ރާއްޖޭގައި އިންޑިއާ ސިފައިން އެބަތިބި ކަމަށާއި، އެމީހުން ރާއްޖެއިން ބާލަން މަސައްކަތް ކުރާ ބަޔަކަށް އަބަދުވެސް މަދަދުދޭނެ ކަމަށް ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި މިނިވަން ކެންޑިޑޭޓެއްގެ ގޮތުގައި ވާދަކުރި އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.
އުމަރު މިހެން ވިދާޅުވީ އެނާގެ ރަނިންމޭޓަކަށް މަސައްކަތް ކުރި މާޒް ސަލީމް ރައީސް ޞާލިހަށް ތާއީދުކޮށް، އެމްޑީޕީ ޕޯޑިޔަމްގައި ރޭ ދެއްވި ވާހަކަތައް ދޮގުކޮށް ނެރުއްވި ކުރު ވީޑިއޯ މެސެޖުގައެވެ. އުމަރު ވިދާޅުވީ ސަލީމް އެމްޑީޕީގެ ޕޯޑިއަމުން ފެނުމަކީ ހައިރާންކަން ލިބުނު ކަމެއް ކަމަށެވެ. އަދި އެޕޯޑިޔަމްގައި އިންޑިޔާގެ ސިފައިން ރާއްޖޭގައި ނެތްކަމަށް ދޭހަވާ ގޮތަށް ވާހަކަ ދެއްކުމަކީ މާބޮޑަށް ހައިރާކަން ލިބުނު ކަމެއްކަމަށެވެ.
މާޒް ސަލީމަކީ ފުރަތަމަ ބުރުގައި މާލޭގައިި ޕިކަލްތަކުުގައި ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބާލަން ގޮވާލައި އެވާހަކަތައް ކިތަންމެ ވަރަކަށްވެސް ދެއްވި ބޭފުޅެއް ކަމަށާއި، ނަމަވެސް މިއަދު ކުއްލިއަކަށް އެމީހުން ނެތްކަމަށް ދޭހަވާ ގޮތަށް ވާހަކަ ދެއްކުމަކީ ހިތާމަ ކުރައްވާ ކަމެއްކަމަށެވެ.
އުމަރު ވިދާޅުވީ އިންޑިއާ ސިފައިން ބާލަން މަސައްކަތް ކުރާ ކޮންމެ ބަޔަކަށް މަދަދު ދޭނެކަމަށެވެ. އެމަސައްކަތުގައި ދިވެހި އެންމެހާ ރައްޔިތުންވެސް ދެމި ތިބުމަށް އުމަރު ވަނީ ރައްޔިތުންގެ ކިބައިން އެދިފައެވެ.
އަޅުގަނޑާއިއެކު މަސައްކަތް ކުރި މީހަކު ކޮޅު ބަދަލުކޮށްގެން އެހެން ފަރާތަކަށް ދާދިއުން އެއީ އަޅުގަނޑު ޒިންމާވާންޖެހޭ ކަމެއްނޫން. އެއީ އެމީހަކު ޒިންމާވާންޖެހޭ ކަމެއް. އެހެންވީމާ އަޅުގަނޑުމެން ފަށާފައިވާ ޤައުމީ މަސައްކަތުގައި އަޅުގަނޑުމެން ދެމި ތިބޭނަން. ތިބޭފުޅުންނާއި ދޭތެރޭގައި މިކަން މިގޮތަށް ދިމާވީތީ އަޅުގަނޑު ވަރަށް ހިތާމަކުރަން. ތިބޭފުޅުންގެ އަރިހުން މާފަށްވެސް އެދެން. އެކަމު އަޅުގަނޑު ދަންނަވާނީ އަޅުގަނޑުގެ އަޒުމަކަށް ގުޑުމެއް ނާދެއޭ. ރާއްޖޭގައި ތިބި އިންޑިއާގެ ސިފައިން ބާލާނެ. ނުބާލާ ހުއްޓައެއް ނުލާނެ. އަދި ބާލަން މަސައްކަތް ކުރާ ބަޔަކަށް އަޅުގަނޑުމެން މަދަދުވެސް ދޭނެ.
– އުމަރު ވިދާޅުވިއެވެ.
އުމަރު ވިދާޅުވީ އޭނާއަށް ތާއީދު ކުރާ މީހަކު އެހެން މީހަކަށް ތާއީދު ކުރުމަކީ މައްސަލައެއް ނޫންކަމަށެވެ. ނަމަވެސް ގަބޫލު ކުރަމުންދިޔަ ހަގީގަތްތަކާއި ދެއްކި ވާހަކަތައް އެހެން ގޮތަކަށް ކުއްލިއަކަށް ބަދަލު ވުމަކީ ގަބޫލު ކުރެވޭނެ ކަމެއް ނޫންކަމަށެވެ. ރާއްޖޭގައި ތިބި އިންޑިއާގެ ސިފައިިން ބޭލުމަށް އެންމެ ބޮޑަށް ވަކާލާތު ކުރަމުންދަނީ ޕީޕީއެމް/ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުއިއްޒުއެވެ. މުއިއްޒު ވަނީ ވެރިކަމާއި ހަވާލުވެ ފުރަތަމަ ދުވަހު އެމަސައްކަތް ފަށާނެކަމުގެ ޔަގީންކަން ދެއްވާފައެވެ.