މަސްތުވާތަކެތި ދެނެގަނެ ޓެސްޚުރުމަށް ބޭނުންވާ 2 މިލިޔަން ޑޮލަރުގެ ތަކެތި ޖަޕާނުން ރާއްޖެއަށް ހަދިޔާކޮށްފިއެވެ. އެއީ ދިވެހި ރުފިޔާއިން 30.8 މިލިއަން ރުފިޔާގެ ސާމާނެވެ.
މި ތަކެތި އެމްއެންޑީއެފާއި ހަވާލުކޮށްދެއްވީ ޖަޕާނުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ތަކެއުޗީ މިދޮރީއެވެ. އެމްއެންޑީއެފުން މި ތަކެއްޗާ ހަވާލުވެވަޑައިގަތީ ޑިފެންސް މިނިސްޓަރ މާރިޔާ އަޙްމަދު ދީދީއެވެ.
ޖަޕާނުން ހަދިޔާކުރި ތަކެތި ބޭނުންކުރާނީ މަސްތުވާތަކެތި ދަނެގަތުމަށާއި، ތަޙްޤީޤު މަރުހަލާގައާއި ދައުވާ ކުރާ މަރުހަލާގައެވެ. އެތަކެތ ޚާއްޞަކުރާނީ ރާއްޖޭގެ ކަނޑުގެ ސަރަޙައްދުގައި ހިންގާ މަސްތުވާތަކެތީގެ ކުށްތައް ހުއްޓުވުމަށްކަމަށް އެމްއެންޑީއެފުން ބުންޏެވެ.
މިއީ އދ. ގެ މަސްތުވާތަކެއްޗާއި ބެހޭ އޮފީހާއެކު އެ ޤައުމުން މިއަހަރުގެ މާރިޗުމަހުގައި ސޮއިކުރި އެއްބަސްވުމެއްގެ ދަށުން ހަދިޔާ ކުރި ތަކެއްޗެވެ. އެ ތަކެތި ބޭނުން ކުރާނީ ކަނޑު މަގުން ރާއްޖެ އެތެރެ ކުރާ މަސްތުވާތަކެތި ޓެސްޓު ކުރުމަށެވެ.
ޖަޕާނު ސަރުކާރުން ވަނީ މިހަފްތާގައި ފުލުހުންނަށްވެސް އެފަދަ ތަކެތި ހަދިޔާކޮށްފައެވެ.
ޖަޕާން ސަރުކާރުގެ އެހީގައި ހަދިޔާކުރި ޑްރަގް އަދި ޕްރިކަރސަރ ފީލްޑް ޓެސްޓް ކިޓުތަކަކީ، މަސްތުވާތަކެތި ދެނެގަތުމަށްޓަކައި ބޭނުންވާ ރިއެޖަންޓް ޓޫލްސް ހިމެނިގެންވާ ވޯޓަރ ރެސިސްޓަންޓް ކިޓުތަކެކެވެ. މިއީ ފުރަތަމަ މަރުހަލާއިން މަސްތުވާތަކެތި ދެނެގަތުމަށްޓަކައި އެހީތެރިވެދޭނެ ކިޓުތަކެކެވެ.