ޔޫރަޕްގެ ރެގިއުލޭޓަރުން އަތުގައި ހުރި، އެމެރިކާގެ ފިޒާ ކުފުންޏާއި އެކުންފުނީގެ ޕާޓްނަރ ކުންފުނި، ޖަރުމަނު ވިލާތުގެ ބައޯއެންޓެކް ކުންފުނިން އުފައްދާފައިވާ ކޯވިޑް19 ވެކްސިންގެ މައުލޫމާތު، ހެކަރުން މިހާރު ވަގަށް ނަގާފައިވާ ކަމަށް ފިޒާރ/ބައޯއެންޓެކް އިން އަންގާރަ ދުވަހު ހާމަކޮށްފިއެވެ.
ފިޒާރ/ބައޯއެންޓެކް އިން އުފެއްދި ވެކްސިންއާއި ގުޅުންހުރި ލިޔެކިއުންތަކަށް ވާސިލްވެ، އަދި މިލިޔެކިއުންތައް ވަގަށް ނަގާފައިވާ ކަމަށް، މި ދެކުންފުނިން ބުނެފައިވަނީ، ޔޫރަޕިއަން ޔޫނިއަންގެ ގައުމުތަކުގައި ވެކްސިން ބޭނުންކުރުމުގެ ހުއްދަ ދިނުމުގެ ހުރިހާ އިންތިޒާމެއް ހަމަޖެއްސުމުގެ ޒިންމާ ހަވާލު ކުރެވިފައިވާ، "ޔޫރަޕިއަން ޔޫނިއަން މެޑިސިން އޭޖެންސީ" (EMA)އިން އެ އޭޖެންސީގެ ވެކްސިނާއި ގުޅުން ހުރި ލިޔެކިޔުންތަކަށް އަމާޒުކޮށް "ސައިބަރ އެޓޭކް" ތަކެއް ދީފިކަން ހާމަ ކުރިތާ މަދު ވަގުތު ކޮޅެއްގެ ތެރޭގައެވެ. މި ކުންފުނިން މި ހަމަލާތަކާއި ގުޅުންހުރި އިތުރު މައުލޫމާތުތަކެއް ހާމަކޮށްފައެއް ނުވެއެވެ.
ފިޒާރ/ބައޯއެންޓެކް އިން ހާމަކޮށްފައިވާ ގޮތުގައި، އެމީހުން ގަބޫލު ކުރާ ގޮތުގައި، ހެކަރުންނަށް، ވެކްސިން ތަހުލީލުކުރުމުގެ މަރުހަލާގައި ބައިވެރިވި އެއްވެސް މީހެއްގެ ޒާތީ މައުލޫމާތަތަކެއް ވަގަށް ނެގިފައެއް ނުވެއެވެ. އަދި މީގެ އިތުރުން، މި ސައިބަރ ހަމަލާތަކުގެ ސަބަބުން، ވެކްސިންގެ އެމަޖެންސީ ހުއްދަ ދިނުމަށް ޔޫރަޕިއަން ޔޫނިއަން މެޑިސިން އޭޖެންސީން މިހާރު ކުރަމުންދާ މަސައްކަތަކަށްވެސް އެއްވެސް އަސަރެއް ނުކުރާނެ ކަމުގެ ފުރަހަމަ ޔަގީންކަން އެ އޭޖެންސީން ދީފައިވާ ކަމަށްވެސް ފިޒާރ/ބައޯއެންޓެކް އިން ހާމަކޮށްފައި ވެއެވެ.
ފިޒާރ/ބައޯއެންޓެކް އިން މިހާތަނަށް ހާމަ ކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު، ވެކްސިންއާއި ގުޅުންހުރި މައުލޫމާތުތައް ވަގަށް ނެގުމަށް ހެކަރުން ހަމަލާދީފައިވަނީ، ކޮން ވަގުތެއްގައި ކަމާއި، ހަމަލާ ދިނީ ކޮން ގައުމެއްގެ ހެކަރުން ކަމެއްވެސް އަދި ހެކަރުންގެ އަތްމައްޗަށް ގޮސްފައިވަނީ ސީދާ ކޮން މައުލޫމާތުތަކެއް ކަމެއްވެސް ޔަގީނެއް ނުވެއެވެ.
