މަޝްހޫރު އެކްޓަރ ދީޕިކާ ފަޑުކޯން ދިން އިންޓަވިއުއެއްގައި، އޭނާއަށް މިއަހަރު އެންމެ ކަމުދާއެއް ހުށައެޅުމަކީ ތާޕްސީ ޕަންނޫގެ "ބިއްގިނި ޝޫޓް" ވީޑިއޯކަމަށް ހާމަކޮށްފިއެވެ.
ދީޕިކާއަކީ އަބަދުވެސް ތާޕްސީގެ ފޭނެއްކަމަށާއި މި ވީޑިއޯ ބެލުމަށްފަހު އަދި އެއަށްވުރެ ބޮޑު ފޭނަކަށް ވެއްޖެކަމަށްވެސް މަޝްހޫރު ޖާނަލިސްޓު ރާޖީވް މަސަންދާއެކު ދެއްކި ވާހަކައެއްގައި ބުނެފައިވެއެވެ. އަދި ތާޕްސީވެސް ދީޕިކާއަށް ހާއްސަކޮށް ވީޑިއޯއެއް ހަދާނެކަމަށް ވަނީ ބުނެފައެވެ.
ތާޕްސީ މި ވީޑިއޯ ކުޅޭފައިވަނީ އޭނާގެ ދައްތަމެންނާއެކު މިފަހުން ރާއްޖެއަށް ކުރި ދަތުރުގައެވެ. ޔަޝްރާޖް މުކާޓޭގެ ވައިރަލްވި ޔޫޓިއުބް ވީޑިއޯ, ބިއްގިނި ޝޫޓް މިލަވައަށް ނަށަމުންދިޔަ މި ވީޑިއޯގައި ތާޕްސީ ލޯބީގެ ގޮތުން ގުޅިގެން އުޅޭ މާތިއަސް ބޯއެ ވެސް ފެނިގެންދެއެވެ. މި ވީޑިއޯ 1.9 މިލިއަން މީހުން ބަލާފައިވާއިރު، ވަރަށް ގިނަ ފިލްމީ ތަރިންނާއި ފޭނުން ވަނީ ކޮމެންޓްކޮށްފައެވެ.
މި ވީޑިއޯގެ އިތުރަށް ދިޕިކާއަށް އެމޭޒަން ޕްރައިމް ވީޑިއޯސް އިން ގެނެސްދޭ ތާޕްސީގެ ސީރީޒްއެއްކަމަށްވާ، "ޕާޓަލް ލޮކް" ވެސް ވަނީ ވަރަށް މަޖާ ސީރީޒަކަށް ވެފައެވެ. މިއަކީ އަނުޝްކާ ޝަރްމާއާއި އޭނާގެ ކޮއްކޮ ކަރްނޭޝް އުފައްދާފައިވާ ސީރީޒްއެކެވެ.
ތާޕްސީ މިއަހަރު ފެނިގެން ގޮސްފައިވަނީ ފިލްމް "ތައްޕަޅު" އިންނެވެ. މި ފިލްމުގައި ތާޕްސީ ކުޅެފައިވަނީ ފިރިމީހާ ޕާޓީއެއްގެ ތެރޭގައި އަނބިމީހާގެ މޫނުމަތީގައި ޖެހުމުން ފިރިމީހާ ދޫކޮށްފައިދާ އަންހެނެއްގެ ރޯލެވެ.
އަނެއްކޮޅުން ދީޕިކާ އެންމެފަހުން ފެނިގެން ގޮސްފައިވަނީ ފިލްމް "ޗަޕާކް" އިންނެވެ. ދީޕިކާ މި ފިލްމުގައި ކުޅެފައިވަނީ އެސިޑްގެ ހަމަލާއެއްލިބުނު އަންހެންކުއްޖެއް އެކަމުގެ އިންސާފު އަދި މީހުންގެ އިހުތިރާމް ހޯދުމަށް އުޅޭ ދިރިއުޅުން ދައްކުވައިދޭ ރޯލެކެވެ.
ތާޕްސީ ޕަންނޫ ދެން އެންމެ އަވަހަށް ފެނިގެންދާނީ "ރަޝްމީ ރޮކެޓް" އަދި "ހަސީން ދިލްރުބާ" އިންނެވެ. އަދި ދިޕިކާ ފެނިގެން ދާނީ ޕްރޮޑިއުސަރ ޝަކުން ބަޓްރާގެ ފިލްމަކުން އަނަނިޔާ ޕާންޑޭ އާއި ސިދްހާތު ޗަތުރުވެދީ އާއިއެކުއެވެ.