އެމެރިކާގެ އިންތިޚާބީ ރައީސް ޖޯ ބައިޑަން

ފުރަތަމަ 100 ދުވަހުގެ ތެރޭގައި 100 މިލިއަން ވެކްސިން އެމެރިކާގެ ރައްޔިތުންނަށް ފޯރުކޮށްދޭނަން: ބައިޑްން

ފުރަތަމަ 100 ދުވަހުގެ ތެރޭގައި 100 މިލިއަން ވެކްސިން އެމެރިކާގެ ރައްޔިތުންނަށް ފޯރުކޮށްދޭނަން: ބައިޑްން

މަގާމުގެ ހުވާ ކުރައްވާތާ ފުރަތަމަ 100 ދުވަހުގެ ތެރޭގައި 100 މިލިއަން ވެކްސިން އެމެރިކާގެ ރައްޔިތުންނަށް ފޯރުކޮށްދިނުމަށް އެމެރިރާކެ އިންތިޚާބީ ރައީސް ޖޯބައިޑްން ވައުދު ވެވަޑައިގެންފިއެވެ.

ބައިޑްން ވިދާޅުވީ އޭނާ މަގާމާ ހަވާލުވެވަޑައިގަންނަވާ ފުރަތަމަ މަހުގެތެރޭގައި ކޯވިޑް ކާރިސާއަށް ނިމުން ނުގެނެވިދާނެ ކަމަށާއި، އެހެންނަމަވެސް، ހާލަތު ބަދަލު ކުރައްވާނެ ކަމަށެވެ. ވެރިކަމާ ހަވާލުވެ ވަޑައިގަތުމަށްފަހު، ވެކްސިން ދިނުމަށް ތަންފީޒު ކުރައްވާނެ ފުރިހަމަ ޕްލޭން އަދިވެސް ބައިޑްން އާންމު ކުރައްވާފައެއް ނުވެއެވެ.

ހުވާކުރެއްވުމާ ހަމައަށް ބައިޑްންގެ ސިއްހީ ސިޔާސަތު ތަންފީޒު ކުރައްވާނެ ޓީމު ތައާރަފްކޮށް އަރުވަމުން ބައިޑްވަނީ ފުރަތަމަ 100 ދުވަހު އެމެރިކާގެ ރައްޔިތުން މާސްކު އަޅާއިގެން އުޅުމަށް އިލްތިމާސް ކޮށްފައެވެ.

ގައިން ގަޔަށް އަރާބަލިތަކާބެހޭ، އެެމެރިކާގެ އެންމެ އިސް، މާހިރު، ޑރ. އެންތަނީ ފައުޗީ ވިދާޅުވެފައިވަނީ، އެމެރިކާގެ ފުޑް އެންޑް ޑްރަގް އެޑްމިނިސްޓްރޭޝަންއިން ލަސްވެގެން މިހަފްތާގެ ބުރާސްފަތި ދުވަހު، ފިޒާރ/ބައޯއެންޓެކްގެ ވެކްސިން އާންމުކޮށް ބޭނުން ކުރުމުގެ އެމަޖެންސީ ހުއްދަ ދޫކުރެވޭނެކަމަށް ގަބޫލުކުރައްވާ ކަމަށެވެ. އަދި ފައުޗީ ވިދާޅުވީ، އެންމެ ލަސްވެގެންވެސް އަންނަ ހަފްތާގައި އެމެރިކާގެ ރައްޔިތުންނަށް ވެކްސިން ދިނުމަށް ފެށޭވަރު ވާނެއެވެ.

އަންގާރަ ދުވަހު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ، ވައިޓް ހައުސްގައި ބޭއްވުނު، އޭނާގެ ވެކްސިން ޕްރޮގްރާމް "އޮޕްރޭޝަން ރެޕް ސްޕީޑް’ގެ ފަރާތުން ބޭއްވި ސެމިނާއަކަށް ވަޑައިގެންފައެވެ. މި ސެމިނާގައި ވާހަކަ ދައްކަވަމުން ޓަރަމްޕް ވަނީ، ވެކްސިންގެ އެމަޖެންސީ ހުއްދަ ދޫކުރުމަށް ކުރެވެމުންދާ މަސައްކަތްތަކަށް ތައުރީފް ކުރައްވާފައެވެ. ޓްރަމްޕްގެ ސަރުކާރުން އުއްމީދު ކުރާގޮތުގައި، ޖެނުއަރީ މަހުގެ މެދަކާ ހަމައަށްދާއިރު، އެމރިކާގެ 24 މިނިއަލް މީހުންނަށް ވެކްސިން ދީ ނިމޭނެއެވެ.

ޖޯން ހެޕްކިންސް ޔުނިވާސިޓީން ހާމަ ކޮށްފައިވާ މައުލޫމާތަށް ބަލާއިރު، އެމެރިކާގައި މިހާތަނަށް، 15 މިލިއަން މީހުން ވަނީ ކޯވިޑް19 އަށް ޕޮޒިޓިވް ވެފައެވެ. އަދި 285،000 މީހުންވަނީ މިބަލީގައި ދުނިޔެ ދޫކޮށްފައެވެ. ދުނިޔޭގައި މިހާތަނަށް އެންމަ ގިނަ އަދަދެއްގެ ބަޔަކު ބައްޔަށް ޕޮޒިޓިވް ވީވެސް، އަދި މިބަލީގައި މީހުން މަރުވެދިޔައީވެސް އެމެރިކާގައެވެ.

