ގުރޫޕްގެ ފަހު މެޗު ކާމިޔާބުކޮށް މެޑްރިޑް ދެވަނަ ބުރަށް

ގުރޫޕްގެ ފަހު މެޗު ކާމިޔާބުކޮށް މެޑްރިޑް ދެވަނަ ބުރަށް

Author
އިބްރާހީމް ސާޢިދު
10 ޑިސެމްބަރ 2020 08:23
0

ޔޫއެފާ ޗެމްޕިއަންސް ލީގުގައި ގުރޫޕުގެ ކުޅުނު ފަހު މެޗު ކާމިޔާބުކޮށް ރެއާލް މެޑްރިޑުން މުބާރާތުގެ ދެވަނުބުރުން ޖާގަހޯދައިފިއެވެ.

މުބާރާތުގެ ޗެމްޕިއަން ކަން 13 ފަހަރު ހޯދައިފަވާ މެޑްރިޑް ދެވަނަ ބުރަށް ދިޔައީ ގުރޫޕްގެ ފަހު މެޗުގައި ބްރޫޝިޔާމޮންޗެންގްލެބެކް އަތުން މޮޅުވެގެންނެވެ. އަމިއްލަ ދަނޑުގައި ކުޅުނުމެޗު މެޑްރީޑުން ކާމިޔާބުކުރީ 2-0 ލަނޑުންނެވެ.

ފުރަތަމަހާފްގައި ލަނޑުތައް ފެނުނު މެޗުގެ ދެލަނޑުވެސް އެޓީމަށް ކާމިޔާބުކޮށް ދިނީ ކަރިމް ބެންޒީމާއެވެ. ބެންޒިމާ ޖެހި ދެލަނޑާއެކު އޭނާ ވެފަވަނީ ޗެމްޕިއަންސް ލީގުގެ ތާރީހުގައި 50 ލަނޑުހަމަކުރި 5 ވަނަ ކުޅުންތެރިޔާއަށެވެ.  ރޭގައި ކުޅުނު މެޗާއެކު ބެންޒީމާ ވަނީ މެޑްރިޑަށް 527 މެޗު ހަމަކޮށްފައެވެ. މިއީ އެކުލަބުގެ ކުރީގެ ކުޅުންތެރިޔާ ރޮބާޓޯ ކާލޯސް ކުޅެފައިވާ އަދަދާ އެއްވަރުގެ އަދެދެކެވެ.

 

މިދެކުޅުންތެރިންނަކީ ސްޕެއިނުން ބޭރު ދެ ކުޅުންތެރިންގެ ތެރެއިން މެޑްރިޑަށް އެންމެ ގިނަ މެޗު ކުޅުނު ދެކުޅުންތެރިންނެވެ. ބެންޒީމާ ވަނީ 2016 ވަނަ އަހަރުން ފެށިގެން މިހާތަނަށް މުބާރާތުގައި ބޮލުން 10 ލަނޑެއް ކާމިޔާބު ކޮށްފައެވެ. ލިސްޓުގައި ބެންޒީމާއަށް ވުރެ ފަހަތުން އުޅެނީ ބަޔާން މިއުނިކްގެ ރޮބާޓް ލެވެންޑޮސްކީ އާއީ ޔުވެންޓަސްގެ ކްރިސްޓިއާނޯ ރޮނާލްޑޯއެވެ.

މުބާރާތުގެ ތާރީހުގައި މިއީ ދެވަނަ ބުރުން މެޑްރިޑް ޖާގަހޯދި 25 ވަނަފަހަރުއެވެ. މެޑްރިޑުން ވަނީ އެންމެފަހުން ވާދަކުރި 7 މުބާރާތުގެ ތެރެއިން 4 ފަހަރު ތަށި ކާމިޔާބުކޮށްފައެވެ. މިނަތީޖާ އެކު މޮންޗެންގްލެބެކް ބަލިވި ނަމަވެސް ލަނޑުގެ ތަފާތުން އެޓީމު ވަނީ ދެވަނަ ޓީމެއްގެ ގޮތުގައި މުބާރާތުގެ ދެވަނަ ބުރުން ޖާގަހޯދާފައެވެ. މިއީ އެޓީމުން މުބާރާތުގެ ތާރީހުގައި ދެވަނަ ބުރުގައި ވާދަކުރާ ފުރަތަމަފަހަރުއެވެ.

ރޭ މި ގުރޫޕްގައި ޔުކްރެއިންގެ ޝަހުތަރާއި އިޓަލީގެ އިންޓަމިލާން ވާދަކުރި މެޗު ލަނޑެއް ނުޖެހި އެއްވަރުވުމުން އިންޓަމިލާން ވަނީގުރޫޕްގެ ފުލައްވެއްޓި މުބާރާތުން ވަކިވެފައެވެ. މިއީ އިންޓަމިލާން ގުރޫޕް ސްޓޭޖް ފަހަނައަޅައި ކުރިޔަށް ނުދެވުނު ވިދިވިދިގެން ތިންވަނަ ފަހަރުއެވެ. ގުރޫޕްގެ ތިންވަނައާއެކު ޝަހުތަރުން ވަނީ ޔުރަޕާލީގުގެ ދެވަނަ ބުރުން ޖާގަހޯދާފައެވެ. މެޑްރިޑު ދެވަނަ ބުރުން ޖާގަހޯދީ ގުރޫޕްގެ އެއްވަނަ ގޮތުގައި 10 ޕޮއިންޓާއެކުއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.