ހޮންގކޮންގ ކުންފުންޏަކަށް ޕީއެސްއެމްއިން 3 ލައްކަ ޑޮލަރު ނުދައްކައި އޮތް މައްސަލައެއް!

ހޮންގކޮންގ ކުންފުންޏަކަށް ޕީއެސްއެމްއިން 3 ލައްކަ ޑޮލަރު ނުދައްކައި އޮތް މައްސަލައެއް!

Author
ހުސެއިން
24 އޮކްޓޯބަރ 2023 10:35
0

ދައުލަތުގެ މީޑިއާ ކުންފުނި، ޕީއެސްއެމްގެ ޗެނަލްތައް ދުނިޔެއަށް ބްރޯޑްކާސްޓް ކޮށްދޭ ހޮންކޮންގގެ އޭޕީޓީ ސެޓްލައިޓް ކޮމްޕެނީ ލިމިޓެޑްއިން އެކުންފުންޏަށް ދޭންޖެހޭ ތިންލައްކަ ޑޮލަރު ނުދައްކައިގެން ޕީއެސްއެމްއާ ދެކޮޅަށް ގާނޫނީ ފިޔަވަޅު އަޅާނެކަމުގެ އިންޒާރު ދީފިއެވެ.

ހޮންކޮންގގެ އޭޕީޓީ ސެޓްލައިޓް ކޮމްޕެނީ ލިމިޓެޑްގެ ވައިސް ޕްރެޒިޑެންޓް ހުއާންގ ބޯޒްހޮންގ ޕީއެސްއެމްގެ މެނޭޖިންގ ޑިރެކްޓަރ އަލީ ޚާލިދަށް އެޑްރެސްކޮށް ފޮނުވާފައިވާ ސިޓީގައި ވިދާޅުވެފައިވަނީ، މިއަހަރުގެ އޮގަސްްޓްމަހުގެ 13 ވަނަ ދުވަހު، އަލީ ޚާލިދު އެކުންފުނީގެ ސޭލްސް ޑިރެކްޓަރަށް ފޮނުވާފައިވާ އީމެއިލްގައި، އެކުންފުނީގެ ފަރާތުން ޕީއެސްއެމްއިން ހޯދަމުން އައި ޚިދުމަތް ހުއްޓާލުމަށް އެދިފައިވާ ކަމުގައެވެ. އެހެންނަމަވެސް ޕީއެސްއެމްއިން ޚިދުމަތް މެދު ކަނޑާލުމަށް އެދިފައިވަނީ ދެފަރާތުގެ ދެމެދުގައި އެއްބަސްވެވިފައިވާ މުއްދަތަށްވުރެ ކުރިން ކަމަށްވާތީ، އެއްބަސްވުމުގެ 22 ވަނަ މާއްދާގައި ވާގޮތުގެ މަތިން، އެއްބަސްވުމުގައި ބާކީ އޮތް މުއްދަތަށްވާ ފައިސާ (ޓާމިނޭޝަން ޗާރގު) ޕީއެސްއެމްއިން އޭޕީޓީ ސެޓްލައިޓް ކޮމްޕެނީ ލިމިޓެޑްއަށް ދައްކަން ޖެހޭނެ ކަމަށެވެ.

އަދި ޚިދުމަތް މެދުކަނޑާލުމަށްފަހު ޕީއެސްއެމްއިން އެކުންފުނީގެ ސެޓްލައިޓް ޚިދުމަތް ބޭނުންކޮށްފިނަމަ، ހުއްދަ ނުހޯދާ ޚިދުމަތުގެ ބޭނުން ކުރި މުއްދަތަށް "ލިކުއިޑޭޓެޑް ޑެމޭޖަސް"ގެ ގޮތުގައި، ޚިދުމަތުގެ ފީއިން ދުވާލަކަށް ޖެހޭ މިންވަރުގެ 3 ގުނަ އިތުރަށް އެކުންފުންޏަށް ދައްކަން ޖެހޭނެކަމަށްވެސް ހޮންކޮންގެ ކުންފުނިން ޕީއެސްއެމްއަށް ހަނދާން ކޮށްދީފައި ވެއެވެ.

