72 ކިލޯގެ މަސްތުވާތަކެއްޗާއެކު އަތުލާގަތް މީހުންގެ ވަނަވަރު އާންމުކޮށްފި

72 ކިލޯގެ މަސްތުވާތަކެއްޗާއެކު އަތުލާގަތް މީހުންގެ ވަނަވަރު އާންމުކޮށްފި

Author
މުޙައްމަދު ޖިމީ
10 ޑިސެމްބަރ 2020 02:24
0

ފުލުހުން ހިންގި ޚާއްޞާ އޮޕަރޭޝަނެއްގައި 72 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 10 މީހެއްގެ ވަނަވަރު ފުލުހުން ޢާންމުކޮށްފިއެވެ.

ކަނޑުމަގުން ރާއްޖެއަށް ގިނަ އަދަދެއްގެ މަސްތުވާތަކެތި އެތެރެކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި 72 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެއްޗާއެކު 10 މީހަކު ހައްޔަރުކޮށްފައިވަނީ މިދިޔަ އަންގާރަ ދުވަހު ފަރީދީ މަގުންނެވެ.

ފުލުހުންގެ އިންޓެލިޖެންސާއި ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓާއި މެރިން ޕޮލިސް ގުޅިގެން ހިންގި މި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ:
1- ސ. ހުޅުދޫ / ދޭލިޔާގެ، އިރުފާން ތަޤިއްޔު (32އ)
2- ރ. އިނގުރައިދޫ / އެލެސްކާ، މުޙައްމަދު ވިޝާމް (28 އ)
3- ދ. މާއެނބޫދޫ / އަނބުގަސްދޮށުގެ، އަޙްމަދު ނަޞީރު (38އ)
4- ކ. މާލެ / މއ. ކަނޑޫގެ، ޢަލީ އަޙްމަދު (37އ)
5- ކ. މާލެ / ހ. ގާރޑަންބިޔުޓީ، މުޙައްމަދު އަކްރަމް (27އ)
6- ރ. އިނގުރައިދޫ / އެލެސްކާ، ޢަބްދުﷲ ވިޝާމް (26އ)
7- ހދ. ނޮޅީވަރަންފަރު / ނޫރީއާގެ، މުޙައްމަދު ޝަރީފް (34އ)
8- ލ. ގަން، ތުނޑި / ޕެރިސްހޮލިޑޭ، މުޙައްމަދު ފުރުޤާން (33އ)
9- ތ. ތިމަރަފުށި / ތަޑިރަތްމާގެ، މުޙައްމަދު ވަޖީޙު (35އ)
10- ރ. ރަސްގެތީމު / ފީރޯޒްގެ، އަޙްމަދު ޝިނާން (30އ)

މިމީހުންގެ ތެރެއިން ސ. ހުޅުދޫ / ދޭލިޔާގެ، އިރުފާން ތަޤިއްޔު (32އ) އާއި ރ. އިނގުރައިދޫ / އެލެސްކާ، މުޙައްމަދު ވިޝާމް (28 އ) އަކީ މަސްތުވާތަކެތި ރާއްޖެއަށް އެތެރެކުރުމުގައި އެންމެ އިސްކޮށްތިބި ދެ މީހުންކްމަށް ފުލުހުން ބުނެއެވެ.

މަސްތުވާތަކެތި އެތެރެކުރުމުގައި އެންމެ އިސްކޮށް ތިބިކަމަށް ފުލުހުން ތުހުމަތުކުރާ 2 މީހުން

