މި ޤައުމަށް ހަމަޖެހުން ބޭނުންވާކަމަށާއި، އެ ހަމަޖެހުން އަންނާނީ މިނިވަން މުއައްސަސާތައް ފުރިހަމަ މާނާގައި މިނިވަންވެގެންކަމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
"ޚަބަރު އޮންލައިން"އަށް ދެއްވި ޚާއްޞަ އިންޓަރވިއުއެއްގައި ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވީ މިނިވަން މުއައްސަސާތަކަކީ ޤައުމެއްގެ ޑިމޮކްރަސީ ފައްކާކުމަށްޓަކައި، މިނިވަންކޮށް އޮންނަންޖެހޭނެ ތަންތަންކަމަށާއި، ނަމުގަ މިނިވަން ވެގެން އެކަން ނުވާނެކަމަށެވެ. އެމަނިކުފާނަށް ރާއްޖޭގެ ވެރިކަން ލިބިވަޑައިގެންފިނަމަ، ހުރިހާ މުއައްސަސާތަކެއް ހަގީގީ މާނާގައި މިނިވަންކޮށް ބޭއްވުމަށް ވަރަށް އިސްކަން ދެއްވާނެކަމަށް ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.
އަޅުގަނޑު އަބަދުވެސް ދަންނަވާ ވާހަކައެއް، ގެއަށްގޮސް އަރާމުގަ ނިދާލަން އަޅުގަނޑު ބޭނުމޭ އެއްވެސް މީހެއްގެ ހައްގަކަށް އަރާ ނުގަންނަކަމުގެ ހިތްހަމަޖެހުމާއެކީގަ. މިނިވަންކަމާއެކު ހިނގަންޖެހޭ މުއައްސަސާތަކެއްތެރެއަށް އަޅުގަނޑު ނުފޫޒު ވައްދައިގެން، ސަރުކާރު ނުފޫޒު ވައްދައިގެން މީހެއްގެ ހައްގަކަށް އަރައިގަނެފަ އަޅުގަނޑަށް އަރާމުގަ ނޯވެވޭނެ. އެއީ އަޅުގަނޑުގެގޮތެއް ނޫން. މިނިވަން މުއައްސަސާތައް ހިނގާނީ މިނިވަންކޮށް އިނގޭތޯ.
– ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.
މުޢިއްޒު ވިދާޅުވީ މިނިވަން މުއައްސަސާތަކަށް މެންބަރުން އައްޔަންކުރެއްވުމަށްވެސް އެއްވެސް ނޫފޫޒެއް އެމަނިކުފާނުގެވެސް އަދި ސަރުކާރުގެ ތެރެއިންވެސް ފޯރުވިއަ ނުދެއްވާނެކަމަށެވެ. އިސްކަންދެއްވާނީ ތަޢުލީމީ، ހުނަރުވެރި ބޭފުޅުން މިނިވަން މުއައްސަސާތަކަށް އައްޔަންކުރެއްވުމަށްކަމަށްވެސް މުއިއްޒު ވިދާޅުވިއެވެ.
މިސާލަކަށް ޤާނޫނުގަ މި އޮންނަނީ ރައީސް އޮފީހުން ނަން ފޮނުވަން މަހިޖީލަށް. ނަން ފޮނުވާއިރުވެސް އަޅުގަނޑު ބަލާނީ މެރިޓް ބޭސްޑް، މާނައަކީ އެމީހަކަށް ލިބިފައިވާ ތައުލިމާ ތަޖުރިބާ ނޫނިއްޔާ އެކަމަށް އެކށީގެންވާ މީހުންތޯ ޕޮއިންޓް ދީގެން ބަލައިގެން. އެކަހަލަ ލިސްޓެއް އަލުގަނޑު ފޮނުވާނީވެސް. މަޖިލީހަކަށްވެސް އަޅުގަނޑު ނުފޫޒެއް ނުފޯރުވާނަން ވަކި މީހަކު ހޮވާކަށް. މުޅި ސަރުކާރުތެރެއިންވެސް އެކަން ކުރާކަށް ފުރުޞަތެއް ނުދޭނަން."
– ޑރ.މުޙައްމަދު މުއިއްޒު ވިދާޅުވިއެވެ.
މުއިއްޒު ވިދާޅުވީ މިނިވަން ކޮމިޝަންތަކާއި މުއައްސަސާތަކުން އެއްވެސް މީހަކަށް ނުފޫޒް ފޯރުވައިފިނަމަ، އެ ނުފޫޒް ފޯރުވިމީހަކަށް ފިޔަވަޅު އަޅުއްވާނެކަމަށެވެ.
ކޮމިޝަންތަކަށް މީހުންނަށް ނުފޫޒް ފޯރުވައިފިނަމަ އެމީހަކަށް ފިޔަވޅު އަޅާނަން. މުއައްސަސާތައް ހިނގަންވާނީ މިނިވަންކޮށް. ކޮމިޝަންގެ ވެރިއަކު ނުފޫޒެއް ނުވަތަ ނުގަވައިދުން ކަމެއް ކޮށްފިނަމަ އުސޫލުގެ ތެރެއިން ފިޔަވަޅު އަޅާނަން.
– މުހައްމަދު މުއިއްޒު ވިދާޅުވިއެވެ.
މުއިއްޒު ވިދާޅުވީ މިޤައުމަށް ހަމަޖެހުން ބޭނުންވާކަމަށާއި، އެ ހަމަޖެހުން ގެނެވޭނީ މިނިވަން މުއައްސަސާތައް މިނިވަންކޮށްގެންކަމަށެވެ.
މިޤައުމަށް ހަމަޖެހުން އަންނަން އަޅުގަނޑު ބޭނުންވޭ. ހަމަޖެހުމެއް ނާންނާނެ މިނިވަން މުއައްސަސާތަށް މިނިވަންކޮށް ނުހިނގައެއް.
– ޑރ.މުޙައްމަދު މުއިއްޒު ވިދާޅުވިއެވެ.
One Response
ތިފަދަ ޢިބާރާތާކުން ވެރިއެއްގެ ދޫފުޅުން ވިދާޅުވުމަކީ އަޅުގަނޑުމެން ރައްޔިތުން އަބަދުވެސް އެދޭގޮތް. ތިފަދަ ވެރިއަކަށް މިތިބެނީ ކެތްމަދުވެފަ. ތި އޯގާތެރި ބޭފުޅާގެ ވެރިން 30 ވަނަ ދުވަހުގެ ވޯޓުން ފެންނާނެ ކަމަށް ވ. ބޮޑަށް އުންމީދު ކުރެވޭ. އިންޝާﷲ.