ޢައްޒާއިން ކަރަންޓާއި އިންޓަރނެޓާއި ފޯނުގެ ޚިދުމަތް ކެނޑި، ކަނު އަނދިރީގައި

ޢައްޒާއިން ކަރަންޓާއި އިންޓަރނެޓާއި ފޯނުގެ ޚިދުމަތް ކެނޑި، ކަނު އަނދިރީގައި

އިސްރާއީލުން އުދުވާނީ ހަމަލާ ދެމުންދާ، ފަލަސްތީނުގެ ޣައްޒާއިން އިންޓަރނެޓާއި ކަންރަންޓުގެ ޚިދުމަތް ކެނޑި، މުޅި ސިޓީ ކަނު އަނދިރިކަމަށް ހިގައްޖެއެވެ. އަދި އިސްރާއީލުން ވަނީ ގާޒާއަށް ދެމުންދާ ހަމަލާތައް ވަރުގަދަކޮށް، އެއްގަމުން މަގުންވެސް އެ ސިޓީއަށް ދެމުންދާ ހަމަލާތައް ވަރުގަދަ ކޮށްފައިކަމަށް ބުނެފައެވެ.

ގާޒާގައި ހަރަކާތްތެރިވަމުންދާ އެހީދޭ ޖަމިއްޔާތަކާއި މީޑިއާތަކުން ބުނަމުންދަނީ ގާޒާގައި ހަރަކާތްތެރިވަމުންދާ އެތަންތަނުގެ މުވައްޒަފުންނާއި މިހާރު މުޅިންހެން ކަހަލަ ގޮތަކަށް ގުޅުން ކެނޑިފައިވާ ކަމުގައެވެ.

އިންސާނީ ޚިދުމަތް ފޯރުކޮށްދެމުންދާ ފަރާތްތަކުން ބުނަމުންދަނީ ގާޒާގައި ފަލަސްތީނުގެ 1 މިލިއަން ކުޑަކުދިންނާއި އެކުދިންގެ އާއިލާތަކުން މިހާރު ދިރިއުޅެމުންދަނީ އިންސާނުން ދިރިއުޅުމަށް އެކަށީގެންނުވާ ހާލަތުގައި ކަމަށެވެ.

އިސްރާއީލުން ފަލަސްތީނަށް ދެމުންދާ އުދުވާނީ ހަމަލާތައް ވަރުގަދަ ކުރަމުންދާއިރު، ޔޫއެން ޖެނެރަލް އެސެމްބްލީން ވަނީ ހަނގުރާމަ ހުއްޓާލާ ޢައްޒާއަށް އިންސާނީ އެހީރިކަން ފޯރުކޮށް ދިނުމަށް ގޮވާލާ ގަރާރެއް ބޮޓު އައުލަބިއްޔަތަކާއެކު ފާސްކޮށްފައެވެ.

ގައުމުތަކުން އަމަލުކުރުން ލާޒިމް ނޫން މި ގަރާރު ޔުއެންއިން ފާސްކޮށްފައިވަނީ 120 ގައުމުގެ ތާއީދާއެކުއެވެ. ގަރާރާ ދެކޮޅަށް 14 ގައުމަކުން ވޯޓު ދީފައިވައިރު، އެއްވެސް ކޮޅަކަށް ވޯޓުނުދީ 45 ގައުމަކުން ތިއްބެވެ. އޭގެ ތެރޭގައި އިރާގުވެސް ހިމެނެއެވެ.

ފަލަސްތީނާ އެއްކޮޅަށް ޔޫއެން ޖެނެރަލް އެސެމްބްލިން ފާސްކުރި ގަރާރުގައި މެމްބަރު ގައުމުތަކުން ވޯޓު ދީފައިވާގޮތުގެ ތަސްސީލު

ގަރާރާ ދެކޮޅަށް ވޯޓު ދިން ގައުމުތައް:

  1. އޮސްޓްރިއާ
  2. ކްރޮއޭޝިއާ
  3. ޗެކް ރިޕަބްލިމް
  4. ފިޖި
  5. ގޯޓެމާލާ
  6. އިސްރާއީލު
  7. މާޝަލް އައިލޭންޑްސް
  8. މައިކްރޮނޭޝިއާ
  9. ޕަޕުއާ ނިއުގިނީ
  10. ޕެރަގުއޭ
  11. ޓޮންގާ
  12. އެމެރިކާ
  13. ނައުރު (މައިކްރޮނޭޝިއާގައި ހިމެނޭ ޖަޒީރާ ގައުމެއް)
  14. ހަންގޭރީ

އަރަބި އިސްލާމީ ގައުމުތަކުގެ ތެރެއިން މި ވޯޓުގައި އެއްވެސް ކޮޅަކަށް ވޯޓު ނުދީފައިވަނީ އިރާގުން އެކަންޖެވެ.

އެގައުމުން ބުނެފައިވަނީ ހަނގުރާމަ ހުއްޓާލުމާއި، ދާއިމީ ސުލްހައެއް ހޯދުމަށް އެގައުމުން ތާއީދު ކުރާކަމަށެވެ. އަދި އެގައުމުގެ ފޮރިން މިނިސްޓްރީން ބުނެފައިވަނީ، މި ގަރާރު ޑްރާފްޓް ކުރެވުނު އިރުވެސް އެގައުމުގެ ކަންބޮޑުވުން އޮތްކަމަށާއި، އެއީ މިނިވަން ދެ ދައުލަތެއް އުފެއްދުމަށް ގޮވާލާފައި ނުވާތީއާއި، މި ގަރާރުގައި ފަލަސްތީނުގެ ރައްޔިތުންނާއި އެމީހުންގެ ދުޝްމަނުންނަށްވެސް އެއްވަރަކަށް ހަމަހަމަކަން ގާއިމް ކުރުމަށް ގޮވާލާފައި ނުވާތީ ކަމުގައެވެ.

ޔޫއެން ޖެނެރަލް އެސެމްބްލީން ފާސްކުރާ ގަރާރުތަކަކީ ގައުމުތަކުން އެމައްޗަށް އަމަލުކުރުން ލާޒިމް ގަރާރުތަކެއް ނޫނެވެ. އިސްރާއީލުން ބުނެފައިވަނީ މިގަރާރަށް އެގައުމުން އަމަލު ނުކުރާނެ ކަމުގައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *