ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވަންގް ލިޒިންއާއި، އިންތިޚާބީ ރައީސް ޑރ.މުޙައްމަދު މުޢިއްޒު މިއަދު ބައްދަލުކުރައްވައިފިއެވެ.
އިންތިޚާބީ ރައީސް ދިރިއުޅުއްވާގެ ކޮޅު މ. ދިމްޔާތުގައި މިއަދު ބޭއްވި މި ބައްދަލުކުރެއްވުމުގައި އެމަނިކުފާނުގެ ރަނިންމޭޓް އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފްވެސް ބައިވެރިވެވަޑައިގަތެވެ.
މި ބައްދަލުކުރެއްވުމުގައި، ޗައިނާގެ ސަފީރު ވަނީ، ސެޕްޓެމްބަރުމަހު 30 ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިޚާބުގައި ހޯއްދެވި ބޮޑު ކާމިޔާބީއަށްޓަކައި އެޤައުމުގެ ސަރުކާރާ، ރައްޔިތުންނާ، އެކަމަނާގެ އަމިއްލަ ނަންފުޅުގައި އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް މަރުޙަބާ ދަންނަވައިފައެވެ. އަދި ޑރ. މުޙައްމަދު މުޢިއްޒުގެ ޒަޢާމަތުގައި ޗައިނާއާއި ދިވެހިރާއްޖޭގެ ގުޅުން އިތުރަށް ބަދަހިވާނެ ކަމަށް އުންމީދުކުރައްވާ ކަމަށްވެސް ވިދާޅުވެފައެވެ.
އިންތިޚާބީ ރައީސް އެންމެ ފުރަތަމަ ބައްދަލުކުރެއްވި ބޭރުގެ ޑިޕްލޮމޭޓަކީ އިނގިރޭސިވިލާތުގެ ސަފީރެވެ. ޑރ.މުޢިއްޒު ވަނީ އެމަނިކުފާނުގެ ޚަރިޖީ ސިޔާސަތަކީ އެއްވެސް ޤައުމެއް ތަފާތުނުކުރާނެ ސިޔާސަތެއްކަަމަށެވެ.
މުއިއްޒު ވިދާޅުވެފައިވަނީ އެމަނިކުފާނުގެ ވެރިކަމެއްގައި ރާއްޖޭގެ ޚާރިޖީ ސިޔާސަތަކީ ވަކި ޤައުމަކަށް އެކަނި ބަރޯސާ ވާނެ ކަމެއް ނޫންކަމަށެވެ. ކިތަންމެ ކުޑަ ޤައުމެއް ވިޔަސް، އަދި ކިތަންމެ ބޮޑު ޤައުމެއް ވިޔަސް ގާތްކަން ފަމަހައްޓާނެ ކަމަށާއި، އަދި ގާތް އެކުވެރި ޤައުމުތަކާއި ޢަރަބި އިސްލާމީ ޤައުމުތަކާއި އޮތްނަން ގުޅުން އިތުރަށް ހަރުދަނާ ކުރާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.
މުއިއްޒު ވިދާޅުވީ ދިވެހިންގެ މިނިވަންކަމާއި ސިޔާސަތާއި އިސްތިޤުލާލު ރައްކާތެރި ކުރުމަކީ ކޮންމެ ދިވެހި ރައްޔިތެއްގެ ޒިންމާއެއް ކަމަށެވެ. އަދި ދިވެހިންގެ މިނިވަންކަމަށް އެހެން ޤައުމުތަކުންވެސް އިހުތިރާމް ކުރުމަކީ ކުރަންޖެހޭ ކަމެއްކަމަށެވެ. މިހާރުވެސް ރާއްޖޭގައި މިނިވަންކަމާއި ގުޅޭ އެތައް ކަންބޮޑުވުމެއް އޮތްއިރު އެކަންކަން ބަދަލުކޮށް މިނިވަން މުސްތަގިއްލު ޤައުމަކަށް މިޤައުމު ހަދާނޭކަމުގެ ޔަގީންކަން މުއިއްޒު ވަނީ ދެއްވާފައެވެ.
ކޮމެންޓު ފޮނުވާ