ފުލުހުންނަށް ލިބުނު މައުލޫމާތާއި ގުޅިގެން ހަފްތާއެއްހާ ދުވަސްކުރިން ފަށައިގެން ހިންގަމުންދިޔަ އޮޕަރޭޝަނުގައި ފުލުހުން ދިޔައީ ރާއްޖޭގެ ކަނޑުގެ އެކި ސަރަޙައްދުތަކުގައި ހަރަކާތްތެރިވަމުންކަމަށާއި، މިގޮތުން ހަރަކާތްތެރިވަމުންދަނިކޮށް، "މަސްޖަރީ" ނަމަކަށްކިޔާ ކަންނެލި ދޯންޏެއްގައި ރާއްޖެއިން ބޭރުން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް، ލޯންޗެއްގައި ގޮސް ދޯނިން މަސްތުވާތަކެތި ނަގައިގެން ޑިސެމްބަރު 8 ވަނަ ދުވަހުގެ މާލެއަށް އެތެރެކޮށްފައިވާކަމުގެ މައުލޫމާތު ލިބުމުން މާލެއަށް އެތެރެކުރި މަސްތުވާތަކެތި ކާރެއްގެ ޑިކީއަށް އަރުވާފައިވަނިކޮށް ފުލުހުން ވަނީ ހޯދާފައިކަމަށް ފުލުހުން ބުނެއެވެ.  މި އޮޕަރޭޝަނުގައި ރާއްޖެ އެތެރެކުރި 72 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި ވަނީ ހޯދާފައެވެ.

މި އޮޕަރޭޝަނުގައި އެ 10 މީހުން ހައްޔަރުކޮށް، މާލޭގެ ބައެއް ގެތައް ބަލައިފާސްކޮށްފައިވާއިރު، ދެ ކާރާއި ލޯންޗެއް އަދި ދޯންޏެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ބަލައިފާސްކޮށްފައިވާކަމަށާއި، މި މައްސަލާގައި ހައްޔަރުކޮށްފައިވާ މީހުންނަކީ ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި ދޯނީގައި ހަރަކާތްތެރިވަމުންދިޔަ މީހުންނާއި ލޯންޗުގައި މާލެއަށް މަސްތުވާތަކެތި އެތެރެކުރި މީހުންނާއި ކާރަށް މަސްތުވާތަކެތި އަރުވައިގެން ކާރުގައި ދިޔަ މީހުންކަމަށްވެސް ފުލުހުން ބުންޏެވެ.

މިމައްސަލާގައި ހައްޔަރުކޮށްފައިވާ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން އެމީހުން ހައްޔަރުކޮށްފައިވަނީ ގާނޫނާ އެއްގޮތަށްކަމަށް ކަނޑައަޅައި ދެމީހެއްގެ ބަންދަށް 15 ދުވަސް، ހަތަރު މީހެއްގެ ބަންދަށް 10 ދުވަސް، ތިން މީހުންގެ ބަންދަށް ހަތް ދުވަސް އަދި އެކަކުގެ ބަންދަށް ފަސް ދުވަސް ވަނީ އިތުރުކޮށްދީފައިކަމަށްވެސް ފުލުހުން ބުނެއެވެ.

ޑްރަގު އޮޕަރޭޝަން: 10 މީހުންނާއިއެކު އަތުލައިގަތީ 71 މިލިޔަން ރުފިޔާގެ މަސްތުވާތަކެތި

ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުމުގައި އަދި އެތެރެކުރުމަށްފަހު އެއްތަނުން އަނެއް ތަނަށް އެތަކެތި އުފުލުމުގައި ބޭނުންކުރާ އުޅަނދު ފަހަރުތަކުގެ ވެރިފަރާތަށް އޮޅުވާލައިގެން އުޅަނދުފަހަރު ބޭނުންކުރަމުންދާކަން ފާހަގަކުރެވިފައިވާތީ ކަނޑު އުޅަނދުފަހަރު އަދި އެއްގަމު އުޅަނދު ގެންގުޅުއްވާ ފަރާތްތަކުން މިކަމަށް ހާއްސަ ސަމާލުކަމެއް ދިނުމަށްވެސް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.

މިމައްސަލަ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން ދަނީ ތަހުގީގު ކުރަމުން އަންނަކަމަށް ފުލުހުން ބުނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.