ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ކެމްޕޭންގައި އައްޑޫ ސިޓީގެ ވަކިވަކި އަވަށްތަކަށް ވަޑައިގެން ރައްޔިތުންނާއި ބައްދަލުކޮށް ކެމްޕޭން އިތުރަށް ވަރުގަދަ ކޮށްފިއެވެ.
މުއިއްޒުއާއިި ވާދަކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓް ރައީސް ޞާލިހުވެސް ހުންނެވީ އައްޑޫ ސިޓީގައެވެ. މުއިއްޒު ގެންދަވަނީ އައްޑޫ ސިޓީގެ ކޮންމެ އަވަށަކަށް ވަކިން ވަޑައިގެން ރައްޔިތުންނާއި، އަދި ކެމްޕޭން ޓީމުތަކާއި ބައްދަލު ކުރައްވަމުންނެވެ. އަދި ކޮންމެ އަވަށަކުންވެސް އާންމު ބޭނުންވާ ކޮންމެ ސުވާލަކަށް ވަކިވަކިން މުއިއްޒުވަނީ ޖަވާބު ދެއްވާފައެވެ.
ޢާންމު ރައްޔިތުން ކުރެއްވި ސުވާލުތަކުގެ ތެރެއިން އައްޑޫ ސިޓީގެ ތަރައްޤީއާއި ގުޅޭގޮތުން ކުރެވުނު ސުވާލުގައި މުއިއްޒު ވިދާޅުވީ އައްޑޫ ސިޓީގައި މިހާރު ކުރަމުންދާ މަސައްކަތްތަކާއި، ހުއްޓިފައިވާ މަސައްކަތްތަކާއި އަދި ކުރާނެކަމަށް ބުނާ ކަންކަންވެސް އެއްވެސް ހުއްޓުމެއް މަޑުޖެހުމެއްނެތި ރައްޔިތުން އެދޭ ސްޕީޑުގައި ކުރިއަށް ގެންގޮސް ދެއްވާނެ ކަމަށެވެ. ހަމަ މިއާއިއެކު އެކި ކުންފުނިތަކުގައިި ވަޒީފާ އަދާކުރާ ފަރާތްތަކަށް ވަޒީފާގެ އެއްވެސް ބިރެއް ނޯންނާނެ ކަމުގެ ޔަގީންކަން މުއިއްޒު ވަނީ ދެއްވާފައެވެ.
މުއިއްޒު ވިދާޅުވީ އައްޑޫއަށް ވެފައިވާ ކޮންމެ ވައުދަކީ ރަނުން ރަނަށް ފުއްދާނެ ވައުދެއް ކަމަށެވެ. މިގޮތުން މަގު ހެދުމާއި، އެއާޕޯޓު ތަރައްޤީ ކުރުމާއި، ބްރިޖާއި، ހޮސްޕިޓަލު ތަރައްޤީ ކުރުމާއި، މިނޫންވެސް ރައްޔިތުންނާއި ގުޅުންހުރި ހުރިހާ ކަމެއް ކޮށްދެއްވާނެކަމަށް މުއިއްޒު ވިދާޅުވިއެވެ.

މީގެ އިތުރުން އައްޑޫ ސިޓީގައި ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ޚާއްސަ ތެރަޕީ ދެވޭނެ މަރުކަޒެއް ގާއިމް ވެގެންދާނެކަމަށް މުއިއްޒު ވިދާޅުވިއެވެ. މިއީ މާލޭގެ އިތުރުން ރާއްޖޭގައި މިފަދަ ޚިދުމަތް ދެވޭނެ އެންމެ މަތީ ފަންތީގެ ޚިދުމަތާއިި ވަސީލަތާއިއެކު ގާއިމް ކުރެވިގެންދާނެ މަރުކަޒަކަށް ވެގެންދާނެކަމަށް މުއިއްޒު ވިދާޅުވިއެވެ.
މުއިއްޒު ވަނީ ދެވަނަ ބުރުގައި ކޮންމެ ބޭފުޅަކުވެސް އިތުރަށް އެއް ވޯޓު ހޯއްދަވައި، ކެމްޕޭން ކުރިއަށް އޮތް 48 ގަޑިއިރުގައި އިތުރަށް ވަރުގަދަ ކޮށްދެއްވުމަށް އެދިވަޑައިގެންފައެވެ. އަދި މިކެމްޕޭންގައި އައްޑޫ ސިޓީއާއި ރާއްޖޭޭގެ ހުރިހާ ރަށަކުން ކުރައްވާ މަސައްކަތަކީ ބަލަިއ ގަންނަ ޝުކުރުވެރިވާ މަސައްކަތްތަކެއް ކަމަށް މުއިއްޒު ވިދާޅުވިއެވެ.
ކޮމެންޓު ފޮނުވާ