ރައްޔިތުން ޤައުމުގެ އެންމެހާ ޒިންމާތައް ހަވާލު ކުރައްވައިފިނަމަ، އެންމެ ފުރަތަމަ ދުވަހުވެސް އިސްކަންދޭނީ ޤައުމުގެ މިނިވަންކަން ދިފާއު ކުރުމުގެ މަސައްކަތްތަކަށް ކަމުގައި ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ހޮނިހިރު ދުވަހު އޮންނަ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ވޯޓުގެ ކުރިން އަތޮޅު ތެރޭގެ ރަށްތަކަށް ކުރެެއްވި ދަތުރުފުޅުތައް މުއިއްޒު ވަނީ ރޭ އައްޑު ސިޓީ ހުޅޫދޫގަިއ ބޭއްވި ޖަލްސާއިން ނިންމާލާފައެވެ. ދެވަނަ ބުރުގެ ކެމްޕޭންގައި މުއިއްޒުވަނީ 60 އަށްވުރެ ގިނަ ރަށަށް ވަޑައިގެންފައެވެ.
ހުޅުދޫގައި ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ ދެވަނަ ބުރުގައި ފެނިގެންދަނީ ޤައުމީ މަސައްކަތުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުން ބައިވެރިވަމުންދާތަން ކަމަށެވެ. ޚާއްސަކޮށް އެމްޑީޕީގައި އެތައް ދުވަހަކު މަސައްކަތްކޮށްފައިވާ ގިނަ ބަޔަކު ދަނީ ގައުމީ ވިސްނުމުގައި ގުޅެމުން ކަމަށާއި، ޕާޓީގެ ވިސްނުންދޫކޮށް ޤައުމީ ވިސްނުމުގައި ގުޅިވަޑައިގަންނަވާ އެންމެހާ މެމްބަރުންނަށް ޝުކުރު ދަންނަވާ ކަމަށް މުއިއްޒު ވިދާޅުވިިއެވެ.
ޕާޓީ ބަދަލު ނުކުރައްވާ ބޭފުޅުންނަށްވެސް ދަންނަވާލަން ބޭނުންވަނީ ޕާޓީ ބަދަލު ނުކުރެއްވުމަކީ 30 ވަނަ ދުވަހު ގައުމީ ވިސްނުމުގައި ވޯޓު ދެއްވުމަށް އޮތް ހުރަހެއް ނޫނޭ. ތިޔައިން ކޮންމެ ބޭފުޅަކީވެސް ދިވެހި ލޮބުވެތި ރައްޔިތެއް. ޤައުމުދެކެ ލޯބިވާ ރައްޔިތެއް. މިއަދު މި ޤައުމުގައި މިނިވަންކަމުގެ އެއްވެސް ޔަގީންކަމެއް ނެތް. ޤައުމުގެ ކަންކަމުގައި ބަސްބުނުމުގެ އަމިއްލަވަންތަ ކަމެއް ނެތް. ބޭރު ސިފައިން މިތާ ތިބި ވާހަކަ ރައީސުލްޖުމްހޫރިއްޔާ ވެސް އެބަ ވިދާޅުވޭ. އަދި އެކި މަގާމްތަކުގައި ތިބި މީހުން އެކި ދުވަހު އެކި ގޮތަށް އެވާހަކަ އެބަ ދައްކަވާ. އެއްވެސް ކަމެއްގައި ދިވެހިންގެ ބާރެއް ނެތްކަން އެދަނީ ފެންނަމުން. އެހެންކަމުން ކޮންމެ ޕާޓީ އެއްގައި ހުއްޓަސް ޤައުމު އިސްކޮށްގެން ދިވެހީންގެ ރާއްޖެ އަނބުރާ ހޯދުމަށް ވޯޓު ދެއްވަންޖެހޭ.
– މުއިއްޒު ވިދާޅުވިއެވެ.
މުއިއްޒު ވިދާޅުވީ އޭނާއަށް އިތުބާރުކުރައްވާ އިންތިޚާބު ކޮށްދެއްވައިފިނަމަ މިނިވަންކަން ޔަގީންކޮށްދޭނެ ކަމަށެވެ. އެއަށްފަހު ޤައުމުގެ އިގްތިޞާދު މިނިވަންކޮށްދޭނެ ކަމަށާއި، މިއަދު ދަރަނިތައް މިއޮތީ ފުނިޖެހިފައި ކަމަށެވެ. މިހާރު ދަރަނީގެ ގޮތުގައި 114 ބިލިއަން ދިވެހި ރުފިޔާ ވަނީ އަރާފައި ކަމަށާއި، ކުންފުނިތަކުގެ ދަރަނި ލައިފިނަމަ 146 ބިލިއަން ދިވެހި ރުފިޔާ އަށް އަރާ ކަމަށެވެ. މީގެ ދެބައި ކުޅަ އެއްބަޔަކީ ވަކި ޤައުމަކުން އެކަނި ނަގާފައިވާ ދަރަނި ކަމަށާއި، އަޅުވެތި ވާނީ މިވަރަށް ކަމަށް މުއިއްޒު ވިދާޅުވިއެވެ.
