ގޯއްޗާއި، ފަޅުރަށާއި އަދި ބަދަލުގެ ގޮތުގައި ދައުލަތުން އެތައް މިލިއަން ރުފިޔާއެއް އޭނާއަށް ދީފައިވާކަމަށް ސޯޝަލް މީޑިއާއާއި އަދި ބައެއް އޮންލައިން ނޫސްތަކުގައި ރިޕޯޓު ކުރުމާއި ގުޅިގެން އެކަން ޔަގީން ކުރުމަށް، އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ކަމާއި ގުޅުންހުރި ދައުލަތުގެ މުވައްސަސާތަކަށް ސިޓީ ހުށަހަޅުއްވައިފިއެވެ.
މިގޮތުން ރޮޒައިނާ އެންމެ ފުރަތަމަ ސިޓީ ފޮނުވާފައިވަނީ، ރައީސް އޮފީހުގައި އޮންނަ ކޮމިޓީއަކުން އޭނާއަށް ގެއްލުމުގެ ބަދަލުގެ ގޮތުގައި ދެ ރަށާއި ފަޅަކާއި އަދި 30 މިލިއަން ރުފިޔާ ދީފައިވާކަމަށް އޮންލައިން ނޫހެއްގައި ރިޕޯޓު ކުރުމާއި ގުޅިގެން އެއީ ހަގީގަތެއްކަމަށް ވަރަށް ގިނަ ބަޔަކަށް ގަބޫލުކުރެވިފައިވާތީ އެއީ ހަގީގަތުގައިވެސް ހިނގާފައި އޮތް ކަމެއްތޯ ޔަގީން ކުރުމަށް ރައީސް ސާލިހަށެވެ.
ރޮޒެއިންނާގެ ސިޓީގައި އޭނާ ވިދާޅުވެފައިވަނީ، ރައީސް އޮފީހުން އޭނާއަށް ބަދަލު ދީފައިވާކަމެއްވެސް، ބަދަލެއް ދޭން އުޅޭކަމެއްވެސް، އަދި ބަދަލު ޖެހޭ ކަމެއް އޮތް ކަމެއްވެސް އޭނާއަށް މިހާތަނަށް އެނގިފައި ނުވާތީ އެކަން ސާފުކޮށް ދިނުމަށެވެ.
އޭގެ އިތުރުން ރޮޒައިނާވަނީ އައްޑޫ ސިޓީގައި އޭނާގެ، 2 މިލިއަން ރުފިޔާގެ އަގުބޮޑު ގޯއްޗެއް އޮތްކަމަށްބުނެ ފޮޓޯ ހަދައިގެން ދައުރު ކުރަމުންދާތީ އޭނާއަށް ދީފައިވާ އެފަދަ ގޯއްޗެއް އޮތްތޯ ޔަގީން ކުރުމަށް އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރަށްވެސް ސިޓީއެއް ފޮނުއްވާފައެވެ. ހަމަ އެއާއެކު ލ. ގަމުގައި އޭނާއަށް ނިސްބަތްވާ 1 މިލިއަން ރުފިޔާގެ އަގުހުރި ގޯއްޗެއް އޮތްކަމަށް ބުނެ ފޮޓޯ ހަދައިގެން ސޯޝަލް މީޑިއާގައި ވާހަކަ ފަތުރަމުންދާތީ ގަމު ކައުންސިލްގެ ރައީސަށާއި، އދ. ގައި އޭނާގެ، 4 މިލިއަން ރުފިޔާގެ ގޯއްޗެއް އޮތްކަމަށް ފޮޓޯ ހަދައިގެން ދައުރު ކުރާތީ އެ އަތޮޅުގެ އެއްވެސް ރަށެއްގައި އޭނާގެ ގޯއްޗެއް އޮތްތޯ ސާފު ކުރުމަށް އދ. އަތޮޅު ކައުންސިލްގެ ރައީސަށްވެސް ރޮޒޭނާ ވަނީ ސިޓީ ފޮނުވާފައެވެ.
ރޮޒައިނާ ދެން ސިޓީ ފޮނުވާފައިވަނީ ނ. އޮތޮޅުގައި އޭނާއަށް ދީފައިވާ 200 މިލިއަން ރުފިޔާގެ އަގުހުރި ފަޅުރަށެއް އޮތްކަމަށް ބުނެ އަޑު ފަތުރަމުންދާތީ އެއީވެސް ގިނަބަޔަކަށް އޮޅު އަރަމުންދާކަމެއްކަމަށް ވިދާޅުވެ އެކަންވެސް ސާފުކޮށްދިނުމަށް އެދި ނ. އަޮތޮޅު ކައުންސިލްގެ ރައީސަށެވެ.
ރޮޒެއިނާ ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ، އެ ސިޓީތަކުގެ ޖަވާބު އިދާރާތަކުން ލިބުމުން ޖަވާބުތައް އާންމު ކުރައްވާނެ ކަމުގައެވެ.
ސިޔާސީ ފަރާތްތަކަށް ނުހައްގުން މުއްސަދިކަން ލިބޭކަމަށް އަބަދުވެސް ސޯޝަލް މީޑިއާގައި އަޑު ފެތުރުނު ނަމަވެސް މިފަދަ ބައެއް އަޑުތަކަކީ މާބޮޑު ހަގީގަތެއް ނެތް އަޑުތަކަކަށްވި ނަމަވެސް ސޯޝަލް މީޑިއާގައި ދެކެވޭ މިފަދަ ވާހަކަތަކުގެ ހަގީގަތް ފަހުން ހާމަވެގެން ގޮސްފައިހުރިކަންވެސް ފާހަގަ ކޮށްލެވެއެވެ.
ކޮމެންޓު ފޮނުވާ