އެމްޑީޕީން މިރޭ ބާއްވާ ގައުމީ މަޖިލިހުގެ ބައްދަލުވުމުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ބައިވެރިވެވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެއެވެ.
ވެރިކަން ކުރާ އެމްޑީޕީން ބާއްވާ މި ބައްދަލުވުމަކީ ރާއްޖޭގައި އޮންނަން ފެންނަ ވެރިކަމުގެ ނިޒާމެއް ކަނޑައެޅުމަށް ނަގާ ވޯޓުގައި އެ ޕާޓީން ތާއީދު ކުރާނެ ނިޒާމެއް ކަނޑައެޅުމަށް މަޝްވަރާކޮށް ގޮތެއް ނިންމުމަށް ބާއްވާ ބައްދަލުވުމެކެވެ.
ގައުމީ މަޖިލިސް ބޭއްވުމަށް ހަމަޖެހިފައި ވަނީ މިރޭ 8:30 ގައި އިމާދުއްދީން ސްކޫލްގަ އެވެ. އެ ބައްދަލުވުމަށް ޖާގަ އޮތް މިންވަރަކުން އާންމު މެމްބަރުންނަށް އަޑު އަހަން ވަދެވޭނެ ކަމަށް އެމްޑީޕީން ބުނެ އެވެ.
ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލުކުރުމާ މެދު ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނަގަން ގޮވާލައި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ގަރާރު، ރައްޔިތުންގެ މަޖިލިހުން ފާސްކޮށްފައި ވަނީ މިދިޔަ މަހުގެ 20 ގައެވެ. އެ ގަރާރު މަޖިލިހަށް ހުށަހެޅުއްވީ ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބެވެ.
މި ގަރާރުގައި ގޮވައިލާފައި ވަނީ، މި މަހުގެ 30 ގެ ކުރިން ރާއްޖޭގައި އޮންނަންވީ ވެރިކަމުގެ ނިޒާމާމެދު ރައްޔިތުންގެ ހިޔާލު ހޯދަން އާންމު ވޯޓަކަށް ދާން މަޖިލީހުން ނިންމައި، އެކަމުގެ އިންތިޒާމު ހަމަޖައްސައި އިލެކްޝަންސް ކޮމިޝަންގައި އެދުމަށް މަޖިލީހުން އިގްރާރުވުމަށެވެ.
އެ ގަރާރު ފާސްކޮށްފައިވީ ނަމަވެސް، ރައްޔިތުން ކައިރިން އަހަންވީ ސީދާ ސުވާލު ސާފުކޮށްދޭން އިލެކްޝަންސް ކޮމިޝަން (އީސީ) އިން ވަނީ ރައްޔިތުންގެ މަޖިލިހުގައި އެދިފައެވެ. އަދި އެކަމަށް ބޭނުންވާ ބަޖެޓާއި ރައްޔިތުން ހޭލުންތެރި ކުރުވަން އިތުރު ވަގުތު ދޭން ކޮމިޝަނުން އެދިފައިވެއެވެ. އެގޮތަށް އެދިފައި އޮއްވައި އީސީން މިއަދު ބުނީ ނިޒާމީ ވޯޓާ ގުޅޭ ގޮތުން މި މަހު ވޯޓަށް އެހުމުގެ އެއްވެސް ފުރުސަތެއް މިހާރު ނެތް ކަމަށެވެ.
އިންތިހާބު ނާކާމިޔާބު ވުމަށްފަހު، އެމްޑީޕީގެ އިސް ބޭފުޅުން މިހާރު ގެންދަވަނީ ނިޒާމު ބަދަލު ކުރަން ނުފެންނަ ކަމަށް ވިދާޅުވަމުންނެވެ. އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް އިއްޔެ ވިދާޅުވީ އެމަނިކުފާނު ވެސް ތާއީދު ކުރައްވަނީ ރިޔާސީ ނިޒާމަކަށް ކަމަށެވެ.