އަޅުގަނޑު އިންތިޚާބު ކޮށްފިއްޔާ އެންމެ ފުރަތަމަ ވެސް ފަށާނީ ޤައުމީ މަސައްކަތް. މިނިވަންކަމަށް ވުރެ މުހިންމު މަސައްކަތެއް ނެތް. ބްރިޖާއި މަސްފެކްޓަރީތައް ވެސް އެޅިދާނެ. އެކަމަކު އެ މަޝްރޫޢުތަކަށް ވުރެ މިނިވަންކަން މާ މުހިންމު. ވަޢުދުތައް ތަކުރާރެއް ނުކުރާނަން. އަޅުގަނޑު މިދޭ ޔަގީންކަމަކީ އެ ވަޢުދުތައް ވީ ގޮތަށް އެކަންކަން ކޮށްދޭނެކަމުގެ ޔަގީންކަން. ހުޅުމީދޫއިން ހިތަދޫއަށް އަޅަން ޖެހޭ ބްރިޖު ޙަޤީގަތަކަށް ހަދައިދޭނަން. އަޅުގަނޑު ކޮންމެ ވާހަކައެއްވެސް ދައްކަނީ އެކަމަކާއި މެދު ވިސްނާފައި ޒިންމާދާރުކަމާއިއެކު. އަޅުގަނޑު އެދެނީ ޤައުމު މިއޮތް ޙާލަތުން އަރައިގަތުމަށްޓަކައި މިއަދާއި ހަމައަށް އަޅުގަނޑު މި ދެއްކި ހުރިހައި ވާހަކަތަކާއި މެދު ރައްޔިތުން ފުންކޮށް ވިސްނާވަޑައިގަތުން.
– މުއިއްޒު ވިދާޅުވިއެވެ.
މުއިއްޒު ވިދާޅުވީ ރައްޔިތުން ފުރުސަތު ދެއްވައިފިނަމަ ދެން އުުފެދޭ ސަރުކާރު ވާނީ ދެފުށް ފެންނަ، ތަޢުލީމީ ޤާބިލް ބޭފުޅުން ހިމެނޭ، ރައްޔިތުންނަށް ޖަވާބުދާރީވާނެ ސަރުކާރަކަށް ކަމުގައެވެ. މިނިވަން މުވައްސަސާތަކަކީ ހުރިހައި މާނައެއްގައި ރައްޔިތުންނަށް އިތުބާރު ލިބޭ ފެންވަރަށް މިނިވަން ތަންތަނަށް ހެދޭނެކަމަށެވެ.
ރޭގެ ޖަލްސާގައިވެެސް މުއިއްޒު ވަނީ އެއްވެސް ރަށެއްގައި ފެށިފައި ހުރި އެއްވެސް މަޝްރޫއެއް ހުއްޓާނުލާނެ ކަމަށެވެ. އަދި ފެށިފައި ހުއްޓިފައި ހުރި މަޝްރޫއެއް ވެއްޖެއްޔާ އަލުން ފައްޓައިގެން ކުރިއަށް ގެންގޮސް، ރައްޔިތުން އެދޭ ގޮތް ނޫން ގޮތަކަށް ހިނގާ މަޝްރޫއުތައް ރައްޔިތުން އެދޭ ގޮތަށް ބަދަލުކޮށްދޭނެކަމަށް މުއިއްޒު ވިދާޅުވިއެވެ.
މުއިއްޒު ވިދާޅުވީ ސިޔާސީ ވަޒީފާއަކުން ފިޔަވައި އެހެން އެއްވެސް ވަޒީފާއަކުން މީހަކު ވަކި ނުކުރާނެ ކަމަށާއި، ޒުވާނުންނާއި ކަނބަލުންނަށް ފުދުންތެރިކަން ހޯދައި ދިނުމަށް ވަސީލަތާއި ފުރުޞަތުތައް ފަހިކޮށްދެއްވަނެ ކަމަށެވެ. މުއިއްޒު ވަނީ ރައްޔިތުން އެދޭ ހެޔޮ ބަދަލު ގެނައުމުގައިި ސައުވީސް ގަޑިއިރު މަސައްކަތް ކުރާ ސަރުކާރަކަށް އޭނާގެ ސަރުކާރު ވާނެކަމަށެވެ.
ކޮމެންޓު ފޮނުވާ