ގާސިމް އިބްރާހިމް.

ގާސިމް "ފަސޭހަ ތަފްސީރް" ގެ ވެބް ވާޝަން ދިވެހިންނަށް ހަދިޔާ ކުރައްވައިފި

ގާސިމް "ފަސޭހަ ތަފްސީރް" ގެ ވެބް ވާޝަން ދިވެހިންނަށް ހަދިޔާ ކުރައްވައިފި

ޖުމްހޫރީ ޕާޓީ (ޖޭޕީ) އަދި ވިލާ ގްރޫޕްގެ ޗެއާމަން ގާސިމް އިބްރާހިމް ކީރިތި ގުރުއާނުގެ ތަފްސީރުގެ ވެބް ވާޝަން ދިވެހިންނަށް ހަދިޔާ ކުރައްވައިފިއެވެ.

ކީރިތި ގުރުއާނުގެ ފުރިހަމަ ތަފްސީރެއް ދިވެހި ބަހުން އޮތުމުގެ މުހިންމު ކަމުގެ މައްޗަށް ރިއާޔަތް ކޮށް، ސައުދީ އަރަބިއްޔާ އިން ނެރެފައިވާ އައްތަފްސީރުލް ވާޟިހުލް މުޔައްސިރު ދިވެހި ބަހަށް ތަރުޖަމާކޮށް ދިވެހިންނަށް ހަދިޔާ ކުރެއްވި ކަން ގާސިމް އިއުލާން ކުރެއްވީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

ގާސިމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ "ފަސޭހަ ތަފްސީރް" ނަމުގައި އެކުލަވާލާފައިވާ މި ފޮތަކީ ހަ ވޮލިއުމްގެ މައްޗަށް އެކުލެވިގެންވާ ތަފްސީރެއް ކަމަށެވެ. އަދި ﷲ ގެ އިރާދަފުޅުން ލަސްތަކެއް ނުވެ ޗާޕް ކޮށް ރާއްޖޭގެ ގިނަ ގޭބިސީ ތަކަށް ތަފްސީރުގެ ކޮޕީ އެއް ހަދިޔާ ކުރުމަށް ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ފާއިތުވި މަހުގެ 7 ވަނަ ދުވަހުގެ ރޭ މި ފޮތުގެ ޑެސްކްޓޮޕް ވާ ޝަންގެ ސޮފްޓް ލޯންޗިން ވާނީ އިފްތިތާހުކޮށްފައެވެ. އަދި އިއްޔެ ފާހަގަ ކުރި ރާއްޖެ އިސްލާމްވި ދުވަހު މި ފޮތުގެ ވެބްވާޝަން ފުރިހަމަކޮށް އާންމު ކުރެވުނީ ތީ ﷲ ތައާލާ އަށް ހަމްދު ކުރައްވާ ކަމަށް ގާސިމް ވިދާޅުވިއެވެ.

"މި މަސައްކަތުގައި އެހީތެރިވެދެއްވި އެންމެހާ ފަރާތްތަކަށް ހިތުގެ ފުން މިނުން ޝުކުރު ދަންނަވަމެވެ." ގާސިމް އެކްސްގައި ވިދާޅުވިއެވެ.

ގާސިމް ވިދާޅުވީ މި މަސައްކަތް ކުރުމުގައި އެންމެ ބޮޑު އެހީތެރިކަމެއް ވެދެއްވީ ސައުދީ އަރަބިއްޔާގެ ހައްޖާއި އުމްރާ އާއި ބެހޭ ވަޒީރުގެ މަގާމުގައި 1999 އިން 2005 އަށް ހުންނެވި އައްސައްޔިދު އިމާދު ބުން އަމީން މަދަނީ ކަމަށެވެ.

އޭނާގެ ދައުވަތަކަށް ގާސިމް އާއި އެމަނިކުފާނުގެ އާއިލާ ކުރެއްވި ހައްޖު ދަތުރެއްގައި، މަދީނާގައި ހުންނަ ގުރުއާން ޗާޕުކުރާ ޗާޕުޚާނާ ބައްލަވާލެއްވުމަށް ދެއްވި ފުރުސަތަކީ މި މަސައްކަތް ކުރުމަށް މެދުވެރިވި ސަބަބު ކަމަށް ގާސިމް ވިދާޅުވެފައިވެއެވެ. އަދި އެ ދަތުރުގައި ސައުދީ މިނިސްޓަރު ވަނީ އޭރު ދުނިޔޭގައި އޮތް އެންމެ ކުރު، އެހެނަސް އެންމެ ތަފްސީލުކޮށް ޝަރަހަ ކޮށްފައިވާ ގުރުއާން ތަފްސީރު ގާސިމްއަށް ހަދިޔާއަކަށް ދެއްވާފާއެވެ.

"ހަމަ އެވަގުތުގައި މި ފޮތް ދިވެހިބަހުން ތަރުޖަމާކޮށް ދިވެހީންނަށް ފޯރުކޮށް ދިނުމުގެ ޝައުގުވެރިކަން އަޅުގަނޑުގެ ހިތުގައި އުފެދި، އެކަމަށް އަޅުގަނޑު ނިޔަތްގަތީމެވެ،" ގާސިމް އޭރުގައި ވިދާޅުވިއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *