މާލިއްޔަތު ޤާނޫނުގައި ބަޔާންކުރާ ޝަރުތުތައް ފުރިހަމަކުުރުމަށްފަހު، ސަރުކާރުން ސަޕްލިމަންޓްރީ ބަޖެޓް ރައްޔިތުންގެ މަޖިލީހަށް އަލުން ހުށައަޅައިފިއެވެ.
ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށައެޅުއްވި ސަޕްލިމަންޓްރީ ބަޖެޓުގައި، މާލިއްޔަތު ޤާނޫނުގައި ބަޔާންކުރާ ޝަރުތުތައް ފުރިހަމަނުވާތީ، އެކަންކަން ފުރިހަމަކުރުމަށްފަހު އަލުން ހުށައެޅުމަށް އަންގާ، އަނބުރާ ފޮނުވާލައިފައިވަނީ އަންގާރަ ދުވަހުއެވެ. ފިނޭންސް މިނިސްޓްރީގެ ފައިނޭންޝަލް ބަޖެޓް އެގްޒެކެޓިވް އަޙްމަދު ސަރުވަޝް ވިދާޅުވީ، މާލިއްޔަތު ޤާނޫނު މިއަހަރު އިސްލާޙުކުރިއިރު، ޕްރޮގްރާމް ބަޖެޓު ހުށަހަޅަންޖެހޭނެ ކަމަށް އޮންނަ ކަމަށެވެ. ބަޖެޓު ތައްޔާރުކޮށްފައިވަނީ ޕްރޮގްރާމް ސްޓްރަކްޗަރއަށް ކަމަށާއި، މަޖިލީހުން އިތުރު މަޢުލޫމާތުތައް ބޭނުންވާ ކަމަށް އެންގުމުން އެ މައުލޫމާތުތަކާއެކު އަލުން މިހާރު ހުށައަޅާފައިވާނެ ކަމަށް ސަރުވަޝް ވިދާޅުވިއެވެ.
މި އަހަރަށް ފާސްކޮށްފައިވާ ބަޖެޓުގެ ޚަރަދުތައް ހަމަޖެއްސުމަށް، ސަޕްލިމެންޓްރީ ބަޖެޓުގެ ގޮތުގައި ހުށަހަޅާފައިވަނީ 6.5 ބިލިއަން ރުފިޔާއެވެ. އޭގެތެރެއިން ސަބްސިޑީ ދިނުމަށް 1.8 ބިލިއަން ރުފިޔާ، އާސަންދައަށް 1.2 ބިލިއަން ރުފިޔާ އަދި ޕީއެސްއައިޕީގެ މަޝްރޫޢުތަކަށް 1.7 ބިލިއަން ރުފިޔާ ކަނޑައަޅާފައިވެއެވެ.
ފިނޭންސް މިނިސްޓްރީން ވިދާޅުވީ، ޤާނޫނު އަސާސީގެ 96 ވަނަ މާއްދާގެ (ނ) ގައިވާ ގޮތުގެ މަތިން ސަޕްލިމެންޓްރީ ބަޖެޓެއް މަޖިލީހަށް ހުށަހެޅީ މިއަހަރަށް ފާސްކޮށްފައިވާ ބަޖެޓަށްވުރެ އިތުރަށް މި އަހަރު ތެރޭގައި ޚަރަދުވާނެކަމަށް ބެލެވޭތީކަމަށެވެ. ދައުލަތުގެ ބަޖެޓަށް އިތުރުކުރުމަށް ފިނޭންސް މިނިސްޓްރީން ހުށަހަޅާފައިވާ 6.5 ބިލިއަން ރުފިޔާއާއެކު މިއަހަރަށް ފާސްކޮށްފައިވާ 42.8 ބިލިއަން ރުފިޔާގެ ބަޖެޓް ވަނީ 49.3 ބިލިއަން ރުފިޔާއަށް ބޮޑުވެފައެވެ.
ފިނޭންސް މިނިސްޓްރީން ވިދާޅުވީ، މި ސަޕްލިމަންޓަރީ ބަޖެޓުން މައިގަނޑު ގޮތެއްގައި ޚަރަދުކުރުމަށް ކަނޑައަޅައިފައި ވަނީ ޕީއެސްއައިޕީއާއި އާސަންދައާއި ސަބްސިޑީތަކަށް ކުރާ ޚަރަދުތަކާއި، ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ދޫކުރާ ކެޕިޓަލް ކޮންޓްރިބިއުޝަނަށް ކަމަށެވެ.
މި އަހަރުގެ ތެރޭގައި ޕީއެސްއައިޕީ ހިނގުން ހަލުވިވެ، ބަޖެޓުކުރި މިންވަރަށްވުރެ ބޮޑަށް އެ ނޫން ޚަރަދުތައްވެސް ހިނގައި، ބަޖެޓު ފާސްކުރިއިރު ޚަރަދު ކުޑަކުރުމަށް ރާވައިފައިވާ ގިނަ ފިޔަވަޅުތައް ރާވައިފައިވާ ގޮތަށް ތަންފީޒުވެފައިނުވާތީ، އެ ކަންކަމުން ލިބޭނެކަމަށް އަންދާޒާކުރާ އާމްދަނީވެސް މިހާރު ދަށްވެފައިވާކަމަށް ފިނޭންސް މިނިސްޓްރީން ވިދާޅުވެއެވެ.