ރާއްޖޭގެ ވަލިއްޔުލް އަމުރަކަށް ދިވެހި ރައްޔިތުން ކަނޑައަޅާ ޤައުމުގެ ރައީސަކު ހޮވުމަށް ރައްޔިތުން ނިންމާ ނިންމުން މާދަމާ ނިންމާނެއެވެ. މިނިންމުމަކީ ކުރިއަށް އޮތް ފަސް އަހަރު ދުވަހަށް ދިވެހިންގެ އެންމެހާ ކަންކަމުގެ ޒިންމާއާއި މަސްއޫލިއްޔަތު އަދާކުރުމަށް ރައްޔިތުން ކަނޑައަޅާ ވެރިޔަކު އިންތިޚާބު ކުރާ ދުވަހެވެ.
އިންތިޚާބުގެ ފުރަތަމަ ބުރުގައި 8 ކެންޑިޑޭޓުން ވާދަކޮށް ލައްކަލައަށްވުރެ ގިނަ ވޯޓާއިއެކު ދެވަނަ ބުރުން ރައްޔިތުންގެ ތަނަވަސް އައުލަބިއްޔަތުން ޖާގަ ހޯދި އެއްބޭފުޅަކީ، ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުއެވެ. ދެވަނަ ބުރުން ޖާގަ ހޯދި އަނެއް ބޭފުޅަކީ މިހާރުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހެއެވެ. މާދަމާ ރައްޔިތުންގެ ކުރިމަތީގައި އޮތީ މެދެނަމެވެ. ނިންމަން އޮތީ މިދެބޭފުޅުންގެ ތެރެއިން ބޭފުޅަކު ރައީސްކަމަށް އައްޔަން ކުރުމަށް ނިންމާ ނިންމުމެވެ.
ފުރަތަމަ ބުރުގެ ބޮޑު ކާމިޔާބާއިއެކުވެސް މުއިއްޒު ވަނީ ޖެހިގެން އައި ދުވަހު ކެމްޕޭން ފަށާ މުޅި ރާއްޖޭގައި ކެމްޕޭން ހަރަކާތްތައް ބާރު ސްޕީޑުގައި ކުރިއަށްގެންގޮސްފައެވެ.

ވާދަވެރި އެމްޑީޕީގެ ކެމްޕޭން މަޑުޖެހި ކުރިއަށް ދާންވީ ގޮތެއް ނޭގެ ހުއްޓުން އަރާފައި އެތައް ދުވަހު ތިބި ނަމަވެސް މުއިއްޒު ވަނީ އެންމެ ދުވަހެއްވެސް ދޫކޮށް ނުލައި ހުއްޓުމެއް މަޑުޖެހުމެއްނެތި ކެމްޕޭން ކުރިއަށް ގެންގޮސްފައެވެ. ދެވަނަ ބުރުގައި މުއިއްޒުވަނީ ރާއްޖޭގެ 60 އަށްވުރެ ގިނަ ރަށަށް ވަޑައިގެންފައެވެ. ރައީސް ޞާލިހަށް ވަޑައިގެންނެވުނީ ރާއްޖޭގެ ބޮޑު ތިން ސިޓީއަށް އެކަންޏެވެ.
މުއިއްޒުގެ އެންމެ ފުރަތަމަ މަސައްކަތް މިނިވަންކަމަށް:
މާދަމާގެ ވޯޓުން ރައްޔިތުންގެ ތާއީދާއިއެކު ވެރިކަމަށް އާދެވިއްޖެނަމަ މުއިއްޒުގެ އެންމެ ފުރަތަމަ އަމާޒަކީ ރާއްޖޭގެ މިނިވަންކަން ދިފާއުކުރުމެވެ. މުއިއްޒު ވިދާޅުވެފައިވަނީ މާދަމާ ވޯޓުލާން ރައްޔިތުން ދާއިރު، ވޯޓާ މެދުގައި ފަރުވާ ކުޑަކޮށްފި ނަމަ، ގައުމުގެ މިނިވަންކަން ހިނގައިދާނެ ކަމަށް ވިސްނަން ޖެހޭ ކަމަށެވެ. އަދި މިނިވަން ކަން ގެއްލިއްޖެ ނަމަ، އެއީ އަނބުރާ ހޯދަން އެހާ ފަސޭހަ އެއްޗެއް ނޫން ކަމަށް މުއިއްޒު ވިދާޅުވިއެވެ.