އެމެރިކާގެ ފިޒާ ކުންފުނީގެ ޕާޓްނަރ ކުންފުނި، ޖަރުމަނުގެ ބައޯއެންޓެކް ކުންފުނީގެ ތަރުޖަމާނުވަނީ މިހަމަލައާއި ގުޅުންހުރި އިތުރު މައުލޫމާތު ހާމަކުރެއްވުމަށް ދެކޮޅު ހައްދަވާފައެވެ. ފިޒާކުންފުނިން އިތުރު މައުލޫމާތުތަކެއް އަދި މީޑީއާތަކަށް ހާމަ ކޮށްފައެއް ނުވެއެވެ.
ފިޒާ/ބައޯއެންޓެކް ބުނެފައިވާ ގޮތުގައި، "ދެ ކުންފުނީގެ ކޯވިޑް19 ވެކްސިންގެ މުހިންމު މައުލޫމާތުތަކަށް އަމާޒުކޮށް، ސައިބާ އެޓޭކްތަކެއް ދީފައިވާ ކަމާއި، އަދި ގަވާއިދާ ޚިލާފަށް މި ލިޔެކިޔުންތަކާ ހަމައަށް ހެކަރުން ވާސިލް ވެފައިވާ ކަމަގެ" މައުލޫމާތު ޔޫރަޕިއަން ޔޫނިއަން މެޑިސިން އޭޖެންސީއިން އެ ދެކުންފުންޏަށް ވަނީ ދީފައެވެ.
ފިޒާ/ބައޯއެންޓެކް އިން އިތުރަށް ބުނެފައި ވަނީ، "މި ހަމަލާއި ގުޅިގެން، ފިޒާ/ބައޯއެންޓެކްގެ އެއްވެސް ސިސްޓަމަކަށް ހެކަރުންނަށް ވަދެވިފައި ނުވާ ކަމަށާއި، އަދި ހެކަރުންގެ އަތްމައްޗަށް ގޮސްފައިވާ މައުލުމާތުތަކުގެ ތެރޭގައި، ވެކްސިންތަކުގައި ބައިވެރިވި މީހުންގެ މައުލޫމާތު ހިމެނޭކަމެއް އަދި ޔަގީން ކުރެވިފައި ނުވާކަމަށެވެ."
ކޯވިޑް19 ވެކްސިން އުފެއްދުމަށް ދުނިޔޭގައި އުފެދިގެން ދިޔަ ވާދަވެރި ކަމުގައި، އެންމެ ކުރިން މިވެކްސިން އީޖާދު ކުރީ ފިޒާ/ބައޯއެންޓެކް އިންނެވެ. ފާއިތުވެދިޔަ ހަފްތާގައި، މިވެކްސިންގެ އެމަޖެންސީ ހުއްދަ ދޫކޮށް، މިހަފްތާގައި އިގިރޭސިވިލާތުގައި މިވެކްސިން ވަނީ އާންމުކޮށް ދޭން ފަށާފައެވެ.
އިގިރޭސިވިލާތުގައި މިވެކްސިން ދޭން ފަށާފައިވި ނަމަވެސް، އީޔޫއިން އަދިވެސް ދަނީ ވެކްސިން ދިރާސާކުރުމުގެ މަސައްކަތް ކުރިޔަށް ގެންދަމުންނެވެ. ޔޫރަޕިއަން ޔޫނިއަން މެޑިސިން އޭޖެންސީން ބުނެފައިވަނީ، އެ އޭޖެންސީން ކުރަމުންދާ ދިރާސާރައް ޑިސެމްބަރ 29 ގައި މުޅިން ނިންމާލެވޭނެ ކަމަށެވެ.
ޔޫރަޕިއަން ޔޫނިއަން މެޑިސިން އޭޖެންސީ އިން، މި ސައިބަރ ހަމަލާއާއި ގުޅޭ އިތުރު އެއްވެސް މައުލޫމާތެއް ހާމަކޮށްފައެއް ނުވެއެވެ. އެހެންނަމަވެސް، އެއޭޖެންސީން ބުނެފައިވަނީ، ސަލާމަތީ އިދާރާތަކުން މިހާރު މި ހަމަލާ ތަހުގީގު ކުރަމުންދާ ކަމަށެވެ.
ކޮމެންޓު ފޮނުވާ