އެމެރިކާގެ އެކި ހިސާބުތަކުގައި، ކޯވިޑް19އަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ދަނީ އިތުރުވަމުންނެވެ. އަދި، އެޑްމިޓް ކޮށްގެން ފަރުވާ ދޭންޖެހޭ މީހުންގެ އަދަދުވެސް އިންތިހާއަށް ދަނީ އިތުރު ވަމުންނެވެ. ސިއްޙީ މާހިރުން ގަބޫލުކުރާ ގޮތުގައި، އެމެރިކާގައި ބަލި ޖެހޭ މީހުންގެ އަދަދު އާދަޔާ ޚިލާފަށް އިތުރުވަމުން ދަނީ، ވޭތުވެދިޔަ ހަފްތާގައި، އެގައުމުގައި ސަގާފީގޮތުން ފާހަގަކުރާ ޝުކުރުއަދާކުރުމުގެ ދުވަސް ފާހަގަކުރުމަށްޓަކާ އެތައް މިލިއަން ބަޔަކު އެއްތަނުން އަނެއްތަނަށް ދަތުފަތުރު ކުރުމުގެ ސަބަބުންނެވެ.

އަންގާރަ ދުވަހު ބޭއްވުނު ނޫސްވެރިންގެ ބައްދަލުވުމެއްގައި، ބައިޑްން ވަނީ، ރައީސްކަމުގެ މަގާމާ ހަވާލުވާ ފުރަތަމަ 100 ދުވަހުގެ ތެރޭގައި، ކޯވިޑް19 ފެތުރުން ކޮންޓްރޯލް ކުރުމަށް ގެންގުޅުއްވާނެ ސިޔާސަތުތަކާ ގުޅޭގޮތުން ވާހަކަ ދައްކަވާފައެވެ. އާންމު ގޮތެއްގައި، އެމެރިކާގެ ކޮންމެ ރައީސަކުވެސް، މަގާމާ ހަވާލުވެ ވަޑައިގަތުމަށްފަހު ހޭދަކުރާ ފުރަތަމަ 100 ދުވަހަކީ، ދައުރުގައި ގެންގުޅުއްވާނެ ޕޮލިސީތަކާއި ގުޅޭގޮތުން އެމެރިކާގެ ރައްޔިތުންގެ ހިތްތަކުގައި އިތުބާރު އުފެއްދުމަށް މުހިންމު މަސައްކަތްތަކެއް ކުރައްވާ ދުވަސްތަކެކެވެ.

އަންގާރަ ދުވަހު، އެމެރިކާގެ އިދާރާތަކުންވަނީ، ފިޒާރ/ބައޯއެންޓެކްގެ ވެކްސިނަކީ %95 ރައްކާތެރި އަދި ކާމިޔާބު ވެކްސިނެއްކަމުގައި ބުނެފައެވެ. ނަތީޖާއެއްގެ ގޮތުން، މިވެކްސިންގެ އެމަޖެންސީ ހުއްދަ ދޫކުރުމުގައި އެމެރިކާގެ ފުޑް އެންޑް ޑްރަގް އެޑްމިނިސްޓްރޭޝަނަށް (އެފްޑީއޭ) މިހާރު މާބޮޑު ހުރަސްތަކެއް ނެތެވެ. އެފްޑީއޭއަށްވެސް، ވަކްސިންގެ ހުއްދަ ދޫކުރުމަށް ހުރަސްއެޅޭފަދަ އެއްވެސް ނުރައްކަލެއް މިހާތަަނަށް ފެނިފައެއް ނުވެއެވެ.

ކޯވިޑް19އިން ރައްކާތެރި ވުމަށް، ކޮންމެ މީހަކަށްވެސް، ފިޒާރ/ބައޯއެންޓެކްގެ ވެކްސިންގެ ދެ ޑޯޒް ބޭނުންވާއިރު، ފުރަތަމަ ޑޯޒަށްފަހުވެސް، އެންމެ ހާލުދެރަ މީހުންނަށްވެސް %89 ރައްކާތެރިކަން މިވެކްސިންއިން ފޯރު ކޮށްދޭކަމަށް ތަހުލީލުތަކުން ވަނީ ދައްކާފައެވެ. ވެކްސިން ދިނުމަށްފަހު ކުރިމަތިވާ ސައިޑް އިފެކްޓްތަކަކީ، ވެކްސިން ޖަހާތަން ރަތްވުމާއި، ދުޅަ ވުމާއި، ކުޑަކޮށް ބޮލުގައި ރިއްސުމާއި، ވަރުބަލިވުން އަދި މީގެއިތުރުން ގައިގެ މަސްތަކުގައި ރިއްސުމެވެ. އެހެންނަމަވެސް، މިއުދަގޫތަކަކީ ވަރަށް ކުޑަކޮށް ކުރިމަތިވާ މައްސަލަތަކެއްކަމުގައި ތަހުލީލުތަކުން ވަނީ ދައްކާފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *