އާންމު ތަންތަނުގައި އެއްވެ އުޅުން މަނާކުރާ މާއްދާ އުވާލުމަށް މީގެ ހަތަރު އަހަރު ކުރިން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި މައްސަލައިގެ ބިލުގެ މަސައްކަތްމިމަހުގެ ނިޔަލަށް ގޮތެއް ނިންމުމަށް ގައުމީ ސަލާމަތާ ބެހޭ ކޮމިޓީއަށް ހުށަހަޅައިފިއެވެ.
މީގެ ހަތަރު އަހަރުކުރިން ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ގާނޫނުގެ ދަށުން އާންމު ތަންތަނުގައި އެއްވެ އުޅުން މަނާކުރާ މާއްދާ އުވާލުމަށް ހުށައެޅި ބިލުގެ މަސައްކަތް މިމަހުގެ ނިޔަލަށް ނިންމުމަށް ހުށައެޅީ ހޯރަފުށީ ދާއިރާގެ މެންބަރު އަޙްމަދު ސަލީމެވެ.
ރައްޔިތުންގެ މަޖިލީހުގެ އެހެން ބައެއް މެންބަރުންވެސް ވަނީ އެ ބިލިުގެ މަސައްކަތް ލަސްވާތީ ކަންބޮޑުވުން ފާޅުކޮށްފައެވެ. ޤައުމީ ަލާމަތާ ބެހޭ ކޮމިޓީގައި ވާހަކަފުޅު ދައްކަވަމުން ހޯރަފުށީ ދާއިރާގެ މެންބަރު އަޙްމަދު ސަލީމް ވިދާޅުވީ، އާންމު ތަންތަނުގައި އެއްވެ އުޅުން މަނާކުރާ މާއްދާ އުވާލުމަށް ފެންނަ ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް)އާއި، ހޯމް މިނިސްޓްރީއާއި، ފުލުހުންނާނާއި ކަމާ ބެހޭ އެހެން އިދާރާތަކުންވެސް ކޮމެޓީއަށް ލަފާދީފައިވާ ކަން ލިޔެކިޔުންތަކުން އެނގެން އެބައޮތްކަމަށެވެ.
ބިލަށް އިތުރު ކަންކަން ހުށައަޅާނަމަ ލަސްވެދާނެކަމަށާއި، އެ ބިލު ހުށައެޅުއްވިގޮތަށް ފާސްކުރުމަށް ސަލީމް ވަނީ އެދިވަޑައިގެންފައެވެ.
ސަލީމުގެ އެ ހުށައެޅުމަށް އެހެން ބައެއް މެންބަރުންވެސް ވަނީ ތާޢީދުކޮށްފައެވެ.
މާލޭގައި ފުލުހުންގެ ހުއްދަ ހޯދުމެއް ނެތި އެއްވެވޭނީ ސަރުކާރުން ކަނޑައަޅާ ތަންތަނުގައި އެކަނި މުޒާހަރާކުރެވޭގޮތަށް އިޞްލާހު ފާސްކުރީ ރައީސް ޔާމީންގެ ސަރުކާރުގައި 2016 ވަނަ އަހަރުއެވެ. އެ ޤާނޫނުގެ ދަށުން އެއްވެ އުޅުމަށް ހުރަސްއެޅޭކަމަށް ބުނެ، 2019 އޯގަސްޓް 8ގައި އެ އިޞްލާހު އުވާލުމަށް ހުށައެޅުއްވީ ކާށިދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ޖާބިރުއެވެ.
ކޮމިޓީން އެ އިޞްލާހު ފާސްކޮށް، މަޖިލީހުގެ ތަޅުމަށް ފޮނުވިނަމަވެސް، އެ ރިޕޯޓް ތަޅުމުން ފާސް ނުވުމުން އަލުން އަނބުރާ ކޮމިޓީއަށް ފޮނުވީއެވެ.