އޭޕީޓީ ސެޓްލައިޓް ކޮމްޕެނީ ލިމިޓެޑްއިން ޕީއެސްއެމްއަށް ފޯރުކޮށްދެމުން އައި ސެޓްލައިޓް ޚިދުމަތް، ދެފަރާތުން އެއްބަސްވެފައިވާ މުއްދަތަށްވުރެ ކުރިން ކަނޑާލުމަށް ޕީއެސްއިން ނިންމުމާއި ގުޅިގެން އެކުންފުންނަށް "ޓާމިނޭޝަން ޗާރޖު" ދެއްކުމަށް ޕީއެސްއެމްއަށް އެންގުމުގެ އިތުރުން، އޭޕީޓީ ސެޓްލައިޓް ކޮމްޕެނީ ލިމިޓެޑްގެ ވައިސް ޕްރެޒިޑެންޓް ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރ ފޮނުއްވި ސިޓީގައި ވިދާޅުވެފައިވަނީ، ސިޓީ ފޮނުވި ތާރީޚު (28 އޮގަސްޓު 2023) އާއި ހަމައަށް އެކުންފުނިން ޕީއެސްއެމްއަށް ފޯރުކޮށްދީފައިވާ ޚިދުމަތައް ދައްކަންޖެހޭ 286،980 އެމެރިކާ ޑޮލަރުވެސް ދައްކާފައި ނުވާކަމުގައެވެ.

އަދި އޭގެ އިތުރުން މިފައިސާ ދައްކާފައިނުވާ މުއްދަތަށް އިންޓަރެސްޓުގެ ގޮތުގައި 29،788.46 އެމެރިކާ ޑޮލަރު، ޕީއެސްއެމްއިން އެ ކުންފުންޏަށް ދައްކަން ޖެހޭނަކަމަށްވެސް ސިޓީގައި ވިދާޅުވެފައި ވެއެވެ.

ސިޓީގައި އިތުރަށް ވިދާޅުވެފައިވަނީ، ޕީއެސްއެމްއިން އޭޕީޓީ ސެޓްލައިޓް ކޮމްޕެނީ ލިމިޓެޑްއަށް ދައްކަންޖެހޭ ފައިސާ ނުދައްކައިފިނަމަ، އެކުންފުނިން އަޅާންޖެހޭ އެއްވެސް ފިޔަވަޅެއް އެޅުމަށް ކުންފުނިން ފަހަތަށް ނުޖެހޭނެ ކަމުގައެވެ.

ދައުލަތުގެ މީޑިއާ ކުންފުނި، ޕީއެސްއެމްގެ ހިންގުން ހީނަރުވެ، އަދި، މުވައްޒަފުންނަށް އެކަށީގެންވާ މުސާރައެއް ނުދެވޭ ކަމުގެ ޝަކުވާތައް ފަހަކަށް އައިސްވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. މިގޮތުން ކުރެވުނު ގިނަ ޝަކުވާތަކަށް މިއަދާއިހަމަށްވެސް އެކަށިގެންވާ ހައްލެއް ހޯދިފައި ނުވާކަން ފާހަގަ ކޮށްލެވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ހ ހުސައިން
ސަރުކާރުގެ ހިތްވަރު ނެތީ، އިޚްލާސ ކަމުގައި، ކުރިން ދައްކަމުން އައި ގޮތާޢި ގާތްކުރާ މިންވަރަށް ދައުލަތައް، ރައޔިތުންނަށް ވަފާތެެރި ނޫނީ
އ އަހުމަދު
މި ކުންފުނީގެ މައްސަލަތައް އެހާގިނައިރުވެސް މިތަނުގެ މެނޭޖްމަންޓު ބަދަލުނުކުރެވުމާކީ ވަރަށްބޮޑު އަރަތެއް