އަޑިނޭގޭ އެއްބަސްވުންތަކާއި، ސިއްރު ސިޓީތަކާއި، އިންޑިޔާގެ ސިފައިން ރާއްޖޭގައި ބަޑަހަ ޖަހައިގެން ތިބި ތިބުމަކީ ނިމުން ގެނުވާނެ ކަންތައްތަކެއް ކަމަށް މުއިއްޒު ގެންދަަވަނީ ޔަގީންކަމާއިއެކު ވިދާޅުވަމުންނެވެ. ރާއްޖޭގެ ކަނޑުގެ ބައެއް ދޫކޮށްލުމާއި، އުތުރުތިލަފަޅުފަދަ ތަަންތަނުގެ ހަގީގަތާއި ހަމައަށް ވާސިލްވެ ރައްޔިތުން އެދޭ މިނިވަންކަން ކަށަވަރުކޮށް ދެއްވާނެކަމަށް މުއިއްޒު ވަނީ ވިދާޅުވެފައެވެ. ވެރިކަމާއި ހަވާލުވާ ދުވަހު ހުވާ ކުރުމަށްފަހު ފުރަތަމަ ފައްޓާނެ މަސައްކަތަކީވެސް މިނިވަންކަމުގެ މަސައްކަތް ކަމަށް މުއިއްޒު ވިދާޅުވިއެވެ.
އަނިޔާވެރިކަމާއި، ބަދަލު ހިފުމުގެ ރޫހު ނިމުމަކަށް ގެންނާނާން:
މުއިއްޒު ވިދާޅުވީ އޭނާގެ ވެރިކަމެއްގައި ބަދަލު ހިފުމުގެ ސަގާފަތް ނިމުމަކަށް ގެންނާނެކަމަށެވެ. އެއްވެސް މީހަކަށް ނުހައްގުން އަނިޔާކޮށް އަދުބުދީ ޖަލަށްލައި ހެދުމަކީ ކުރައްވާނެ ކަމެއް ނޫންކަމަށެވެ. މިކަން މިހެން މިހާތަނަށްވެސް ހިނގާފައިވާ އެންމެ ބޮޑު ސަބަބަކީ ޝަރުއީ ދާއިރާގެ މިނިވަންކަން ނެތުމުން ކަމަށް މުއިއްޒު ވިދާޅުވިއެވެ. އަދި މިހާރުގެ ސަރުކާރުންވެސް ވަނީ ޖުޑީޝަރީއަށް އިންތިހާއަށް ނުފޫޒު ފޯރުވައި، ކޯޓުތަކަށް ސަރުކާރުގެ މުށުތެރެއަށް ލާފައި ކަމަށެވެ. އަނިޔާވެރިކަމާއި ބަދަލު ހިފުން ނިމުމަކަށް ގެނެވޭނީ ޖުޑީޝަރީ މިނިވަން ވެގެން ކަމަށް މުއިއްޒު ވިދާޅުވިއެވެ.
މިސަރުކާރުން ރައީސް ޔަމީނަށް ނުހައްގުން ދެމުންދާ އަނިޔާތައް ނިމުމަށް ގެނެސް، ރައީސް ނަޝީދަށް މަޖީދީ މަގުގެ މެދުގައި ބޮމެއް ގޮއްވާލައިގެން މަރާލަން ދިން ހަމަލާގެ ޝަރީއަތް އިންސާފުވެރި ކަމާއިއެކު ގެންދެވޭނެ މަގު ފަހިކޮށް އެމަނިކުފާނަށްވެސް އިންސާފު ކަށަވަރު ކޮށްދޭނެކަމަށް މުއިއްޒު ވިދާޅުވިއެވެ.

ހަމަ މިއާއިއެކު ބަދަލު ހިފުމާއި އަނިޔާ ކުރުމާއި، އަނިޔާވެރިވުމުގެ ސަޤާފަތް އެކީ ނައްތާލައި، އަދުލުވެރިކަމާއި އިހުސާންތެރި ކަމާއިއެކު ކުރާ ވެރިކަމެއް ދިވެހިންނާއި ހަމައަށް ވާސިލް ކޮށްދެއްވާނެ ކަމުގެ ޔަގީންކަން މުއިއްޒު ވަނީ ދެއްވާފައެވެ.
މުއިއްޒުގެ މަސައްކަތުގައި އެނާއާއިއެކު މަސައްކަތް ކުރާ ޓީމަކީ ހަލުވިކަމާއިއެކު މަސައްކަތް ކުރެވޭ ރައްޔިތުންނަށް ސައުވީސް ގަޑިރު މަސައްކަތް ކޮށްދެވޭނެ ޓީމަކަށް ވާނެކަމަށް މުއިއްޒު ވިދާޅުވިއެވެ. ކޮންމެ މަޤާމެއްގައި އަދި ވަޒީރުކަމުގައި ތިއްބަވާ ބޭފުޅުންނަކީ ރައްޔިތުންގެ ހައްގުތައް ކަށަވަރުކޮށް ވެފައިވާ ވައުދުތައް އަވަސްކޮށް ބާރަށް ކުރިއަށް ގެންދެވޭނެ ވަރުގެ ބޭފުޅުންނަށް ވާނެކަމަށް މުއިއްޒު ވިދާޅުވިއެވެ. މިގޮތުން ވެރިކަމުގެ ކުރީކޮޅު ބޯހިޔާ ވަހިކަމުގެ މައްސަލައަށް ހައްލު ހޯދައި ދިނުމާއި، ރާއްޖޭގެ އަމާންކަން ގާއިމް ކުރުމާއި، ހަމަޖެހުން ގާއިމް ކުރުމަކީ ކުރާނެ މުހިންމު މަސައްކަތްތަކެއް ކަމަށް މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ ރައްޔިތުން ހަވާލުކުރާ ވެރިކަމުގެ މަސްއޫލިއްޔަތަކީ ވަރަށް ބޮޑު އަމާނާތެއް ކަމަށެވެ. ވެރިކަމަކީ އަނިޔާވެރި ވުމެއް ނޫންކަމަށާއި، ވެރިކަމަކީ ހުރިހާ ރައްޔިތުންނަށްވެސް އަދުލުވެރި ކަމާއިއެކު ޚިދުމަތް ދިނުން ކަމަށެވެ. އެކަން ކުރުމުގައި އެއްވެސް ތަފާތެއް ނެތި ހުރިހާ ރައްޔިތުންނަށް ހަމަހަމަ އުސޫލުން އުދުލުވެރި ވެރިކަމެއް ކޮށްދެއްވާނެ ކަމުގެ ޔަގީންކަން ޑރ. މުއިއްޒު ވަނީ ދެއްވާފައެވެ.
ކޮމެންޓު ފޮނުވާ