ނަފްސާނީ ދުޅަހެޔޮކަމަކީ އަސާސީ ޙައްޤެއް ކަމަށާއި، އެއްވެސް ހުރަހެއްނެތި އެކަމުގައި ބަލި ތަހައްމަލު ކުރަމުންދާ ފަރާތްތަކަށް ފަރުވާ ކަށަވަރުކޮށްދޭނެ ކަމުގައި އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ދުނިޔޭގެ ނަފްސާނީ ދުޅަހެޔޮ ކަމުގެ ދުވަހާއި ގުޅިގެން އިންތިޚާބީ ރައީސް ޑރ. މުއިއްޒު ކުރެއްވި ޓުވީޓުގައި ވިދާޅުވީ ނަފްސާނީ ދުޅަހެޔޮ ކަމަކީ ކޮންމެ ރައްޔިތަކަށްވެސް ފޯރުކޮށްދޭންޖެހޭ އަސާސީ ހައްގެއް ކަމަށެވެ. އެހައްގު ކަށަވަރު ކޮށް ދިނުމުގައި އެއްވެސް ތަފާތެއް ނެތި ޚިދުމަތް ފޯރުކޮށް ދެއްވާނެކަމަށް މުއިއްޒު ވިދާޅުވިއެވެ.
ނަފްސާނީ ދުޅަހެޔޮކަމަކީ، ކޮންމެ ރައްޔިތަކަށްމެ ކަށަވަރުކޮށްދޭންޖެހޭ އަސާސީ ޙައްޤެއް. މި އަސާސީ ޙައްޤު ކަށަވަރުކޮށްދެވޭނީ، ހަމަޖެހޭ ދުޅަހެޔޮ ވެއްޓެއް ގާއިމުކުރުމާ އެކު، އެއްވެސް ހުރަހެއް ނެތް، ނަފްސާނީ ފަރުވާއާއި އެހީތެރިކަން ފަހިކޮށްދީގެން. އަޅުގަނޑުގެ ސަރުކާރުގައި މި މަގަށް ސިޔާސަތުތައް ބައްޓަންކުރާނަން.
– މުއިއްޒު ވިދާޅުވިއެވެ.
ނަފުސާނީ ބަލިތަކަކީ ބަލާބެލުމަށް ބަލީގެ މާބޮޑު ނިޝާނެއް ފެންނަން ނެތްބައްޔެއްކަމުގައި ވިޔަސް، ދިރިއުޅުމުގައި ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތި ކުރުވާ ބައްޔެކެވެ. ނަފްސާނީ ބަލި ހުންނަ މީހުންނަކީ ބަލިމީހެއްކަމެއް ބަލާބެލުމަށް އާއްމުންނަށް ފާހަގަނުވެދާނެއެވެ. ނުވަތަ ބަލި ދެނެގަތުމަށް ހަދާ ޓެސްޓަކުން ނަފްސާނީ ބަލި ހުންނަކަންވެސް ދެނެނުގަނެވިދާނެއެވެ. އެހެންނަމަވެސް، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ނަފްސާނީ ބަލި ހުންނަ އެތައްބަޔަކު ދިރިއުޅެމުންދެއެވެ.
ނަފްސާނީ ދުޅަހެޔޮކަމަށް ފަރުވާ އާއި އެހީތެރިކަން ކަށަވަރުކުރުމާބެހޭ ބިލެއް އެކުލަވާލުމުގެ މަސައްކަތް އެންމެ ފުރަތަމަ ފެއްޓެވީވެސް ރައީސް ޔާމީންގެ ސަރުކާރުގައެވެ. އަދި އެމަސައްކަތް ޢަމަލީ ގޮތުން ރައީސް ޔާމީންގެ ސަރުކާރުގައި ވަނީ ފައްޓަވައި ފަރުވާދެވޭނެ އިންތިޒާމުވެސް ހަމަޖައްސަވާފައެވެ.