ބްރިޖުގެ ތަނބުތައް ޖެހުމަށް ހާއްސަ އުޅަނދެއް ގެނެސްފި

ބްރިޖުގެ ތަނބުތައް ޖެހުމަށް ހާއްސަ އުޅަނދެއް ގެނެސްފި

Author
މުޙައްމަދު ޝަޒައިމް
29 އޮކްޓޯބަރ 2023 08:03
0

ތިލަމާލެ ބްރިޖުގެ ތަނބުތައް ފުން ކަނޑުގައި ޖެހުމަށް ބޭނުންކުރާ ހާއްސަ އުޅަނދެއް ޖެކްއަޕް ޕްލެޓްފޯމެއް މާލެ ގެނެސްފިއެވެ.

އިންޑިއާގެ އެފްކޮންސް ކުންފުނިން ގެނައި މިފަދަ ތިންވަނަ އުޅަނދަކީ "މަހަކްސިޔާ" ކިޔާ އުޅަނދެކެވެ. އެފްކޮންސް އިން މީގެކުރިން ވަނީ "މަހާރާނީ" އަދި "މަހާރާޖާ" ކިޔާ ޕްލެޓްފޯމް އުޅަނދެއްވެސް ރާއްޖެ ގެނެސްފައެވެ.

އެފްކޮންސް އިން ބުނާ ގޮތުގައި ތިންވަނަ އުޅަނދާ އެކު ކަނޑުގެ ފުން ހިސާބުތަކުގައި ޖަހަންޖެހޭ ތަނބުތަކުގެ މަސައްކަތް އަވަސްކުރެވިގެންދާނެއެވެ. ތިލަމާލެ ބްރިޖުގެ މަސައްކަތްތައް ބަލާއިރު ބްރިޖުގެ ތަނބުތަކުގައި ބާއްވާ ޕްރީކާސްޓް ސެގްމަންޓްތައް ގުޅިފަޅުގައި ހެދުމުގެ މަސައްކަތް ބާރަށް ކުރިއަށް އެބަދެ އެވެ. ނަމަވެސް މިމަސައްކަތް ނިންމާލެވޭނެ ދުވަހެއް އެފްކޮންސް އިން އަދި ނުބުނެއެވެ.

ތިލަމާލެ ބްރިޖު އަޅަން ހަވާލުކޮށްފައިވާ އިންޑިއާގެ އެފްކޯންސް އިންފްރާސްޓަރަކްޗާއާ އެކު ދިވެހި ސަރުކާރުން އެއްބަސްވުމުގައި ސޮއި ކުރީ މިދިޔަ އަހަރުގެ އޮގަސްޓް 26 ވަނަ ދުވަހު އެވެ. ބްރިޖުގެ އަމަލީ މަސައްކަތާއި ކަމާ ގުޅޭ ސާވޭ ތަކާއި ދިރާސާތައްވެސް ހެދީ އެފްކޯންސް ކުންފުނިންނެވެ.

ބްރިޖާއި ކޯޒްވޭ ހިމެނޭ ގޮތަށް ހަދަން ނިންމާފައިވާ ގާތްގަނޑަކަށް 6.695 ކިލޯ މީޓަރުގެ ބްރިޖު މަޝްރޫއަށް ފަންޑު ކުރަނީ އިންޑިއާ ސަރުކާރުންނެވެ.

ތިލަމާލެ ބްރިޖު އަޅަނީ އިންޑިއާގެ 100 މިލިއަން ޑޮލަރުގެ ހިލޭ އެހީ އާއި އެ ގައުމުގެ އެގްޒިމް ބޭންކުން ދޫކުރާ 400 މިލިއަން ޑޮލަރުގެ ލޯނު ފައިސާއިންނެވެ. ދިވެހި ރުފިޔާ އިން ނަމަ މުޅި މަޝްރޫއަށް 7.7 ބިލިއަން ރުފިޔާ ވަރު ހަރަދުކުރާނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.