އިމްރާންގެ މެސެޖު މައުމޫން، ނަޝީދު، ގާސިމަށް: ވަގުތު ފާއިތުވުމުގެ ކުރިން މަސައްކަތް ފައްޓަވާ

އިމްރާންގެ މެސެޖު މައުމޫން، ނަޝީދު، ގާސިމަށް: ވަގުތު ފާއިތުވުމުގެ ކުރިން މަސައްކަތް ފައްޓަވާ

Author
އަހުމަދު
27 ސެޕްޓެމްބަރ 2023 11:34
0

ބަދަލު ހިފުމަށް ފަހު ނޫނީ ރައްޔިތުންނަށް ކަމެއް ކޮށްދިނުމުގެ ވިސްނުމެއް ވާދަވެރިންގެ ނެތް ކަމަށް ވިދާޅުވެ، އަދާލަތު ޕާޓީގެ ރައީސް، އަދި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ލީޑަރު ގާސިމް އިބްރާހިމަށް ހާއްސަ މެސެޖެއް ދެއްވައިފިއެވެ.

ޗާންދަނީ މަގުގައި ބޭއްވި ކަންމަތީ ޖަލްސާގައި އިމްރާން ވިދާޅުވީ ރައްޔިތަކަށް ހެޔޮ ހިތުން އިހުލާސްތެރިކަމާ އެކު ކަމެއް ކޮށްދިނުމުގެ އެއްވެސް ވިސްނުމެއް އިދިކޮޅުގެ ނެތް ކަން ކަމަށާއި އެ ފަރާތްތަކުން އެންމެ އިސްކަމެއް ދޭނީ ބަދަލުހިފުމަށް ކަމަށެވެ.

އަދި ރައީސް މައުމޫނާއި ރައީސް ނަޝީދާއި ގާސިމް ވެސް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ޖަލަށް ވަޑައިގަންނަވަން ޖެހިވަޑައިގަތް ގޮތަށް އެނބުރި ޖަލަށް އަލުން ވަޑައިގަތުމަށް ބޭނުން ނުވާ ކަމަށް އިމްރާން ވިދާޅުވިއެވެ.

"އެހެން ކަމަށް ވެއްޖެއްޔާ ވަގުތު ފާއިތުވުމުގެ ކުރިން ނިކުމެވަޑައިގެން އަޅުގަނޑުމެންނާ އެކު މަސައްކަތް ފައްޓަވައި ދެއްވާ. އެ ބޭފުޅުން (ނަޝީދު، މައުމޫން އަދި ގާސިމް) އާ އެކު ތިއްބެވި ހުރިހާ ބޭފުޅުން ވެސް ނުކުމެ އަޅުގަނޑުމެންނާ އެކު މަސައްކަތް ފައްޓަވައި ދެއްވާ. އެހެން ނޫނީ އަޅުގަނޑުމެންނަށް ވުރެ ކުރިން އެ ބޭފުޅުން ޖަލަށް ލާނެ،" އިމްރާން ވިދާޅުވިއެވެ.

އިމްރާން ވިދާޅުވީ 2008 ގައި އުފެއްދި އެމްޑީޕީގެ ވެރިކަން ތިން އަހަރުގެ ތެރޭގައި ވެއްޓި، އޭގެ ފަހުން 2013 ގައި ކުރިމަތިލާން ޖެހުނީ ދަތި އުނދަގޫތަކާ ކަމަށެވެ. އެހެންވެ، 2000 ވަނަ އަހަރުން ފެށިގެން އިސްލާހަށް މަސައްކަތް ކުރި ހުރިހާ ރައްޔިތުން ވިސްނައިގެން ނިންމުންތައް ނިންމަން ޖެހޭ ކަމަށާއި ކުދިކުދި ހިތްހަމަނުޖެހުންތައް ދުރުގައި ބަހައްޓާފައި، އެންމެން އެކުގައި ނުކުމެ މަސައްކަތްކޮށް ކާމިޔާބީ ހޯދުމަށް ގޮވާލައްވާ ކަމަށް އިމްރާން ވިދާޅުވިއެވެ.

އެމްޑީޕީ ބައިބައި ނުވެ އޮތްއިރު އިންތިހާބުތައް ކާމިޔާބު ކުރި ގޮތާއި އޭރުއްސުރެ އެމްޑީޕީގައި އުޅެ، މިހާރު އެ ޕާޓީން ވަކިވެފައިވާ މެމްބަރުންނަށް އަދި އެއް ފަހަރު ވިސްނަވަން އިމްރާން ވަނީ އެދިވަޑައިގެންފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.