިން ސްކޫލްތަކާއި ހޮސްޕިޓަލްތަކުގައި އުޅޭ އިރު،" ސޭވް ދަ ޗިލްޑްރަންގެ ފަރާތުން ވާހަކަ ދެއްކި ޖޭސަން ލީ ބުންޏެވެ.
ސޭވް ދަ ޗިލްޑްރަން އިން އެގޮތަށް ބުނި އިރު، އިސްރާއީލްގެ އަސްކަރިއްޔާ އިން ޣައްޒާގައި ކުރަމުންދާ ހަނގުރާމަ ވަނީ ފުޅާކޮށްފައެވެ. އެގޮތުން އެއްގަމު މަގުން ޣައްޒާ އަށް އަރައި އިސްރާއީލް ސިފައިން ދަނީ ވަރުގަދަ ހަމަލާތަކެއް ދެމުންނެވެ. އަދި އިސްރާއީލް ސިފައިންނާއި ހަމާސްގެ މުޖާހިދުން ކުރިމަތިލަމުންދާ ކަމަށްވެއެވެ. އިސްރާއީލުން މިދިޔަ ހުކުރު ދުވަހުގެރޭ ޣައްޒާ އިން މުވާސަލާތީ ހިދުމަތް ކަނޑާލުމަށް ފަހު، ވަރަށް ވަރުގަދަ އަށް ބޮން އަޅާފައިވެއެވެ.
ރިޕޯޓުތައް ބުނާ ގޮތުގައި މިއީ ހަނގުރާމައިގައި އިސްރާއީލުން އެންމެ ބޮޑަށް ޣައްޒާ އަށް ބޮން އެޅި ފަހަރެވެ.
ޣައްޒާގައި ވެއްޓިފައިވާ އިމާރާތްތަކުގެ ދަށުވެ، 1،000 އަށް ވުރެ ގިނަ ކުޑަކުދިން ގެއްލިފައިވާ އިރު، ޣައްޒާ އިން ޝަހީދުވި 8،000 މީހުންގެ ތެރެއިން %40 އަކީ ކުޑަކުދިންނެވެ. އަދި 6،000 އަށް ވުރެ ގިނަ ކުޑަކުދިން ޒަހަމްކޮށްލާފައިވާ ކަމަށް ވެސް ޣައްޒާގެ ހެލްތު މިނިސްޓްރީން ބުނެފައިވެއެވެ.
ހަމާސްގެ ހަމަލާތަކުގައި އިސްރާއީލުން ވަނީ 1،400 މީހުން މަރާލައިފައެވެ. އޭގެ ތެރޭގައި އެހެން ގައުމުތަކުގެ މީހުން ވެސް ހިމެނެއެވެ.
ކޮމެންޓު ފޮނުވާ