ރިޔާސީ އިންތިޚާބުގެ ކެމްޕޭންގައި ވާދަވެރިން ސާބިތު ނުހިފޭ ކިތަންމެ ވާހަކައެއް ދެއްކި ނަމަވެސް، އެވާހަތަކަށް ރައްދުދީ ބޭކާރު ވަގުތު ހޭދަކުރަން ބޭނުން ނުވާކަމަށާއި، އަމިއްލަ ނަފްސަށް ފުރިހަމަ އިތުބާރު އޮތްކަމަށް ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ހޮނިހިރު ދުވަހުގެ ވޯޓުގެ ކުރިން މިރޭ ސަލްޓަމްޕާކުގައި ރައްޔިތުންނާއި ގާތުން ރައްޔިތުންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން މުއިއްޒު ވިދާޅުވީ އިންތިޚާބުގެ ފުރަތަމަ ބުރުގައިވެސް އެންޓި ކެމްޕޭން ވަރަށް ފުޅާކޮށް ސަރުކާރުން ކުރިއަށް ގެންދިޔަ ކަމަށެވެ. އަދި ދެވަނަ ބުރުގައި ސަރުކާރުން ވަނީ އެމަސައްކަތް އިތުރަށް ދެގުނަކޮށް، އަބުރަށް އަރައިގަނެ ޒާތީ އެތައް ވާހަކައެއް ހަގީގަތާއި ޚިލާފަށް ދައްކައި، ބުހުތާނު ދޮގު ހަދަމުން ކަމަށެވެ.
އަދި ތަފާތު އޯޑިއޯތަކާއި ވޯޑިއޯތައް ނެރެގެންވެސް އަބުރު ނަގާލުމަށް ތަކުރާރުކޮށް މަސައްކަތް ކޮށް އެންޓި ކެމްޕޭން ވަރަށް ފުޅާކޮށް ކުރިއަށް ގެންދާކަމަށެވެ. ނަމަވެސް މިކަންކަމަކީ އެއްވެސް ހަގީގަތެއް ނެތް އިންތިޚާބަކުން ބަލިވާނެކަން އެނގޭތީ ފެންނަ މަންޒަރުތައް ކަމަށެވެ. މުއިއްޒު ވިދާޅުވީ އިންތިޚާބެއްގެ ތެރޭގައިވެސް އަދި އެހެން ކަމެއްގެ ތެރޭގަިއވެސް މީހެއްގެ އަބުރު ނަގާލައި އެއްވެސް މީހަކާއި ގުޅޭ ސާބިތު ނުހިފޭ ވާހަތަކެއް ނުދައްކާނެ ކަމަށެވެ.
އަޅުގަނޑު ނެތިން ހަގީގަތާއި ޚިލާފަށް ދައްކާ އެއްވެސް ވާހައަކަށް ޖަވާބުދީ އެކަންކަމަށް ފޯކަސް ކުރާކަަށް. ކެނޑިނޭޅި ވާދަވެރިން ދަނީ ޒާތަށް އަރައިގެނެ އަބުރު ނަގާލަން މަސައްކަތް ކުރަމުން. ހަގީގަތެއް އޮތްނަމަ އެކަމެއް ކަމާއިބެހޭ ފަރާތްތަކަށް ހުށަހަޅުއްވައިގެން ބައްލަވަންވީ. އަޅުގަނޑަށް ޔަގީންކަން އެބައޮތް އެފަދަ އެއްވެސް ވާހަކައަކީ ހަގީގަތެއް ނޫންކަން. އަޅުގަނޑުގެ ނަފްސަށް އަޅުގަނޑަށް ފުރިހަމަ އިތުބާރު އެބައޮތް.
– މުއިއްޒު ވިދާޅުވިއެވެ.
މުއިއްޒު ވިދާޅުވީ އަމިއްލަ ނަފްސަށް އޮތް އިތުބާރަކީ މިމަސައްކަތުގައި ކުރިއަށް ދިއުމަށް އޮތް އެންމެ ބޮޑު އިތުބާރު ކަމަށެވެ. އަދި އިންތިޚާބާއި ދިމާކޮށް އެންޓި ކެމްޕޭން ކުުރުމަށް އެތަކެއް ވާހަކައެއް ދެއްކިޔަސް ގުޑުވާ ނުލެވޭނެކަމަށް މުއިއްޒު ވިދާޅުވިއެވެ.
މުއިއްޒު ވިދާޅުވީ ރައީސް ޔާމީން މިނިވަން ނުކުރާނެ ކަމަށްބުނެވެސް އިދިކޮޅުން އެކި ވާހަކަ ދައްކައި އެކި އޯޑިއޯތައް ނެރެމުން ދާކަމަށެވެ. ނަމަވެސް މިރޭވެސް މުއިއްޒު ވަނީ ވެރިކަމާއި ހަވާލުވާ ދުވަހު އަދި ވެރިކަން ލިބުމުން ހުވާ ކުރުމާއި ހަމައަށް އޮންނަ މުއްދަތުގައިވެސް މިހާރުވެސް އެދެމުންދާ ގޮތަށް ރައީސް ޞާލިހުގެ ކިބައިން ރައީސް ޔާމީން ގެޔަށް ބަދަލު ކުރަން އެދޭނެކަމަށެވެ. މުއިއްޒު ވިދާޅުވީ ރައީސް ޔާމީނަށް ދެނީ ނުހައްގު އަނިޔާ ކަމަށާއި، އެމަނިކުފާނަށް އިންސާފު ހޯދައި ދޭނެ ކަމަށެވެ.