ކޮރަޕްޝަން ހުއްޓުވޭވަރަށްވުރެ ރައީސްގެ އަތްޕުޅު ވަނީ ކިލަނބުވެފައި: ޑރ.ޖަމީލް

ކޮރަޕްޝަން ހުއްޓުވޭވަރަށްވުރެ ރައީސްގެ އަތްޕުޅު ވަނީ ކިލަނބުވެފައި: ޑރ.ޖަމީލް

Author
މުޙައްމަދު ޖިމީ
10 ޑިސެމްބަރ 2020 12:35
0

ކޮރަޕްޝަން ހުއްޓުވޭ ވަރަށް ވުރެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ އަތްޕުޅު ކިލަނބުވެފައިވާކަމަށް ކުރީގެ ނާއިބު ރައީސް ޑރ.މުޙައްމަދު ޖަމީލް އަޙްމަދު ވިދާޅުވެއްޖެއެވެ.

 

ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ސަރުކާރުގެ ފުރަތަމަ ނާއިބު ރައީސ ޑރ.ޖަމީލް މިހެން ވިދާޅުވެފައި މިވަނީ، އެމް.އެމް.ޕީ.އާރް.ސީގެ ބޮޑު ޚިޔާނާތް ފަޅާއެރީ ވެރިކަން ފުރޮޅައިލާން އުޅޭކަމަށް ޝައްކުކުރެވުނު ބަޔަކު ހިފައި ހައްޔަރުކުރަން ޖެހި މަޅިއެއްގެ ގޮތުގައި ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ރޭ ވިދާޅުވުމާއި ގުޅިގެންނެވެ.

ޑރ.ޖަމީލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މި ސަރުކާރަށް އަދި ރައީސް އިބްރާހީމް މުޙައްމަދު ޞާލިހަށް ކޮރަޕްޝަނެއް ނުހުއްޓުވޭނެކަމަށާއި، އެންމެ ބޮޑެތި ވަގުން ތިބީ ރައީސްގެ ރައްކާތެެރިކަން ލިބިގަނެގެންކަމަށެވެ. މިވަރަށް ކޮރަޕްޝަން ޢާންމު މިވީ އަދަބުގެ ނިޒާމް ފުނޑާލުމުންކަމަށާއި، އެމްއެމްޕީއާރުސީގެ ކޮރަޕްޝަންގެ ވާހަކަ ކުއްލިޔަކަށް ދައްކަވަނީ ހުތުރު އަމަލްތައް ފޮރުވަންކަމަށްވެސް ޑރ.ޖަމީލް ވިދާޅުވިއެވެ.

ހުކުމަށްފަހުވެސް ބޮޑެތި ކުށްވެރިން ގޭގައި ތިބުމުން އެނގިގެން ދަނީ ކޮރަޕްޝަން ހުއްޓުވޭ ވަރަށް ވުރެ ރައީސްގެ އަތް ކިލަނބުވެފައިވާކަން. ހަމަ އެކަނި ސާބިތުކޮށްދެވުނީ ކޮރަޕްޝަނަކީ ބިރުގަންނަންޖެހޭ ވަރުގެ ކުށެއް ނޫންކަން. މިއީ މަނިކުފާނު ދޫކުރައްވާނެ ލެގަސީ

– ކުރީގެ ނާއިބު ރައީސް ޑރ.މުޙައްމަދު ޖަމީލް އަޙްމަދު

ޑރ.ޖަމީލް މިހެން ވިދާޅުވެފައިވާއިރު، އެންޓި-ކޮރަޕްޝަން ކޮމިޝަނާއި ޓްރާންސްޕޭރެންސީ މޯލްޑިވްސްގުޅިގެން، ކޮރަޕްޝަނާ ދެކޮޅަށް ރައްޔިތުން ހޭލުންތެރިކުރުމަށް ބޭއްވި ކޮންފަރެންސު ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވީ ރާއްޖޭގައިވެސް ނުބަލައި ދޫކޮށްލާފައި ހުރި ކޮރަޕްޝަންގެ ބޮޑެތި މައްސަލަތައް އެބަހުރިކަމަށެވެ. އޭގެ ތެރެއިންވެސް އެންމެބޮޑު އެއްމައްސަލަކީ އެމްއެމްޕީއާރުސީގެ ކޮރަޕްޝަންގެ މައްސަލަކަށެވެ. އެމަނިކުފާނު ވިދާޅުވީ އެމައްސަލަ ފަޅާއެރީ ވެރިކަން ފުރޮޅާލުމަށް އޭރުގެ ވެރިކަމުގެ ތެރެއިން ކުރެވުނު މަސައްކަތެއްގެ ތެރެއިންކަމަށެވެ.

މިސަރުކާރުގައި ކޮރަޕްޝަންގެ މައްސަލަތައް އިތުރު ވެފައިވަނީ ކޮރަޕްޝަން ހުއްޓުވަން މިސަރުކާރުން ބޭނުންވާކަން ރައްޔިތުންނަށް ޤަބޫލުކުރެވި، ކޮރަޕްޝަންގެ މައްސަލަތައް މިނިވަންކަމާއެކު ހުށަހެޅޭނެ މަގު ރައްޔިތުންނަށް ފަހިވެފައި އޮތުމުން ކަމުގައިވެސް ރައީސް ވިދާޅުވެފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.